ޙަޤީޤަތަކީ ތެދުވެރިކަމަށް ލިބުނު ބައިލައްކަ ރުފިޔާގެ އިތުރުން ލިބޭ މުސާރަ ދެގުނަވެ މަހަކު ބައިލައްކަ ރުފިޔާއަށްވުރެ ގިނައިން ލިބެން ފެށުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 48ސ
ޙަޤީޤަތަކީ ތެދުވެރިކަމަށް ލިބުނު ބައިލައްކަ ރުފިޔާގެ އިތުރުން ލިބޭ މުސާރަ ދެގުނަވެ މަހަކު ބައިލައްކަ ރުފިޔާއަށްވުރެ ގިނައިން ލިބެން ފެށުން!

"ޙަޤީޤީ ޙާދިސާ: ލިބޭ އާމްދަނީ މަދުކަމުން ވަރަށް ނިކަމެތިޙާލުގަ އުޅެމުން އައި މީހަކު ތެދުވެރިކަމުގަ ނަމޫނާ ދެއްކުމުން ލިބުނު ބޮޑު ކުރިއެރުމުގެ ވާހަކަ" މިސުރުޚީގެ ދަށުން އިއްޔެ މިއަދުނޫހުގައި ޝާޢިޢުކުރި ލިޔުމުގެ ޙަޤީޤަތް އަޅުގަނޑަށް ވަރަށް ރަނގަޅަށް އެނގެއެވެ. އެކުގައި މަސައްކަތްކުރާތީ އާއި އެކުގައި އުޅެވޭތީއެވެ.  

އެހެންކަމުން އެކުވެރިޔާއަށް ލިބުނު ކުރިއެރުމުގެ އެކުވެރިޔާ ކިޔައިނުދީ އޮތްބައި އަޅުގަނޑޫ ކިޔައިދޭނަމެވެ. އެއީ ތެދެކެވެ. އެވާހަކައިގައިވާ ފަދައިން އެމީހާ އެކުވެރިޔާއަށް ބައިލައްކަ ރުފިޔާ ދިނެވެ.  ދެން ގޭގައި ކުރަން ޙަވާލުކުރީ އޭނާގެ އަމިއްލަ ކުންފުނީގެ އިންޓަރނަލް އޮޑިޓީންގ ގެ މަސައްކަތެވެ. މަހަކު 20000 ރުފިޔާ ލިބޭނެ ގޮތަށެވެ. 

ދެން ބަލައިލަންވީ އަޚާއަށް ލިބުނު ޕްރަމޯޝަނަށެވެ. ޕްރަމޯޝަންގެ ސަބަބުން މަހަކު 5000 ރުފިޔާ އިތުރަށް ލިބޭނެއެވެ. ވީމާ އިތުރަށް ލިބެން ފެށި 25000 ރުފިޔާއަކީ ކުރިން ލިބެމުން އައި މުސާރައަށްވުރެ ބޮޑު އަދަދެކެވެ. ޙަޤީޤަތަކީ އެކުވެރިޔާގެ ތެދެދުވެރިކަމުގެ ސަބަބުން އޭނާއަށް އެއިރު ލިބެމުން އައި އާމްދަނީ ދެގުނައަށްވުރެ އިތުރުވުމެވެ. 

ކިޔުންތެރިންނަށް އޮޅުންފިލުވައިދިނުމުގެ ގޮތުން އަދިވެސް ތަފްޞީލް ދީފާނަމެވެ. އެކުވެރިޔާއަށް އެލަވަންސްތަކާއެކު ކުރިން ލިބެމުން އައީ މަހަކު 22000 ރުފިޔާއެވެ. ތެދުވެރިކަމުގެ މެޑެއްޔާއެކު އިތުރުވީ މަހަކު 25000 ރުފިޔާއެވެ. މަހަކު ލިބެމުން އައި 22000 ރުފިޔާގެ ބަދަލުގައި މަހަކު 57،000 ލިބެން ފެށީއެވެ. 

އަޅުގަނޑުމެންނަކީ ވަރަށް އެކުވެރި މާޙައުލެއްގައި މަސައްކަތް ކުރަމުން އަންނަ ބައަކީމެވެ. ވަރަށް އެކުވެރި ޓީމަކީމެވެ. ޓީމުގެ ހުރިހާ މެންބަރުންގެ ތެރެއިންވެސް ނަމާދުކުރުމުގެ ބައިގައި އެންމެ އިސްކޮށް އަބަދުވެސް ހުންނާނީ އެކުވެރިޔާއެވެ. ވަގުތު ޖެހުމުގެ 10 މިނިޓްކުރިން އެކުވެރިޔާގެ ފޯނުން ބަންގިގިވާނެއެވެ. އެހިސާބުން އިތުރު އެއްވެސް މަސައްކަތެއް ނުކުރާނެއެވެ. ފާޚާނާއަށް ގޮސް ވުޟޫކޮށްލައިގެން ދާނީ ނަމާދުގެ ޖަމާޢަތަށެވެ. 

އަޅުގަނޑަކީ އެކުވެރިޔާ އާއި ގާތުގައި ނަމާދުކުރުމުގައި ހިފަހައްޓަން މަސައްކަތްކުރާ 3 އެކުވެރިންގެ ތެރެއިން އެކެކެވެ. ވީމާ އެކުވެރިޔާއަށްޓަކައި ހެޔޮދުޢާ ކުރަމުން މިވާހަކަކޮޅު މިހާމަކޮށްލީ އެކުވެރިޔާ ބުނެދީފައި އިން މިންވަރު ކުރުކަމުން އޮފީހުގެ ބައެއްކުދިންނަށްވެސް ކަމުގެ އަޞްލް ޙަޤީޤަތް ނުއެނގިގެން އުޅޭތީއެވެ. އެކުވެރިޔާއަށް އެ ލިބުނީ ހަމަ ވަރަށް ޙައްޤު މިންވަރެކެވެ. އެކުވެރިޔާއަށާއި އެކުވެރިޔާގެ ޢާއިލާއަށް ހެޔޮ ރަޙްމަތް އިތުރުކުރައްވަވާށި! އާމީން.  

- ތައްފީޤް / މިއަދުނޫހުގެ ކިޔުންތެރިއެއް 

މިއަދު އޮންލައިން