"ވޮންޑަރލޭންޑް ހަސަންފުޅު" ގެ ނަން އިވުމުން ގިނަ ބައަކަށް އޭނާ ފާހަގަކުރެވޭނީ ބައިސްކަލާއި ސައިކަލް މަރާމާތުކޮށްދޭ މީހެއްގެ ގޮތުގައެވެ. އެއީ އޭނާ ދިގުމުއްދަތެއްގައި ދިރިއުޅެން ކުރިމަސައްކަތްކަމުގައިވާތީއެވެ. މާލޭގައި ހިލޭ ވައިޖަހައިދޭން ފެށި ފުރަތަމަ މީހާވެސްކަމުގައިވާތީއެވެ.
ޙަސަންފުޅުގެ އެންމެ ބޮޑު ޚިދުމަތަކީ އޭނާ މިސްކިތްތަކަށް ކުރި ޚިދުމަތެވެ. އޭނާއަށް އެކި ގޮތްގޮތުން ހުރަސް އަޅަމުން ގޮސް ހުއްޓުވަންދެން އޭނާ މަސްޖިދު ޢަފީހުއްދީން ބަލަހައްޓަމުން ގެންދިއައީ ވަރަށް ފުރިހަމައަށެވެ. މަރާމާތުކުރުމާއި ވަޅުދިޔަހިއްކުމާއި އެނޫންވެސް އެތައް ބައިވަރު ކަންކަން ކޮށްދިނީ ހިލޭ ސާބަހަށެވެ. އެތައް އަހަރެއް ވަންދެންނެވެ. އެއިގެ އިތުރުން ރާއްޖެތެރޭގެ ބައެއް މިސްކިތްތަކަށްވެސް އޭނާ އެހީތެރިވިއެވެ. އެއިގެ އިތުރުން އެތައް އަހަރެއްވަންދެން ރޯދަ ވީޯއްލުން ދީ ހެދީ އެކަމަށް ގެންގުޅުނު ބައެއް މީހުންނަށް އުޖޫރަވެސްދީގެންނެވެ.
ޙަސަން ފުޅަކީ ހިތްހެޔޮ އެކުވެރިއެކެވެ. އޭނާ ގާތަށް ކަންކަމު ދިއުމުން އެންމެންގެ ބޭނުންތައްވެސް ވީވަރަކުން ފުއްދައިދޭން މަސައްކަތްކުރި މީހެކެވެ. ބައިސްކަލް މަރާމާތުކުރުމަށްފަހު ދޭނެ ފައިސާ އަތުގައި ނުހުންނަ މީހުންނަށް މާފުކުރި ދީލަތި މީހެކެވެ.
މިސްކިތައް ޚިދުމަތްކުރުން ފަދަ ކަންކަމަކީ ދުނިޔޭގައި އެމީހާ މަޝްހޫރުނުވިނަމަވެސް އުޑުތަކުގައި އެމީހަކު މަޝްހޫރުވެ ދަރަޖަ އުފުލިގެންދާނެ ކަންކަމެވެ. ޙަސަންފުޅު ނިޔާވުމުން ވަޅުލފައިވަނީ މިއަދުގެ މެންދުރު ނަމާދަށްފަހުގައެވެ.
މާތް ﷲ ޙަސަންފުޅުގެ ފުރާނައަށް ސުވަރުގޭގެ ރަޙްމަތް މިންވަރުކުރައްވަވާށި! ޢާއިލާއަށް ކެތްތެރިކަން މިންވަރުކުރައްވަވާށި! އާމީން