ދަރުމަވަންތަ ރަސްގެފާނު ރާއްޖެ އިސްލާމް ކުރެއްވި ދުވަހުން ފެށިގެން ރާއްޖެ އިސްލާމް! ގެއްލެމުންދަނީ ވެރިންގެ އިސްލާމްކަން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 19ސ
ދަރުމަވަންތަ ރަސްގެފާނު ރާއްޖެ އިސްލާމް ކުރެއްވި ދުވަހުން ފެށިގެން ރާއްޖެ އިސްލާމް! ގެއްލެމުންދަނީ ވެރިންގެ އިސްލާމްކަން!

މީގެ 895 އަހަރުކުރިން އެއިރު ރަސްކަމުގައި ހުންނެވި ދަރުމަވަންތަ ރަސްގެފާނު، މުޙައްމަދު ބިން ޢަބްދިﷲ ރާއްޖެ އިސްލާމް ކުރެއްވެވީންސުރެ މިދިވެހިރާއްޖެ މިއޮތީ ސައްތައިން ސައްތަ މުސްލިމް ޤައުމެއްގެ ގޮތުގައެވެ. ކުޑަވަމުން ނެތެމުންދަނީ ޤައުމުގެ ވެރިންގެ އިސްލާމްކަމެވެ. 

އަލްއަމީ މުޙައްމަދު އަމީން ލިޔުއްވާފައިވާ ތަންޤީޙްކުރެވުނު ދިވެހިތާރީޚުގެ ތަންތަންކޮޅު ރަނގަޅަށް ބައްލަވާށެވެ! ދިިވެހިން އެންމެ ބޮޑަށް އިސްލާމް ދީނަށް ޢަމަލުކުރި ދުވަސްވަރުގެ ވާހަކަ ފެނިވަޑައިގަންނަވާނެއެވެ. ސަބަބެއް ކަމަށް ލިޔުއްވާފައިވަނީ ވެރިކަމުން ދިން ސަމާލުކަމެވެ. ރަސްގެފާނު ނަމާދުކުރެއްވުމުގެ އިތުރުން މީސްތަކުން ނަމާދުކުރުމަށް ރަސްގެފާނު ބާރު އަޅުއްވައި އަމުރުފުޅު ކުރެއްވެވިކމެވެ. 

އެއީ އެޒަމާނުގައި ވީގޮތްކަމަށް ބުނެވޭކަށް ނެތެވެ. ކޮވިޑުގެ ކުރިން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ހުކުރުމިސްކިތަށް ތަރާވީޙަށް ވަޑައިގަންނަވައެވެ. އެއިގެ ކުރިން ދުވަހަކު މިސްކިތުން ނުފެންނަ ގިނަބައަކު އެއިރު ތަރާވީޙް ނަމާދުން ފެނުނެވެ. 

ހިތާމައަކީ ޙުސައިން ޞަލާޙުއްދީނާއި މުޙައްމަދު ޖަމީލަށްފަހު އުުއްތަމަ ފަނޑިޔާރުން މިސްކިތުގެ ޖަމާޢަތުން ނުފެންނަކަމެވެ. ރައީސް އިބްރާހީމް ނާޞިރުން ފެށިގެން ވެރިއަކު ޚާއްޞަ ގޮތތަކުން ނޫނީ މސްކިތުގެ ޖަމާޢަތުން ނުފެންނަކަމެވެ. ނަތީޖާއަކީ ޖަމާޢަތުގައި ނަމާދުކުރުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެއްކަމަށް ގިނަބައަކަށް ޤަބޫލުނުކުރެވުމެވެ. 

އެކަން އެގޮތަށް ޤަބޫލުކުރެވެން މިހާރުގެ ގިނަބައަކަށް މެދުވެރިވި އެންމެ ބޮޑު ސަބަބަކީ ދީނުގެ ކަންކަން އަދިވެސް ގިނަ ބައަކު ޤަބޫލުކުރަނީ ރައީސް މައުމޫނު ވިދާޅުވާ ގޮތަށްކަމަށްވެފައި އެމަނިކުފާނު މިސްކިތުގެ ޖަމާޢަތަށް ވަޑައިގެންނެވިނަމަވެސް ވަޑައިގަންނަވަނީ ޓީވީން ލައިވްކުރާ ނަމާދުތަކަށް ކަމުގައިވާތީއެވެ. 

ރާއްޖެ އިސްލާމްވީދުވަސް ފާހަގަކުރަން ކުރަން އޮތް އެންމެ މުހިންމު ކަމަކީ އިސްލާމް ދީނަށް ޢަމަލުކުރާބައަކަށްވުމެވެ. އެކަމަށްޓަކާ ފުރަތަމަވެސް ކުރަން ޖެހޭ ކަމަކީ ޖަމާޢަތުގައި ނަމާދުކުރުންކަން ދީނީ ޢިލްމުވެރިން ފާހަގަކުރައްވައެވެ. ވެރިންނަކީ ޖަމާޢަތުގައި ނަމާދުކުރުމުން އިސްތިސްނާވެވޭނެ ބައެއް ނޫންކަން ރަސޫލް ﷺ އާއި 4 ޚަލީފާއިންނާއި ޞަޙާބީންގެ ވެރިކަމުގައި އޮތީ ވަރަށް ރަނގަޅަށް މީސްތަކުންނަށް އަންގަވައިދެއްވަވައިފައެވެ. 

ރާއްޖޭގެ މިޙާރުގެ ޙާލަތަށް ބަލައިފިނަމަ އޮތީ ރާއްޖެ އިސްލާމް ޤައުމެއް ކަމުގެ ނަންބޯޑެވެ. ރާއްޖޭގައި އިސްލާމް ދީން ޙިމާޔަތްކޮށް މަތިވެރިކުރަން ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި ދައުލަތް ވަނީ ފޭލްވެފައެވެ. ނުކުޅެދިފައެވެ. ފެންނަނީ ކީރިތި ޤުރްއާން ބާކީކޮށްލާފައި ކޮންމެވެސް ފިކުރެއްގެ ފަހަތުން އަޅައިގަނެ ނުނެއްޓެވިގެން އުޅޭތަނެވެ. ފިކުރުތައްވެސް އެހެން ނުބައި އަަމަލުތައްވެސް ކުރުން ހުއްޓުވޭނީ ޤުރްއާނަށް ޢަމަލުކޮށްގެންކަން ދައުލަތް ޤަބޫލުކުރާކަމުގެ ނިޝާނެއްވެސް މިހާރު ޢަމުދުން ނުވެސްފެނެއެވެ. 

ވީމާ ރާއްޖެ އިސްލާމްވީ ދުވަސް ފާހަގަކުރާ މިފަދަ ދުވަހެއްގައި މިކަންކަމަށް ވިސްނައިލުން ރަނގަޅުކަމަށް ފެނެއެވެ.

މިއަދު އޮންލައިން