ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން ހިންގާ "ގަރލްސް ޓު ކޯޑް" ގައި ބައިވެރިވުމަށް ހުޅުވާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 49ސ
ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން ހިންގާ "ގަރލްސް ޓު ކޯޑް" ގައި ބައިވެރިވުމަށް ހުޅުވާލައިފި

ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން، އަންހެންކުދިންނަށް ކޯޑިން ދަސްކޮށްދޭ ޕްރޮގްރާމް "ގަރލްސް ޓު ކޯޑް" ގެ ތިންވަނަ  ޕްރޮގްރާމް ހދ.ކުޅުދުއްފުއްޓަށް އަމާޒުކޮށްގެން ބޭއްވުމަށް ރަޖިސްޓްރޭޝަންއަށް ހުޅުވާލައިފިއެވެ. 

ދިރާގުން ބުނެފައިވަނީ މިޕްރޮގްރާމް އަމާޒުކޮށްފައިވަނީ އުމުރުން 14 އަހަރާއި 20 އަހަރާ ދެމެދުގެ އަންހެންކުދިންނަށް ކަމަށާއި މި ޕްރޮގުރާމުގައި ދަސްކޮށްދޭ ކަންތައްތަކުގެ ތެރޭގައި އެޗް.ޓީ.އެމް.އެލް. އާއި ސީ.އެސް.އެސް. އަދި ޖާވާ ސްކްރިޕްޓް ބޭނުންކޮށްގެން ވެބްސައިޓް ފަރުމާކޮށް ޑިވެލޮޕްކުރަން ހިމެނޭކަމަށެވެ.

މި ޕްރޮގްރާމުގައި ބައިވެރިވުމަށް ކުރިން އެއްވެސް ވަރަކަށް ކޯޑް ކުރުމުގެ ހުނަރު ނުވަތަ ތަޖުރިބާ ހުންނާކަށް ނުޖެހޭނެއެވެ. 

އަންހެން ކުދިންނަށް ކޯޑުކުރަން ދަސްކޮށް ދިނުމާއި އެކުދިންގެ މެދުގައި ޓެކްނޮލޮޖީއަށް ޝައުގުވެރިކަން އިތުރުކުރުމުގެ މަގްސަދުގައި ހިންގާ މި ޕްރޮގްރާމް ކުރިއަށްދާނީ ދެ މަސް ދުވަހުގެ މުއްދަތަށް އޮންލައިންކޮށެވެ.  މިޕްރޮގްރާމްގެ ބައިވެރިންގެ އަތުން އެއްވެސް ފީއެއް ނުނަގާނެވެ.  

ގަރލްސް ޓު ކޯޑް ޕްރޮގްރާމަކީ އަންހެން ކުދިން ޓެކްނޮލޮޖީ ދާއިރާއަށް ޝައުގުވެރިކުރުވުމާއި އަދި ހުނަރު ތަރައްގީކޮށް ދާއިރާގައި ދެމިތިބުމުގެ ނިސްބަތް އިތުރުކުރުމަށްޓަކައި ދިރާގާއި ވިމެން އިންޓެކް މޯލްޑިވްސް ގުޅިގެން 2019 ވަނަ އަހަރުގައި ފެށި ޓްރެއިނިންގ ސީރީސްއެކެވެ. މީގެ އެންމެ ފުރަތަމަ ޕްރޮގްރާމް ބޭއްވުނީ ފުވައްމުލަކުގައެވެ. އަދި މިޕްރޮގްރާމްއަށް ލިބުނު ތަރުހީބުގެ ސަބަބުން 2021 ވަނަ އަހަރުގެ ޖަނަވަރީ މަހު ވަނީ މި ސީރީސްގެ 2 ވަނަ ޕްރޮގްރާމް ގދ.ތިނަދޫގައިވެސް ކުރިއަށް ގެންގޮސްފައެވެ.  

ކުޅުދުއްފުށިން މި ޕްރޮގްރާމުގައި ރަޖިސްޓްރީ ވާން ބޭނުންވާ ފަރާތްތަކުން https://bit.ly/girlstocodemv2021  މި ލިންކަށް ޒިޔާރަތްކޮށް ފޯމް ފުރިހަމަ ކުރެއްވުމަށްފަހު ހުށައަޅުއްވާށެވެ. ޕްރޮގްރާމްގައި ބައިވެރިވުމުގެ ސުންގަޑިއަކީ 15 އޯގަސްޓް 2021 ގެ ނިޔަލަށެވެ.

 

މިއަދު އޮންލައިން