ޢަބްދުﷲ ލުޠްފީއަކީ މާލެއިންސުރެ އަޅުގަނޑުގެ ރައްޓެއްސެކެވެ. ޑޮލަރުގެ ދަތިކަން ކުރިމަތިވި ދުވަސްތަކުގައި ޑޮލަރުވެސް ވިއްކިއެވެ. އެއިރު ލުޠްފީއަކީ ދިރޭމަސް އެކްސްޕޯޓްކޮށްގެން ޑޮލަރު ލިބޭ މީހެކެވެ.
މާލެއިން ބައްދަލުނުވާތާ ގިނަ ދުވަސްތަކެއްވެފައިވަނިކޮށް ދެމީހުން ބައްދަލުވީ ސްރީލަންކާއިންނެވެ. އެއިރު ލުޠްފީ ހިންގަނީ ކުކުޅު ފާމެކެވެ. އެފާމުން ލިބެނީ ހަފްތާއަކު 300- 500 ވަރަކަށް ކިލޯ ކުކުޅެވެ. ބައްދަލުވިފަހުން ލިބޭ ކުކުޅު ގަންނަމުން އައީ އަޅުގަނޑުގެ ސްރީލަންކާ ސަޕްލަޔަރު ސެގަރާޖަސިންގަމްއެވެ.
ކުކުޅު ސަޕްލައިކުރާދުވަހު ފައިސާ ނުލިބިއްޖެނަމަ ލުޠްފީއަށް ދަތިވެއެވެ. އެހައިވެސް އޭނާހުރީ ފައިސާގެ ގޮތުން ދަތިޙާލުގައެވެ. އެހެންވެ ކޮންމެ ދުވަހަކުވެސް ދިއައީ އަގުއަދާކުރަމުންނެވެ.
ދެން އެނގުނީ ކުއްލިއަކަށް އޭނާ ތަމަޅައިންގެ ބައަކު ގޮވައިގެން ޒަމާނީ ހަތިޔާރާއިއެކު މާލެއަރައި މާލެހިފަން މަސައްކަތްކުރިކަމެވެ.
އަޅުގަނޑުގެ ހިތުގައި އުފެދޭ ސުވާލަކީ މާލީ ގޮތުން އެހާ ދަތިޙާލުގައި ހުރި މީހަކު އެ ބޮޑު އޮޕަރޭޝަނަށް ފައިސާހޯދިގޮތެކެވެ. ލުޠްފީ ލަންކާ ބައެއްގެ އަތުން ނުވަތަ ދިވެއްސެއްގެ އަތުން ނަމަވެސް މަކަރުން ފައިސާ ހޯދިނަމަ އެކަން ސިއްރެއް ނުވީހެވެ. އެބައަކު އެވާހަކަ ދައްކާނެއެވެ. އޭނާގެ އަތުން ފައިސާ ހޯދަން މަސައްކަތްވެސް ކުރާނެތީއެވެ.
އަޅުގަނޑަށް ތަޙްޤީޤުން ޤަބޫލުނުކުރެވެނީ އެއީ ލުޠްފީ ކުރިކަމެއްކަމަށް އޮތްބައެވެ. މޫނުމައްޗަށް ފެންނަން ހުރީ ލުޠްފީއެވެ. އެއީ ދެބަސްވެވެން އޮތްކަމެއް ނޫނެވެ. ނަމަވެސް އަޅުގަނޑަށް ޤަބޫލުކުރެވޭ ގޮތުގައި އެ ޢުދުވާނީ ހަމަލާ ހިންގުވުމަށް ފައިސާ ޚަރަދުކުރި ތަނަވަސްބައަކު ތިބޭނެއެވެ.
މިޙަޤީޤަތް އޮޅުވާލައި ދައްކާ އެއްވެސް ވާހަކައަކީ ހަމަގައިމުވެސް އަޅުގަނޑުގެ ބުއްދިއަށް ޤަބޫލުކުރެވޭނެ ވާހަކައެއް ނޫނެވެ. އެންމެ ޒަމާނީ ހަތިޔާރު ހިފައިގެން ހަމަ މީހަކު ދައްކާ ހުވަފެނަކަށް ހެއްލިގެން ޓެރަރިސްޓް ޖަމާޢަތަކުން ރާއްޖެއަތުވެދާނެކަން އެއީ ހަމަ ބުއްދިއަށް ޤަބޫލުކުރަން އުނދަގޫ ކަމެކެވެ. އަޅުގަނޑަށް ޤަބޫލުކުރެވޭ ގޮތުން އެންމެ ބޮޑު ބާޣީއަކީ އެކަމަށް ފައިސާޚަރަދުކުރި ފަރާތެވެ. ތާރީޚަށްޓަކައި މިކަންކަން އެނގެން ޖެހެއެވެ.
މިކަމުގައި މިހާރު ލުޠްފީ ދައްކާ ވާހަކައިގަ ބުރަދެއް ހުރެދާނެކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. ޙަޤީޤަތް އެނގޭނީ އެއިރުކުރި ތަޙްޤީޤްތައް ރަނގަޅަށް ދިރާސާކޮށްގެންނެވެ.
މިއީ އަޅުގަނޑުގެ ވިސްނުމެވެ.