މަނިކުފާނު މިއަދުވިދާޅުވެއްޖައީމުއެވެ. "ދިވެހިރާއްޖޭގެ ފަޚުރުވެރި ނަޞްރުގެ ދުވަސް ދިވެހިންނަށް ހަނދާން އާކޮށްދެނީ، ޤައުމީ މަޞްލަޙަތު ދެމެހެއްޓުމުގެ މުހިންމުކަމެވެ. އަމިއްލަ އެދުމުގެ ކުރިއަށް، ދީނާއި ޤައުމު ނެރެންޖެހޭކަމެވެ."
ތިއަ ވިދާޅުވި ދިވެހި ޤައުމުގެ ޤައުމީ މަޞްލަޙަތު ގުޅިފައިވަނީ ފާއިތުވި 900 ވަރަކަށް އަހަރު ދިވެހިން ސާބިތުވެ މިތިބަ މާތްވެގެންވާ އިސްލާމްދީން ޙިމާޔަތްކުރުމާއި ދީނީ އެއްބައިވަންތަކަން ދެމެހެއްޓުމާއި ކަމަށް މަނިކުފާނު އަބަދުވެސް ވިދާޅުވަމުއެވެ. އެކަންކަމަށް އެއްވެސް ސަމާލުކަމެއް މިއަދު އެބަ ޢަމަލުން ދެއްވަންތޯއެވެ؟
އަދިވެސް މަނިކުފާނު މިއަދު ވިދާޅުވެފައިވެއެވެ. "ބަދަލުވަމުންދާ ދުނިޔޭގައި ކުރިމަތިލާންޖެހޭ ނުރައްކާތައް ދަނީ ތަފާތުވަމުންނެވެ. ނަމަވެސް ރައްޔިތުން، އެއް ޢަޒުމެއްގައި އެކަތިގަނޑެއްގެ ގޮތުގައި ތިބެ، އެފަދަ ކަންކަމާ ކުރިމަތިލައިފިނަމަ، މާތްﷲގެ ވާގިފުޅާއި މިންވަރުފުޅުން ކާމިޔާބާއި ނަޞްރު ލިބޭނެކަން ކަށަވަރެވެ. އިސްތިޢުމާރީ ބާރުތަކާ ދެކޮޅަށް، ކާބަފައިންނެކޭ އެއްފަދައިން ހަނގުރާމަކުރުމަށް ފަސްނުޖެހޭ، ޒުވާން ލޭ ހިނގާ ދަރިން، މި ޤައުމުގައި އާލާވެ އިތުރުވަމުން ދާންޖެހެއެވެ. ޝަހީދު ކޯޕްރަލް ޙުސައިން އާދަމާއި، ނޮވެންބަރު ތިނެއްގައި ޝަހީދުވެދިޔަ ޤައުމީ ބަޠަލުން އެ ސާބިތުކޮށްދެއްވީ އެކަމެވެ."
މަނިކުފާނު ތިއަ ގޮވާލައްވަނީ ރާއްޖޭގައި ހިންގާ އިސްލާމް ދީނާއި ޚިލާފް ކަންކަން ހުއްޓުވުމަށާއި އިސްލާމް ދީނާއި ދެކޮޅަށް ފާސްކޮށްފައިވާ ޤާނޫނުތަކާއި ހަދާފައިވާ ޤާނޫނުތަކާއި ސރުކާރުން ކުރާ ޢަމަލުތައް ހުއްޓުވަން " ރައްޔިތުން، އެއް ޢަޒުމެއްގައި އެކަތިގަނޑެއްގެ ގޮތުގައި ތިބެ، އެފަދަ ކަންކަމާ ކުރިމަތިލައިފިނަމަލާން"ތޯއެވެ؟ އެހެންކަމަސްވާނަމަ އެކަން ތަންކޮޅެއް ސާފުކޮށް ވިދާޅުވުމުން ރައްޔިތުންނަށް ކުރިއަށްދާންވީ މަގު ސާފުވެ އޮޅުންފިލާނެ ނޫންތޯއެވެ؟
ޢިއްޒަތްތެރި ރައީސްއެވެ. ރައްޔިތުންނަށް މިއަދު ކުރިމަތިލާންޖެހިފައިވަނީ އިސްތިޢުމާރީ ބާރުތަކާއި އެކަންޏެއް ނޫނެވެ. ރާއްޖޭގައި ހިންގާ ﷲ ތަޢާލާ އާއި ބުރަކަށި ފިކުރުގެ ކަންކަން ހުއްޓުވަން ރައްޔިތުން ނުނުކުމެ އެއްވެސް ކަމެއް ޙައްލުކުރެވޭނެ މަގަކީ ކޮބައިތޯއެވެ؟
