އަވަށްޓެރި ޤައުމުތަކާއިއެކުގައިވެސް އަދި ދިވެހި ރައްޔިތުން އެއީ ޤައުމެއް ކަމަށް ޤަބޫލުކުރާ އެހެން ޤައުމަކާއިއެކުވެސް ގުޅުން އުފައްދައި އެއްބަސްވުންތައް އެކުލަވާލައިގެން ކަންކަން ކުރުމަކީ ރައްޔިތުން ކަންބޮޑުވާކަމެއް ނޫނެވެ. ނަމަވެސް ކަންބޮޑުވާންޖެހެނީ ރައްޔިތުން ދަރަނިވެރިކުރުވައި އަޅުވެތިކުރުވާތީއެވެ. މިނިވަންކަމާއި އިސްތިޤްލާލަށް ހުރަސްއަޅާތީއެވެ.
ތާރީޚުން އެނގޭ ގޮތުގައި ކޮންމެވެސް ޒަމާނެއްގައި ހުޅަނގުގެ ޤައުމެއްގެ ސިފައިންގެ ބައަކު ރާއްޖޭގައި ބެއިތިއްބިއެވެ. ނަމަވެސް އުފެދުނު މައްސަލަތައް ގިނަވުމުން ޖެހުނީ ބޭރުކުރާށެވެ. އެއިގެފަހުން ރާއްޖެ ހިންގަމުން މިއަންނަނީ ބޭރު ޤައުމުތަކުގެ ސިފައިން ބައިތިއްބައިގެނެއް ނޫނެވެ. ޤައުމުގެ އަސްކަރީ ކަންކަން ބަލަހައްޓަނީ ދިވެހި ސިފައިންނެވެ. ދުވަހަކު ތަރައްޤީނުކުރެވޭ ވަރަށް ދިވެހި އަސްކަރިއްޔާ މިހާރު މިވަނީ ތަރައްޤީކުރެވިފައެވެ. ޤައުމު ދިފާޢުކުރާނެ ހަތިޔާރުވެސް ރާއްޖޭގައި އެބަހުއްޓެވެ.
ނޮވެމްބަރު 3 ވަނަ ދުވަހު ރާއްޖެއަށް ޙަމަލާދީ ރާއްޖެހިފަން އައި ތަމަޅައިން ނިޞްބަތްވަނީ އެއިރު ލަންކާގައި ކުރަމުން ގެންދިއަ ނަސްލީ ހަނގުރާމައިގައި އިންޑިއާ ސަރުކާރަށް ވާގިވެރިޔާ އިންޑިއާގެ ބައިވެރިޔާ ޕްލޮޓަށެވެ. އެއީ ޕްލޮޓުގެ ވަކި ގޮތްޕެއް ނޫންކަން ޔަޤީންކުރެވެނީ އެ ޖަމާއަތުގެ އިސްވެރިޔާ ރާއްޖެއައިސް ހުރުމުންނެވެ.
އެހިސާބުން ފެށިގެން ކަންކަން ހިނގަމުންމިދާ ގޮތަށް ބެލުމުން ކަންބޮޑުވާންޖެހޭ ކަންކަން ވަރަށް ގިނައެވެ. އިންޑިއާގެ ސިފައިންގެ ޢަދަދުވެސް ނުއެނގޭހައި ގިނަ ފައުޖުތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެކި ނަންނަމުގައި ހަރަކާތްތެރިވަމުން އެބަގެންދެއެވެ.
ބަންގްލަދޭޝްއަކީ ދިވެހި އަސްކަރިއްޔާއަށް ވަރަށް ގިނަ އަދަދަކަށް ވެހިކަލްދޭ ޤައުމެކެވެ. ކޮންމެ ވެހިކަލަކާއިއެކު ބަންގްލަދޭޝްގެ ސިފައިންގެ މީހަކު ޑްރައިވަރަކަށް ބަހައްޓައި ވެހިކަލް މަރާމާތުކުރަން ބަންގްލަދޭޝް ސިފައިން ރާއްޖޭގައި ތިބެން ވެއްޖެނަމަ ދެންވާނީ ކިހިނަކުންތޯއެވެ؟
ދީވާލީ ފާހަގަކުރަން އިންޑިއާ ސިފައިން ހަނިމާދޫގެ ޢާންމުތަންތަނުގައި ބަނގުރާ ހިފައިގެން އުޅުނު އުޅުމަކީ ވިސްނާ ބައަކަށް ވަރަށް ބޮޑު ފިލާވަޅެކެވެ. ދިވެހިންގެ އިސްލާމް ދީނާއި ދުރަށް ޖައްސުވަން ހިންގާނެ ކަންކަން ފެނިގެންދިއަ ކަމެކެވެ. މިހާރުވެސް ޔޯގާ ކަލާނގެ ޖައްސާ ވައްތަރުތައް ޖެއްސުން މިވަނީ ޢާންމުކަމަކަށްވެފައެވެ. އިންޑިއާގެ ދުވަސްތައް ފާހަގަކުރަން ބުދުތައް ހިފައިގެން ރާއްޖެއަށް އަންނަން ވެސް މިވަނީ ފަށައިފައެވެ.
