ހަނދު އިރުއްވަވައި ދެފަޅިކުރައްވަވާފައި ދެއްކެވުމުން އެއީ މުޢްޖިޒާތެއް ކަމަށް ޤަބޫލުކުރެވުނީވެސް މުސްލިމުންނަށެވެ. އިސްރާގެ ދަތުރުފުޅުގައި ބައްދަލުވެވަޑައިގެންނެވި ގާފިލާތައް ހުރި ހިސާބު ޙަދީޘްކުރައްވަވައި އެކަންކަން ތެދުވުމުން އިސްރާގެ ދަތުރުފުޅަކީ ޙަޤީޤަތެއްކަން ޤަބޫލުކުރެވުނީވެސް މުސްލިމުންނަށެވެ. މުޝްރިކުންގެ ޖާހިލުކަންވީ އިތުރެވެ. އެއީ އެމީހުންގެ ނުބައިކަން ބޮޑުވުމުން އެހިތްތަކުގައި ﷲ ތަޢާލާ ސިއްކަޖައްސަވާފައިވާތީއެވެ.
އިންޑިއާ އަތުން މޮޅުވުމުން ފައިނަލް ނިމެންދެން ކޮންމެ ރެއަކު ނާޗަރަންގީ ކުޅޭނެކަމަށް ބުނިފަހުން މިފެނުނީ ކުރިން މޮޅުވަމުން އައި ޓީމްތައް އަތުންވެސް ބަލިވިތަނެވެ. ފުޓްބޯޅައިގެ ތާރީޚުގައިވެސް ނުލިބޭފަދަ ބޮޑެތި ނާކާމިޔާބީތައް ކުރިމަތިވިތަނެވެ. 18 އަހަރުފަހުން މިވެނި ބައެއްގެ އަތުން ބަލިވެއްޖެ ފަދަ ސުރުޚީތަކެވެ.
ހިތާމައަކީ މިފަދަ ކަންކަމުން ޢިބްރަތް ޙާޞިލުނުކުރެވޭތަނެވެ. މިއަދުވެސް ކުރިއަށް ގެންދަނީ ﷲ ތަޢާލާއަށް ފައުޅުގައި ގޮންޖެހުމުގެ ޢަމަލުތަކެވެ. މިސްކިތްތައް އެހުރީ ސިގިރެޓާއި މަސްތުވާތަކެތި ބޯން ދޫކޮށްލާފައެވެ. އެއްޗެތި ބޮއި މަސްތުވެގެން ނަޖިސްކުރަން ދޫކޮށްލައިފައެވެ. ކުޑަކަމުދާން ދޫކޮށްލައިފައެވެ.
ޤާނޫނުގައި އަކުރުން އަކުރަށް ލިޔެފަ ނިދުމުން މިސްކިތްތަކަށް އިހާނެތިކޮށް ކަންކަން ކުރަން ދޫކޮށްލާފައިވާއިރު މުލީއާގެ، ހިލާލީގެ، ރައީސް އޮފީސް، ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި އެފަދަ ކަންކަން ނުކުރެވޭނެ ކަމަށް އަކުރުން އަކުރަށް ލިޔެފައި އޮތީ ޤާނޫނުގެ ކޮން މާއްދާއެއްގައިތޯއެވެ؟
"ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ކުޑަކަމު ދިއުމަކީ ކުށެއް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މަސްތުވާތަކެތި ބޭނުންކުރުމަކީ ކުށެއް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މަސްތުވެގެން ހުރެ ނިދުމަކީ ކުށެއް" ކަމަށް ލިޔެފައި އޮތް މާއްދާއެއް އެބައޮތްތޯއެވެ؟
ﷲ ތަޢާލާ އުފެއްދެވި އިންސާނަކަށް ބިރުދެއްކުމުގެ ބަހެއް ބުނި މީހާގެ ބަންދަށް 30 ދުވަހެވެ. ﷲ ތަޢާލާ ބާވައިލެއްވެވި އެކަލާނގެ ކަލާމްފުޅަށް ކުޅުޖެހިމީހާގެ ބަންދަށް 10 ދުވަހެވެ. މިސްކިތަށް ކުޑަކަމުދިއަ މީހާގެ މައްސަލައިގައި ދައުވާކުރި ގޮތުގެ އުންސުރު ހަމަނުވެގެން އުޅޭ ވާހަކަތައް ދަނީ އަޑުއިވެމުންނެވެ.
ކަންކަން މިޙާލަތުގައި ހުރިއިރު މިސަރުކާރަށް 3 އަހަރުން ޙާޞިލްކުރަންޖެހޭ އެންމެ ބޮޑު ޢިބްރަތަކީ ﷲ ތަޢާލާއަށް ގޮންޖަހައިގެން ކާމިޔާބެއް ނެތްކަން ސަރުކާރަށް ދެއްކެވި ދެއްކެވުންކަން ޤަބޫލުކޮށްފިނަމަ ސަރުކާރަށް ފައިދާކުރާނެއެވެ. ﷲ ތަޢާލާއީ ތައުބާ ޤަބޫލުކުރައްވަވާ ދީލަތިވަންތަ އިލާހެވެ.