މިއަދަކީ ރާއްޖޭގައި ފާހަގަކުރާ ނަޞްރުގެ ދުވަހެވެ. ނޮވެމްބަރު މހުގެ 3 ވަނަ ދުވަސް ނަޞްރުގެ ދުވަހަކަށް ވީ 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު، އެއިރު ސްރީލަންކާގައި ކުރަމުން ގެންދިއަ ޓެރަރިސްޓް ހަނގުރާމައިގައި އިންޑިއާއިން އެހީތެރިވަމުން އައި ޕްލޮޓް ޖަމާއަތުގެ ޓެރަރިސްޓުންގެ ބައަކު ގޮވައިގެން ބާޣީ ޢަބްދުﷲ ލުޠްފީ އިސްވެ ހުރެ މާލެ އަރައި ދިން ޓެރަރިސްޓް ހަމަލާތަކުން ދިވެހި ޤައުމުމުގެ މިނިވަންކަމާއި އިސްތިޤްލާލް ޙިމާޔަތްކޮށް އަދި އިސްލާމް ދީން ޙިމާޔަތްކުރަން ދިވެހި ސިފައިންނާއި ރައްޔިތުން ކުރި ޖިހާދަށް ﷲ ތަޢާލާ އެދުވަހު ދެއްވެވި މަތިވެރި ނަޞްރުގެ ސަބަބުންނެވެ. ނަޞްރުގެ ދުވަހުގެ ގޮތުގައި 3 ނޮވެމްބަރު ފާހަގަކުރަނީ އެ ސަބަބަށްޓަކައެވެ.
މިއަހަރުގެ ނަޞްރުގެ ދުވަސް އައިއިރު ދިވެހިންނަށް ޖިހާދުކުރަން ޖެހިފައިމިވަނީ އެދުވަހު ދިވެހިންނަށް ނަޞްރު ދެއްވެވި ﷲ ތަޢާލާގެ ދީން ނޫން އެހެން ދީނަކަށް ރާއްޖެއިން ފުރުޞަތު ނުދިނުމަށެވެ. އެފުރުޞަތު ހޯދަން މަސައްކަތްކުރާ ޖަމާއަތްތަކާއި މީހުންގެ ކިބައިން ދިވެހި ރައްޔިތުން ސަލާމަތް ކުރުމަށެވެ. އެދުވަހު ނަޞްރު ދެއްވެވި ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވާ ހަމައެކަނި ދީން ކަމުގައިވާ އިސްލާމް ދީން ހިމާޔަތްކޮށް އިސްލާމް ދީނަށް ނަޞްރު ދިނުމަށެވެ.
އެހެންކަމުން 3 ނޮވެމްބަރުގެ އުދުވާނީ ހަމަލާއިން ދިވެހި ޤައުމާއި އިސްލާމް ދީން ޙިމާޔަތްކުރަން ޖިހާދު ކުރެއްވެވި މުޖާހިދުންގެ ޛިކުރާ އައުކޮށް މަރުހްބާ އާއި ތަހުނިޔާ އަރިސްކުރާ ޙާލު މިއަދު ޤައުމަށް ކުރިމަތިވެފައިވާ ބޮޑު މުޞީބާތުން ޤައުމު ސަލާމަތްކުރަން މަސައްކަތްކުރާ ހުރިހާ މުޖާހިދުންނަށް ވެސް މަރުޙަބާ އާއި ތަހުނިޔާ އަރިސްކުރަމެވެ.
އެދުވަހު ދިވެހި ދިވެހި ސިފައިން ހަނގުރާމަކުރީ ހަތިޔާރުންނެވެ. މިއަދު ދީނީ ޢިލްމުވެރިންނާއި އެބޭފުޅުންގެ ބިޔަ ލަޝްކަރު ހިތްވަރާއިއެކު ޖިހާދުކުރަމުން އެގެންދަނީ ދުލުންނާއި ޤަލަމުންނެވެ. ﷲ ތައާލާގެ މަތިވެރިކަމާއި އެކަލާނގެ ބާވައިލެއްވެވި ކީރިތި ޤުރުއާނުގެ މަތިވެރިކަން އަދި ރަސޫލް (ﷺ)ގެ ސުންނަތަށް ތަބަޢަވުމުގެ މުހިންމުކަން އޮޅުންފިލުވައިދީގެންނެވެ.
