ބަރުލަމާނީ އާމެދު ޢަބްދުއްލަޠީފް ޢުމަރު ދެކެވަޑައިގަންވާގޮތް- ޅެންބަހުން

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 1ސ
ބަރުލަމާނީ އާމެދު ޢަބްދުއްލަޠީފް ޢުމަރު ދެކެވަޑައިގަންވާގޮތް- ޅެންބަހުން

   ބަރުލަމާނީ ވެރިކަމެއް ބޭނުމެއް ނޫން

 

ބަރުލަމާނީ ވެރިކަމެއް ގެއްނަން މަށެއް ނުރުހޭނަމޭ!

    އަރުތެރޭގައި  އޭގެ  ހިތިރަހަ  ލާކަށެއް ނުރުހޭނަމޭ!

ވޯޓުހޯދަންނުޖެހި ވެރިކަން އަބަދުވެސް ކުރެވޭގޮތަށް

    ކޯޓުއަމުރެއްނެތި  ހިފާ  ހައްޔަރުވިއަސް  ނުރުހޭނަމޭ!

ޕޯޗުގީޒުންނާ ހޮޅީންނަށް ދޫނުކުރި ދިވެހިން މިއީ

    ނޯތު ކަރައަށް  ޤައުމު  އަޅުވެތިވާކަށެއް ނުރުހޭނަމޭ!

މާތްވެގެންވާ ދީނުގައި ސާބިތުކަމާއެކު ތިބުމުގައި

    ގާތްކަމާ ގުޅުމާ އޮތަސް އަޅުދާސް ވެދާކަށް ނުރުހެމޭ!

ރުއްސަވާ ދީނާއި މިނިވަންކަން ތަނުން ބީވާގޮތަށް

    ރުއްސުމަށް އެއްވެސްބައެއް ކުރުމަށް ކަމެއް ނުރުހޭނަމޭ!

ޚުދު ތިމާމެންނަށް ވުރެން ގަދަބާރު ހުރި ބޮޑު ޤައުމަކަށް

    ވަދެމިތާ ފައި ހަރުކުރާކަށް  ހަމަހިލާ  ނުރުހޭނަމޭ!

މިންވރުން ލިބެވޭ މިތާ ފުދިގެން އުޅެން ބޭނުންވުމުން

    މިންޖުނުވެވޭހާ ދަރަނި  ނެގުމަށް މަށެއް ނުރުހޭނަމޭ!

ކާބަފައިން ލޭ އޮހޮރުވައިގެން ހޯދި މިނިކަން ތަނުން

    ދާބަޔަކު ކަމުގައި ވުމަށް ދުވަހެއްގަވެސް ނުރުހޭނަމޭ!

ޔާއިލާހީ މާތްވި ދީނާ އަދި ތަނުގެ މިނިވަންކަމާ

    ދާއިމަށް ދަމަހައްޓަވާނދޭ!  ހެޔޮދުޢާ  މަކުރާނަމޭ

 

ޢަބްދުއްލަޠީފް ޢުމަރު (30 އޮކްޓޯބަރ 2021)

މިއަދު އޮންލައިން