ގަލޮޅު ދަނޑުގައި މިރޭ ނޭޕާލާއި ދެކޮޅަށް ރާއްޖެއިން ދެއްކީ މޮޅުކުޅުމެކެވެ. އެކަމަށް މެޗްބެލި އެއްވެސް މީހަކު ދެބަހެއް ނުވާނެއެވެ! ނަމަވެސް މެޗް ނިމުނީ ދިވެހިން ރޮއްވާލާފައެވެ. 1 ލަނޑު 0 ލަނޑުން މެޗް ކާމިޔާބުކުރީ ނޭޕާލެވެ.
މުބާރާތް ކާމިޔާބުކުރެވެން އޮތީ މޮޅު ކުޅުމަކުން ނޫނެވެ. ލަނޑުޖަހައި އިދިކޮޅު ޓީމް ބަލިކޮށްގެންނެވެ. ޕޮއިންޓް ތާވަލުގައި ކުރިއަރާނީ ލަނޑު ޖެހުނު ޓީމެކެވެ.
މެޗް ނިމުމުން ގިނަބައަކު ހިތަށް އަރާނެއެވެ! "ނިކަން ދެކިބަލާށެވެ! އެހައި މޮޅަށް ކުޅުނު ދިވެހި ޓީމް ބަލިވީއެވެ. ކީއްވެގެން ހެއްޔެވެ؟ މިރޭގެ މެޗުން ދިވެހި ޓީމް މޮޅުވާން އިރާދައިގައި ނެތުމުންނެވެ. އިތުރަށް ބުނަން އޮތީ ކޮން ވާހަކައެއް ހެއްޔެވެ؟"
ދެންވެސް އޮތީ ޢިބްރަތް ޙާޞިލްކުރުމެވެ. ގަދައަޅައި މަސައްކަތްކުރުމާއިއެކު މާތް ﷲ ގެ ޙަޟްރަތުން ވާގިއެދުން ކުރިއަށް ނެރުމެވެ. އުންމީދަކީ ކުރިއަށް ހުރި މެޗްތަކުން ދިވެހި ޤައުމީ ޓީމް މޮޅުވެ މުބާރާތުގެ ތަށި ރާއްޖެއަށް ކާމިޔާބުކުރެވުމެވެ. ދުޢާއަކީވެސް އެއީއެވެ.