އދ ދަނގެތި ރައްޔިތުންގެ ލޯބި ލިބިފައިވާ ވިޔަފާރިވެރިޔާ މަޙްމޫދުގެ ހަށިގަނޑު ވަޅުލެވިއްޖެއެވެ. ރައްޔިތުންގެ ލޮލުން ކަރުނައެއް ނުހިކެއެވެ. ތިބީ އިންތިހާއަށް ބޮޑު ބިރުވެރިކަމެއްގައެވެ.
ދަނގެއްޗަށް ބަލައިފިނަމަ އެރަށަކީ ޢާންމުކޮށް ވަރަށް އެކުވެރި ރައްޔިތުން ދިރިއުޅޭ ރަށެކެވެ. މާރާމާރީ ހިންގުމާއި އަނިޔާވެރިވުމަކީ ރައްޔިތުންނާއި ވަރަށް ބީރައްޓެހި ކަންކަމެވެ. ވީމާ ކުއްލިއަކަށް ފެންމަތިވި އަނިޔާވެރި ގޮތަކަށް މަޙްމޫދުބެ މަރާލުމުމުގެ މައްސަލައިން ރަށުގެ ރައްޔިތުންނަށް އަރައިގަނެވުމަކީ ފަސޭހައިންވާނެކަމެއް ނޫނެވެ.
ޤާތިލުންނަކީ ކޮބައިކަން އަދި އެނގިފައިނުވިނަމަވެސް މާތް ﷲ ވާގިފުޅާއިއެކު ޤާތިލުންވެސް ހޯދޭނެއެވެ. އެއީ ކޮންމެ ބައަކަށްވީނަމަވެސް އެބައެއްގެ އަތުގައި ފައިސާހުރިނަމަ އެމީހުން ދިފާޢުކޮށްދޭނެ ވަކީލުންތަކެއްވެސް ނުކުންނާނެއެވެ. ދަންނަވާލަން އޮތީ މިއުޅެނީ ގިލިގިލިކޮށްޓައި މީހަކު ހެއްވާލައިގެނެއް ނޫނެވެ. މިއުޅެނީ ތޫނު އެއްޗަކުން ޙަމަލާދީ މީހަކު މަރާލައިގެންނެވެ. ރަށެއްގެ ރައްޔިތުން ރޮއްވާލައިގެންނެވެ. ރަށެއްގެ ރައްޔިތުން ބޮޑު ބިރުވެރިކަމެއްގެ ތެރެއަށް ވައްޓާލައިގެންނެވެ.
ޙައްލަކީ ކޮބާ؟
ޙައްލު ހަމަ ބައިވަރެވެ. ފުލުހުން މައުލޫމާތުދޭވަރަކުން ޙައްލުގެ ވާހަކަ ދެއްކޭނެއެވެ. މިހާރަށް ބުނެވެން އޮތީ މަރަން ޙުކުމްކޮށްފައި ޖަލުގައި އެތިބަ ޤާތިލުންތަކަށް ދޭން ކަނޑައަޅާފައިވާ އަދަބު ނިކަން ތަންފީޒުކޮށްބަލާށެވެ! ކޯޓުން ކުރާ ޙުކުމަށް ގޮންޖަހައި ތަންފީޒުނުކޮށް ބޭތިއްބުން ނިކަން ނިމުމަކަށް ގެނެސްބަލާށެވެ. ކޯޓުން ކުރާ ޙުކުމް ތަންފީޒުނުކުރުމަށްވުރެ ހަރުކަށިފިކުރަކީ ކޮބައިތޯއެވެ؟ ކޯޓުން ކުރާ ޙުކުމް ތަންފީޒުނުކުރުމަށްވުރެ ޚުދުމުޚުތާރުވުމަކީ ކޮބައިތޯއެވެ؟
ޤާތިލުންނަށް މަރުގެ އަދަބު ދިނުމަކީ ހަމައެކަނި ކޯޓުންކުރާ ޙުކުމެއް ތަންފީޒުކުރުމެއް ނޫނެވެ. އެއީ ﷲ ތަޢާލާގެ ޙުކުމްފުޅެވެ. ބިރުކަނޑާލައި ތަންފީޒުނުކޮށް ތިއަ ހިފަހައްޓަނީ ﷲ ތަޢާލާގެ އަމުރުފުޅެވެ.