ނުވަ މީޓަރަށްވރެ ދަށުގެ އުޅަނދުފަހަރުގައި ދަތުރެއް ފެށުމުގެ ކުރިން ލައިފްޖެކެޑް އެޅުވުނމަކީ ކެޕްޓަނުގެ ޒިންމާއެއް ކަމަށް ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާބެހޭ ގަވާއިދަށް ގެނައި އިސްލާހުގައި ބުނެފިއެވެ.
ހަތަރު ހާލަތެއްގައި ފަސިންޖަރުން ލައިފް ޖެކެޓް އެޅުވުމާއި، ލައިފްޖެކެޓް އަޅާނެ ގޮތުގެ މަޢުލޫމާތު ފޯރުކޮށްދިނުމަކީ ކެޕްޓަންގެ ޒިންމާއެއް ކަމަށް ކަނޑައަޅާފައިވާއިރު މީގެތެރޭގައި ހިމެނެނީ، 9 މީޓަރުން ފެށިގެން ދަށުގެ އުޅަނދުފަހަރުގައި ދަތުރެއް ފެށުމުގެ ކުރިންނާއި، މޫސުމީ ސަމާލު ނެރެފައިވާ ސަރަޙައްދެއްގައި ދަތުރުކުރާނަމަ އެ ސަރަޙައްދެއްގައި އެ ދަތުރެއް ފެށުމުގެ ކުރިން؛ އަދި މޫދު ކުޅިވަރަށް ރަޖިސްޓްރީ ކޮށްފައިވާ އުޅަނދުފަހަރާއި މުނިފޫހިފިލުވުމަށް ރަޖިސްޓްރީ ކޮށްފައިވާ އުޅަނދުފަހަރުގެ ތެރެއިން 9 މީޓަރަށްވުރެ ކުދި އުޅަނދުފަހަރު ދުއްވާނަމަ އެ ދަތުރެއް ފެށުމުގެ ކުރިންނެވެ.
މިގަވާއިދުގައި އިތުރަށް ބުނެފައިވަނީ މީހުން އުފުލާ ހުރިހާ އުޅަނދުފަހަރުގައި ލައިފްޖެކެޓް ފަސޭހައިން ބޭނުންކުރެވޭނެ ގޮތް ހެދުމާއި އުޅަނދު ފުރުމުގެ ކުރިން ލައިފްޖެކެޓް ބޭނުންކުރާނެ ގޮތުގެ މައުލޫމާތު ފަސިންޖަރުންނަށް ފޯރުކޮށްދޭންވާނެ ކަމަށާއި ދަތުރުމަތީގައި އެއްވެސް ހާލަތެއްގައި ފަސިންޖަރު ނުވަތަ ފަޅުވެރިން އުޅަނދުގެ ބޭރަށް ނިކުންނަންޖެހިއްޖެ ނަމަ ބޭރަށް ނުކުންނަންވާނީ ލައިފްޖެކެޓް އަޅައިގެން ކަމަށެވެ.
މިކަންކަމާއި ހިލާފުވެއްޖެނަމަ އެ އުޅަނދަކީ ނުވަ މީޓަރުން ފެށިގެން ދަށުގެ އުޅަނދެއްނަމަ އެ އުޅަނދުގެ އޮޕަރޭޓަރު 15000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެކަމަށް ވެސް ބުނެފައިވެވެ.