އިންޑިއާ އާއިއެކުގައިވެސް އަދި އެހެން ޤައުމުތަކާއިއެކުވެސް އަސްކަރީ ކަންކަމުގައި އެއްބަސްވުންތައް އެއްބަސްވާނަމަ އެއެއްބަސްވުން ދިވެހިރައްޔިތުންނަށް އަނގައި އޮޅުންފިލުވައިދޭންޖެހެއެވެ. އެފަދަ އެއްބަސްވުންތަކުގައި ރައްޔިތުން ކަންބޮޑުވާންޖެހޭ ކަންކަން ނެތްކަމާއި މިނިވަންކަމާއި އިސްތިޤްލާލަށް ގެއްލުން ނުލިބޭނެ ކަމުގެ ޔަޤީންކަން ރައްޔިތުންނަށް ލިބޭނީ އެއިރުންނެވެ.
އިންޑިއާއިން ލޯނުތައް މަތިމައްޗަށް ނަގަނީއެވެ. އަންނަ އަހަރަށްވެސް އޮތީ ދަރަނިބޮޑު ނަޖެޓެކެވެ. ލޯނުތައް ދައްކަން ރާއްޖޭގެ ރަށްތައް ވިއްކަން ޖެހުމަކީ ހަމަ ވަރަށް ގާތްކަމެކެވެ. ލޯނުނެގުމުން ފިިއްތުންތައް ކުރިމަތިވާނީ ވަކި ޤައުމަކުން ލޯނު ނެގުމަކުން ނޫނެވެ.
ރާއްޖެއިން އިންޑިއާއަށް ދައްކަން ޖެހުނު 25 މިލިއަން ޑޮލަރު މުއްދަތަށް ނުދެއްކުމުން އިންޑިއާ ސަފީރު ރައީސް އޮފީހަށް ވަދެ ރާއްޖެ ހިންގަން އުޅުނު ދުވަސް ތަޖުރިބާކުރަންޖެހުނުތާ އަދި 10 އަހަރެއް ނުވެއެވެ. އެއީ ރައީސް ނަޝީދުގެ ވެރިކަމުގަ ސްޓޭޓްބޭންކުން ނެގިލޯނެކެވެ. ވީމާ އިންޑިއާއިން މިއަދު ނަގާ ލޯނުތަކަކީ ބިރެއް ނެތް ފެހި ލޯނުތަކެއްކަމަށް ޤަބޫލުކުރެވޭނެ އެއްވެސް ގޮތަކީ ކޮބައިތޯއެވެ؟
މިފަދަ ކޮންމެ ކަމަކީވެސް ރައްޔިތުންނާއި ކުރިމަތިވާންހުރި މައްސަލަތަކެވެ. ވެރިކަން ކުރާ މީހާ މާދަންވެސް ބަދަލުވެދާނެއެވެ. ވެރިކަން ނިންމާލާފައި ދިރިއުޅުން ޔޫރަޕަށް ނުވަތަ އިންޑިއާއަށް ބަދަލުވެސްކޮށްލެވިދާނެއެވެ. ނަމަވެސް ދިވެހި ރައްޔިތުންނަށް ތިބެންޖެހޭނީ ހަމަ މިދިވެހިރާއްޖޭގައެވެ. ފައިބައިގެންދާން ބޭނުމެއްވެސް ނުވާނެއެވެ! ވީމާ ހުރިހާ ތަކްލީފްތަކެއް އުފުލަންޖެހޭނީ ރައްޔިތުންނަށެވެ. އަޅުވެތިވާނީވެސް ރައްޔިތުންނެވެ.