މުސްލިމް ދިވެހިރައްޔިތުންގެ ހިތުގެ ވިންދު ގުޅިފައިވަނީ މިސްކިތްތަކާއިއެވެ. މިސްކިތްތަކަކީ މަސްތުވެގެން ތިބެ ނިދަން އަރާ ހާލިތަކަކަށް ހެދުމުންވެސް ސަރުކާރުން އެޅި އެއްވެސް ފިޔަވަޅެއް އަދި ނުފެނެއެވެ. މިސްކިތްތަކަށް ކުޑަކަމުދާހިތްވާ ބަލިޖެހިފައިތިބި މީހުންގެ ކިބައިން މިސްކިތްތައް ސަލާމަތްކުރަން ކުރާ އެއްވެސް ކަމެއް ނުފެންނައިރު އެފަދަ ޢަމަލުތައް ކުރާ މީހުން ވަނީ މުޖުތަމައުއަށް މިނިވްނަކަމާއިއެކު ދޫކޮށްލެވި އެކަން ކުރުމުގެ ލައިސަންސް ދެވިފައެވެ.
މމިއީ ރާއްޖެއަށް އެހެންދީންތައް ގެނައުމަށާއި ދީނީ މިނިވްނަކަމަށް މަސައްކަތްކުރާ ފަރާތްތަކަށް އެކަންކަން ކުރުމުގެ ފުރުޞަތު ދީފައި އޮތް އޮތުމުގެ އިތުރުން މިއަދު މުޖުތަމައުގައި އުފެދިފައިވާ ރައްޔިތުން އެންމެ ކަންބޮޑުވާ މައްސަލަތައްކަން މަނިކުފާނަށްވެސް ޤަބޫލުފުޅު ކުރެއްވެވޭނެއިރު ދައުލަތުގެ ޒިންމާއަކީ ކޮބައިކަމާއިމެދު މުސްލިމް ދިވެހި ރައްޔިތުން ގެންދަނީ ސުވާލުކުރަމުންނެވެ.
2021ވަނަ އަހަރުގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ފޮނުއްވި ޚިޠާބު
بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
الحَمْـدُ لِلّـهِ رَبِّ العَـالَمِـين، وَالصَّـلاةُ وَالسَّلامُ عَلـى مُحَـمَّدٍ، وعَلَى آلِـهِ وَصَحْبِـهِ أجْمَعِـيْن.
މިއަދަކީ، ދިވެހިރާއްޖޭގެ 34 ވަނަ ފަޚުރުވެރި ނަޞްރުގެ ދުވަހެވެ. ނަޞްރުގެ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ، ދިވެހިރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް ދަންނަވަމެވެ. މާތް ﷲގެ ވާގިފުޅާއެކު މި ލޮބުވެތި ވަޠަނަށް ނަޞްރު ހޯއްދަވައިދެއްވުމަށް، 3 ނޮވެންބަރު 1988ގައި ހިތްވަރާއި ޢަޒުމާއެކު ހަނގުރާމަކޮށް ޝަހީދުވެދިޔަ ޤައުމީ ބަޠަލުންގެ ހަނދާން އައުކޮށް، އެ ޝަހީދުންގެ ފުރާނަފުޅުތަކަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ލެއްވުން އެދި اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތުގައި ދުޢާ ދަންނަވަމެވެ.
