ހޮޅުދޫ ޢަބްދުﷲ ޙަސަންގެ އެންމެ ