ދިވެހި ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލުގެ އެންމެ މުހިންމު ރުކުނަކީ އިސްލާމް ދީންކަމާއިމެދު މުސްލިމް އެންމެ ދިވެހިދަރުއަކުވެސް ދެބަސްނުވާނެކަމަށް ރާއްޖޭގައި މިހައިތަނަށް ވެރިކަންކުރެއްވި ކޮންމެ ވެރިއަކުވެސް ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ. ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްވެސް ގެންދަވަނީ ވިދާޅުވަމުންނެވެ.
ހަމައެއާއިއެކު ލޯތަކަށް ހާމަކަންބޮޑު ގޮތެއްގައި ފެންނަމުން މިދަނީ އިސްލާމް ދީނަށް އިހާނެތި ކަންކަން ކުރެވޭތަނެވެ. ރާއްޖެއިން އިސްލާމް ދީން ފުހެލަން ތަފާތު ގޮތްގޮތުން ކުރާ މަސައްކަތް އިތުރުވަމުން އަންނަތަނެވެ. ފައުޅުކަންބޮޑު ގޮތެއްގައި ފެންނަމުން މިދަނީ ބިންމަތީގައި ހުރި އެންމެ ޙުރުމަތްތެރިވެގެންވާ ބިނާތައް، ﷲ ތަޢާލާގެ ގެކޮޅުތައް ކަމުގައިވާ މިސްކިތްތަކުގެ ޙުރުމަތް ކަނޑަމުން ގެންދާތަނެވެ.
ގިނަބައަކު ޤަބޫލުކުރާ ގޮތުގައި މިކަމުގެ ފަހަތުގައި ފޮރުވިފައިވާ ސިއްރަކީ މިސްކިތްތަކަކީ އެއްވެސް އަގެއްހުރިތަނެއް ނޫންކަން މީސްތަކުންނަށް ވިސްނައިދިނުމެވެ. މަސްތުވެގެން ނިދަންއަރާ އަދި ޤަޟާޙާޖަތްކުރަންވެސް އެންމެ ރަނގަޅުތަންތަން ކަމުގައި ރައްޔިތުންނަށް ވިސްނައިދިނުމެވެ.
މިއީ ސަރުކާރުގެ އެއްބާރުލުން ލިބިގެން ކުރަމުން ގެންދާ ކަންކަންކަން މިހާރު މިވަނީ ޝައްކެއް ނެތް މިންވަރަށް ޔަޤީންކުރެވިފައެވެ. އެކަންކަން ކުރާ މީހުންނާއިމެދު އެއްވެސް ފިޔަވަޅެއް ނޭޅުމާއި ތަކުރާރުކޮށް އެކަންކުރަން ވީއްލާފައި ބެހެއްޓުން ފަދަ ފެންނަމުން މިދާ ކަންކަމުގެ ސަބަބުން މިއީ މިހާރު ދެބަސްވެވެން އޮތް ކަމެއް ނޫނެވެ.
ރާއްޖޭގައި އިސްލާމް ދީނުގެ ކަންކަން ބަލަހައްޓައި ޙިމާޔަތްކޮށް ކުރިއަރުވަން ދައުލަތުގެ ބަޖެޓުގައި ހިމަނާ ފައިސާގެ އަދަދު މަދުވަމުން އައިނަމަވެސް ހިމާޔަތްކޮށް ބަލަހައްޓަންޖެހޭ ވެރިންގެ ކަންކަމަށް ޚަރަދުކުރާނެ ފައިސާ ބަޖެޓުގައި ދަނީ އިތުރުކުރަމުންނެވެ.
ލޮބުވެތި ސިފައިންނޭވެ! ސަރުކާރުން އަންގާ އެންމެން އެބަހިމާޔަތްކޮށް ބަލަހައްޓަމުއެވެ. އިސްލާމް ދީނަށާއި ﷲ ތަޢާލާއަށް އަދި ލޮބުވެތި ނަބިއްޔާ ﷺއަށް ތަކުރާރުކޮށް ފުރައްސާރަކޮށް އިސްލާމް ދީނުގެ އަސްލުތައް އޮޅުވާލައި ކީރިތި ޤުރްއާން ނުބައިކޮށް މާނަކޮށް މަގުމަތީގައި ހުންނަ ރައްޔިތުންގެ މުދަލަށް ގެއްލުންދޭ މީހުންނަށްވެސް އެބަ ހިމާޔަތާއި ރައްކައުތެރިކަން އެބަދެމުއެވެ.
