ރާއްޖެއަށް މިހާރު ތަފާތު ގޮތްގޮތުން ކުރިމަތިވަމުންދާ އާދަޢާ ޚިލާފް ކަންކަމުގެ ޚަބަރުތައް މިއަދުނޫހުގައި ޝާއިޢުކުރުމަށްފަހު އެމްއެންޑީއެފަށް ޓެގްކުރާތީ ބައެއް ފަރާތްތަކުން އެއީ ކީއްކުރަން ކުރާކަމެއްތޯ އަންނަނީ ސުވާލުކުރަމުންނެވެ.
ކޮންމެ ދުވަހަކު ޤައުމުގެ ޙާލަތު ކުރީދުވަހަށްވުރެ ގޯސްވަމުންގޮސް އެމްއެންޑީއެފްގެ ބޭކަލަކަށް ރޭ އެކުރިމަތިވަޑައިގެންނެވި ކަންކަމަކީ މުޖުތަމައުއަށް ނުރައްކާ ޢާންމުވެ އެމްއެންޑީއެފަށްވެސް ސަލާމަތްކަމެއް ނެތްކަމުގެ ހެއްކެކެވެ.
ފުލުހުން ރޭ ބުނެފައިވެއެވެ.
"މި މައްސަލައިގެ ތަހުގީގުގައި މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު, ރަހީނުކޮށްފައިވަނީ މާލެއިންކަމަށް ނުބެލެވެއެވެ. އަދި މިކަން ހިނގާފައިވަނީ އޭނާގެ އަމިއްލަ ދިރިއުޅުމާ ގުޅުންހުރި ޒާތީ ކަމެއްގެ ތެރެއިންކަމަށް މިހާތަނާށް ލިބިފައިވާ މައުލޫމާތުން ބެލެވެއެވެ. އަދި އެއީ އެމްއެންޑީއެފްގެ މީހަކަށް ވާތީ ކޮށްފައިވާ އަނިޔާއެއްކަމަށް ބެލެވޭނެ އެއްެވެސް މައުލޫމާތެއް މިހާތަނަށް ތަހުގީގަށް ލިބިފައެއް ނުވެއެވެ.
މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ."
ކަންބޮޑުވުން އޮތީ އަނިޔާ ކުރެވޭ މީހާ ވަކި މުއައްސަސާއަކަށް ނިޞްބަތްވުމާ ނުވުމެއް ނޫނެއް ނޫންތޯއެވެ؟ އަދި ޒާތީކަމަކަށް ވުމާއި ނުވުމެއްވެސް ނޫނެއްނޫންތޯއެވެ؟ އަދި މުހިންމީ ރަހީނުކުރި ތަނެއްވެސް ނޫނެއް ނޫންތޯއެވެ؟ މުހިންމީ ކޮންމެ ދުވަހަކުވެސް ރަހީނުކުރުމާ ފޭރުމާ އަނިޔާކުރުމުގެ ޢަމަލުތައް ހިނގާކަމާއި އެކަންކަން ނުހުޓުވޭކަން ނޫންތޯއެވެ؟
ރައްޔިތުންނަށް ސަލާމަތުން މަގުމަތީގައި ނުއުޅެވޭނަމަ އެޤައުމެއްގައި އެކުރަނީ ވެރިކަމެއްތޯއެވެ؟ ވެރިކަމުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރެވޭކަމަށްވާނެތޯއެވެ؟ އިތިއޯޕިއާ، ސޯމާލިއާ ފަދަ ޤައުމުތަކުގެ މަގުމަތީގައި ހިނގާ ކަންކަން ހިނގާނަމަ ޤައުމަށް ކިޔާނަމުން ރައްޔިތުންނަށް އޮތީ ކޮން ފައިދާއެއްތޯއެވެ؟
ރާއްޖެއަށް މިހާރު ޢާންމުވެފައިވާ ބިރުވެރިކަމުން ރާއްޖެ ސަލާމަތްކޮށްދެވޭނެ ހަމަ އެކަނި ފަރާތަކީ އެމްއެންޑީއެފްއެވެ. މިހާލަތުން ރާއްޖެ ސަލާމަތްކުރަން އެމްއެންޑީއެފުން އަވަސްފިޔަވަޅުތަކެއް ނާޅައި އެއްވެސް ކަމެއް ޙައްލުކުރެވޭނެ ކަމުގެ އެއްވެސް އުންމީދެއް މިހާރަކު ނެތެވެ. އެމްއެންޑީއެފަށް ޚަބަރުތައް ޓެގްކުރަންޖެހެނީ މިސަބަބުތަކަށްޓަކައެވެ.