ކުޅިވަރަކުން ނަމަވެސް ރާއްޖެއަށް ރީތިނަމެއް ލިބިއްޖެނަމަ އެކަމަށް އުފާކުރާނީ ރައްޔިތުންނެވެ. އެއީ ވަކިޕާޓީއެއްގެ، ނުވަތަ ވަކިކުލައެއްގެ މީހަކަށް ލިބޭ އުފަލެއް ނޫނެވެ. ޤައުމުގެ ހުރިހާ ރައްޔިތުންނަށް ލިބޭ އުފަލެކެވެ. ވެރިކަމުގައި ކޮންމެ މީހަކު ހުރިނަމަވެސް ކޮންމެ ޕާޓީއެއްގެ ވެރިކަމެއް ނަމަވެސް އެކަން އޮތީ އެގޮތަށެވެ. އޮންނާނީވެސް އެގޮތަށެވެ.
ހިތާމައަކީ އެކަންކަމަށް ބަލައި ޤައުމީ ޓީމަށް ސަޕޯޓް ނުކުރެވޭކަމެވެ. ޤައުމުގެ އެންމެ އިސް މަޤާމުތައް ފުރާފައި ތިބި ބައެއް މީހުންގެ ހަސަދަވެރިކަން ވަކިންބޮޑެވެ. ވަކިކުޅުންތެރިއަކު ކުޅޭތީ ޓީމަށް ތާއީދުނުކުރާކަން އެބަ ހާމަކުރެއެވެ. އެގޮތަށް އެކަންކުރަން ރައްޔިތުންނަށް ހިތްވަރު އެބަދެއެވެ. ފިލާވަޅު ނަގައިދެއެވެ.
ޤައުމީ ޓީމަށް ގެންނަން ޖެހޭ ބަދަލުތައް ބައިވަރެވެ. އިޞްލާޙްކުރަންޖެހޭ ކަންކަންވެސް ބައިވަރެވެ. އެއިގެ ތެރެއިން އެންމެ މުހިންމު ކަންތައް އިޞްލާޙްކުރެވޭނީ ﷲ ތަޢާލާ އަށް ބިރުވެތިވާ ސަރުކާރެއް ވެރިކަންކުރާ ދުވަހަކުންނެވެ. އެކަންކަން އިޞްލާޙް ނުވެ އެހެރީ ޓީމުގެ މައްސަލައަކުން ނޫނެވެ. ކީރިތި ޤުރްއާނަށް ޢަމަލުކުރަން ބޭނުންނުވާ ސަރުކާރުތަކަކުން ވެރިކަން ކުރަމުން އައިސްފައިވާތީއެވެ. އަދި މިހާރުވެސް ވެރިކަންކުރާތީއެވެ.
އަޅުގަނޑުގެ އެދުމަކީ ހުރި މައްސަލަތައް އިހަށް ބަހައްޓާފައި އެންމެން ދިވެހި ޤައުމީ ޓީމަށް ތާއީދުކުރުމެވެ. ސަޕޯޓްކުރުމެވެ. ޚާއްޞަކޮށް ރާއްޖޭގައި ކުޅޭ މުބާރާތުގެ ތަށި ރާއްޖެއިން ގެންދިއަ ނުދީ ރާއްޖޭގައި ބަހައްޓަން އެންމެން އެއް ޢަޒުމެއްގައި މަސައްކަތްކުރަމާތޯއެވެ!
- ޢަބްދުލްމުހައިމިން / މިއަދުނޫހުގެ ކުޅުންތެރިއެއް