ލޮބުވެތިސިފައިންނޭވެ! ސަރުކާރުގެ އަމުރަށް އެކަންކަން ކުރިނަމަވެސް ތިއަބޭކަލުންގެ އިސްތަށިފުޅުގައި އެޅިފައިވާ އެންމެ ބޮޑު މަސްއޫލިއްޔަތަކީ ދިވެހި ޤައުމު ޙިމާޔަތްކުރުންކަމަށްވާއިރު އެކަން ކުރެވޭނީ ރާއްޖޭގައި އިސްލާމްދީން ޙިމާޔަތްކޮށްގެންނެވެ. މިސްކިތްތައް ހިމާޔަތްކޮށްގެންނެވެ. ކަށިހަރު ފިކުރުގެ މީހުންނަށް ކަންބޮޑުވުމުގެ ބަދަލުގައި ހަޤީޤީ ހަރުކަށިފިކުރުގެ މީހުންނާއިމެދު ކަންބޮޑުވުން އިތުރުކޮށްގެންނެވެ.
ލޮބުވެތިސިފައިންނޭވެ! ތިއަބޭކަލުން ވަނީ މާޒީގައިވެސް ތިއަބޭކަލުންގެ ފުރާނައަށް ބެއްލެވުމެއް ނެތި ސާބިތުކަމާއިއެކު ކުރިމަތިލައްވައި ޤައުމު ޙިމާޔަތްކުރައްވައިފައެވެ. ދިވެހި ޤައުމު މިއަދު ރޮމުން ގެންދަނީ މީގެ ކުރިން ދުވަހަކުވެސް ނުރޯހައި ބާރަށެވެ. އިންތިހާއަށް އަސަރާއިއެކުގައެވެ. އާދޭހާއިއެކުގައެވެ. އެއަޑު އައްސަވައި ޢިޖާބަދެއްވުން އަވަސްކުރައްވަންވީ ވަގުތު މިވަނީ އައިސްޖެހިފައެވެ.
1988 ނޮވެމްބަރު 3 ގައި ތިއަބޭކަލުން ދައްކަވައި ދެއްވެވިފަދަ ހިތްވަރު މިއަދުވެސް ދައްކަވައިދެއްވައި ދިވެހި ޤައުމަށް މިއަދު ކުރިމަތިވެފައިވާ ﷲ ތަޢާލާ އާއި ދެކޮޅު ޒަލްޒަލާއިން ޤައުމު ސަލާމަތްކޮށްދެއްވެވޭނީ ހަމަ ތިއަބޭކަލުންނަށެވެ. ދިވެހި ސިފައިންގެ އަގުހުރި ޚިދުމަތަށް ދިވެހި ރައްޔިތުން އަބަދުވެސް ހިތުގެ އެންމެ އަޑިން ތައްރީފްކުރެއެވެ. ތިއަބޭކަލުންނަށްޓަކައި ދިވެހިލޭހިނގާ ކޮންމެ ރައްޔތަކުވެސް ފަޚުރުވެރިވެއެވެ. އެކަން އެގޮތަށް ދެމިއޮންނަން ހުރި ހުރަސްތައް އަވަހަށް ނައްތަވައިލަ ދެއްވާށެވެ!
މިލޮބުވެތި ވަޠަން އިސްލާމްކަންމަތީގައި އަބަދަށް!
ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ތިއަ ހިތްވަރުގަދަ ހުރިހާ ސިފައިންނަށް ސެލިޔުޓް ކުރަމެވެ. ސިފައިންގެ ޚިދުމަތުގައި މިހައިތަނަށް އުޅުއްވި ހުރިހާ ބޭކަލުންވެސް ހިމަނައިގެންނެވެ.