ދިވެހިރާއްޖޭގައި ފަޚުރުވެރިކަމާއެކު ނަޞްރުގެ ދުވަހެއް ފާހަގަކުރަމުންމި އަންނަނީ، ހިތްވަރުގަދަ ދިވެހި ސިފައިން ވެފައިވާ ވަރަށް މަތިވެރި ޤުރުބާނީއެއްގެ ހަނދާންތައް އައުކޮށްދެމުންނެވެ. ދީނާއި ޤައުމަށްޓަކައި ފުރާނައިން ފިދާވެދިޔަ އެތައް ސިފައިންނެއްގެ ޒިކުރާ އައުކޮށްދެމުންނެވެ. މިއީ، ދުޝްމަނުން ދެމުންދިޔަ ވަރުގަދަ ޙަމަލާތަކުގެ ކުރިމަތީގައި، ދިވެހި ޢަސްކަރިއްޔާގެ ހިތްވަރުގަދަ ކެރޭ ފަހުލަވާނުން، އަމާންނުދީ ސާބިތުކަމާއެކު ހަނގުރާމަކޮށް، ދިވެހި ޤައުމަށް ނަޞްރު ހޯދައިދިން ދުވަހެވެ. މިއަދު ދިވެހިރާއްޖޭގެ ކޯއްޓޭތަކުގައި، ފެއްސާއި ރަތާއި ހުދުގެ ޤައުމީ ދިދަ ވިހުރެމުން އެދަނީ، އެ ދުވަހު ދިވެހި ސިފައިން ވެފައިވާ މަތިވެރި ޤުރުބާނީގެ ސަބަބުންނެވެ.އެ ބޭފުޅުން އެ ދުވަހު މި ޤައުމަށް ދެއްކެވި ޤައުމީ ނަމޫނާއަކީ، މިއަދާއި މާދަމާގެ ދަރިންވެސް، ނަމޫނާއެއްގެ ގޮތުގައި ދެކެންޖެހޭނެ، އަދި އެ ބޭފުޅުންގެ ޒިކުރާ އަބަދުވެސް އާކުރަންޖެހޭނެ މަތިވެރި ނަމޫނާއެކެވެ.
ޞުލްޙަވެރިކަމާއި އަމާންކަމާއި ހަމަޖެހުމާއި އުފާވެރިކަމާއެކު،މި ޖަޒީރާތަކުގައި ދިރިއުޅެމުން އައި ދިވެހިންނަށް، 1988 ނޮވެންބަރު ތިންވަނަ ދުވަސްވީ، ނިރުބަވެރިކަމުގެ ބިރުވެރި ނުރައްކަލުގެ ތެރެއަށް ހޭލެވުނު ދުވަހެއް ކަމުގައެވެ. އެ ދުވަހުގެ އިރު އަރަމުންދިޔަ ވަގުތަކީ، ބަޑީގެ ނުރައްކާތެރި އަޑުފަށްގަނޑާއެކު، ބިރުވެރި އެތައް ވާހަކަތަކެއް ފެތުރެމުންދިޔަ ވަގުތެކެވެ. އެ ހެނދުނަކީ، ދުޝްމަނުންގެ ބަޑީގެ ވަޒަންތައް އަމާޒުވެ، ޝަހީދުވި ސިފައިންނާއި މުވާޠިނުންގެ ޚަބަރުތައް، ޤައުމަށް ފެތުރެމުންދިޔަ ހިތްދަތި ހެނދުނެކެވެ. ދެންވާނެ ގޮތަކާމެދު ހުރިހާ ރައްޔިތުންވެސް ނުހަނު ކަންބޮޑުވެ ހާސްވެފައި ތިބި ވަގުތެކެވެ.
އެހެން ނަމަވެސް، ދިވެހި ރައްޔިތުން އެ ދުވަހުވެސް އުއްމީދު ކަނޑައެއްނުލައެވެ. ދިވެހި ޢަސްކަރިއްޔާއަށް އޮތް އިތުބާރު ދެމެހެއްޓިއެވެ. ދިވެހި ރައްޔިތުންގެ މެދުގައި އޮތް އެކުވެރިކަމާއި އެއްބައިވަންތަކަން ސާބިތުކޮށްދިނެވެ. ޤާނޫނީ ސަރުކާރަށް ފުރިހަމައަށް ބޯލަނބައި ކިޔަމަންތެރިވިއެވެ. އެންމެ ވަރުގަދަ ހަތިޔާރެއް ކަމުގައި ހެދީ، ހިތްތަކުގައި ބިންވަޅު ނެގިފައިވާ އިސްލާމީ މަތިވެރި ޢަޤީދާއެވެ. މި ލޮބުވެތި ވަޠަންގެ މިނިވަންކަމާއި ސިޔާދަތު ދަމަހައްޓަވައި، ނަޞްރު ދެއްވުން އެދި ކީރިތިވަންތަ اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތުގައި އިޚްލާޞްތެރިކަމާއެކު ދުޢާ ދަންނަވަމުން ގެންދިޔައެވެ. އެ ދުޢާތައް އިޖާބަކުރައްވައި، ދިވެހި ސިފައިން އެދުވަހު ކުރި ވަރުގަދަ ޖިހާދަށް ކާމިޔާބު ދެއްވިކަމަށްޓަކައި އެކަލާނގެ ޙަޟްރަތަށް ޙަމްދުކުރަމެވެ.