ހިތާމައަކީ ނަޞްރުގެ ދުވަސް ބައްދަލުކުރީ ނަޞްރުގެ ދުވަހު ނަޞްރު ދެއްވި ﷲ އަށް ނަޞްރު ދޭން ނުކުޅެދިފައިވާ ހާލުގައި ކަމަށްވުމުންނެވެ. މިއަދަކީ ކަޅު ދުވަހެއްގެ ގޮތުގައި ފާހަގަކުރެވެނީ އެ ސަބަބަށްޓަކައެވެ.
އެކަމަށް ވިސްނައި ފުލުހުން ވަނީ ޤައުމީ ދުވަހާއި ނަޞްރުގެ ދުވަސް އައިއިރު އެމީހުންގެ ވާޖިބު އަދާކޮށްފައެވެ. ރާއްޖެއިން އިސްލާމް ދީން ފުހެލަން މަސައްކަތްކުރާ އެމްޑީއެން އިން ދިވެހިން ޝައިޠާނާގެ މަގަށް ލެންބުވުމަށް ރިޕޯޓެއްގެ ނަމުގައި ނެރުނު ޝައިޠާނީ ކަރުދާސްތަކަކީ ހަމަ ޝައިޠާނީ ލވަސްވާސްތައް ހުރި ކަރުދާސްތަކެއްކަން ފުލުހުން ވަނީ ކަސަވަރުކޮށްދީފައެވެ. އަދި ފުލުހުން ވަނީ އެކަން ހާމަކުރުމުގެ އިތުރުން ޖަމިއްޔާތަކުގެ ބެލެނިވެރި ފަރާތަށްވެސް ރަސްމީގޮތުން އަނގައިފައެވެ.
މިއަދަކީ ކަޅު ދުވަހެއްގެ ގޮތުގައި ފާހަގަކުރަން ޖެހެނީ ފުލުހުންގެ ނިންމުމަށް 3،4 ދުވަސްވެގެންދާއިރުވެސް އެންމެ ކުޑަމިނުން، ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުތަކާއި ޚިލާފްވެފައިވާ ޝައިޠާނީ ޖަމާޢަތް އުވާލަންވެސް ސަރުކާރު ނުކުޅެދިފައިވުމުންނެވެ.
ނަޞްރަކީ ﷲ ތަޢާލާގެ ޙަޟްރަތުން ލިބޭ އެއްޗެއްކަން ޤަބޫލުކުރަން ބައަކު މިވަނީ ފަސް ޖެހިފައެވެ. ﷲ ތަޢާލާ ނޫން އެހެން ފަރާތްތަކަކަށް ނަޞްރު ދެވިދާނެ ކަމަށް ޤަބޫލުކުރާ ބައަކު އެބަތިބިކަން މިއަދު މިވަނީ ހާމަވެފައެވެ. ޤާނޫނު އަސާސީގައި ބަޔާންކުރާ ޙަޤީޤީ ދިވެހިންގެ ދުޢާއަކީ މިޙާލަތުން ދިވެހި ރައްޔިތުންނާއި ދިވެހި ޤައުމު ސަލާމަތްކޮށްދެއްވެވުމެވެ. ﷲ ތަޢާލާ މަތިވެރިކޮށް އިސްލާމް ދީނަށް ނަޞްރުދޭ ބައެއްގެ ގޮތުގައި ދާއިމަށް ލައްވަވައި ދެއްވެވުމެވެ.
(މިއީ ނަޞްރުގެ ދުވަސް ފާހަގަކުރަން މީގެ 2 އަހަރުކުރިން ލިޔެފައިވާ ލިޔުމެކެވެ. ހަމަގެނައި ބަދަލަކީ "ކަޅުކަން ގަދަ" އިތުރުކުރުމެވެ. 2 އަހަރުވީއިރު ކޮންމެ އަހަރަކުވެސް ކަޅުކަން ގަދަވަމުން އަންނާތީއެވެ.)