ނޮވެންބަރު ތިނެއްގެ ޢުދުވާނީ ޙަމަލާއިން ދިވެހިރާއްޖެ ސަލާމަތުގެ އައްސޭރިއަށް ފޯރުކޮށްދިނީ، ދިވެހި ދަރިންގެ ހިތްވަރާއި ހިންމަތާއި މިންނަތުންނެވެ. ދިވެހި ދަރީންތަކެއް ވެދިން މަތިވެރި ޤުރުބާނީގެ ސަބަބުންނެވެ. އެ ދުވަހު ބައިނަލްއަޤްވާމީ ދުނިޔެ ދިވެހިރާއްޖެއާއެކު ސާބިތުވެ އޮތް އޮތުމަކީ، ދިވެހިންނަށް ލިބުނު ވަރުގަދަ ހިތްވަރެކެވެ. ޚާއްޞަކޮށް، އަވަށްޓެރި އިންޑިއާއިން އެދުވަހު ފޯރުކޮށްދިން ޢަސްކަރީ އަވަސް އެހީގެ މަތީން ހަނދާންކޮށް، އެ ޤައުމުގެ އެކުވެރި ރައްޔިތުންނަށާއި ސަރުކާރަށް ޙައްޤު ޝުކުރު އަދާކުރަން ޖެހެއެވެ.
ދިވެހިރާއްޖޭގެ ފަޚުރުވެރި ނަޞްރުގެ ދުވަސް ދިވެހިންނަށް ހަނދާން އާކޮށްދެނީ، ޤައުމީ މަޞްލަޙަތު ދެމެހެއްޓުމުގެ މުހިންމުކަމެވެ. އަމިއްލަ އެދުމުގެ ކުރިއަށް، ދީނާއި ޤައުމު ނެރެންޖެހޭކަމެވެ. ބަދަލުވަމުންދާ ދުނިޔޭގައި ކުރިމަތިލާންޖެހޭ ނުރައްކާތައް ދަނީ ތަފާތުވަމުންނެވެ. ނަމަވެސް ރައްޔިތުން، އެއް ޢަޒުމެއްގައި އެކަތިގަނޑެއްގެ ގޮތުގައި ތިބެ، އެފަދަ ކަންކަމާ ކުރިމަތިލައިފިނަމަ، މާތްﷲގެ ވާގިފުޅާއި މިންވަރުފުޅުން ކާމިޔާބާއި ނަޞްރު ލިބޭނެކަން ކަށަވަރެވެ. އިސްތިޢުމާރީ ބާރުތަކާ ދެކޮޅަށް، ކާބަފައިންނެކޭ އެއްފަދައިން ހަނގުރާމަކުރުމަށް ފަސްނުޖެހޭ، ޒުވާން ލޭ ހިނގާ ދަރިން، މި ޤައުމުގައި އާލާވެ އިތުރުވަމުން ދާންޖެހެއެވެ. ޝަހީދު ކޯޕްރަލް ޙުސައިން އާދަމާއި، ނޮވެންބަރު ތިނެއްގައި ޝަހީދުވެދިޔަ ޤައުމީ ބަޠަލުން އެ ސާބިތުކޮށްދެއްވީ އެކަމެވެ.
އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، މާތްވެގެންވާ އިސްލާމްދީނުގެ ހިދާޔަތުގައި، މިނިވަން ޤައުމެއްގެ ގޮތުގައި ތާއަބަދު މި ލޮބުވެތި ވަޠަން ލެއްވުމެވެ. އަދި މި ލޮބުވެތި ވަޠަންގެ ޙައްޤުގައި، ދީނާއި ޤައުމަށްޓަކައި ހަނގުރާމަކުރާ މުޖާހިދުންނަށް، ނަޞްރާއި ނަޞީބާއި ކާމިޔާބު މިންވަރުކޮށްދެއްވުމެވެ.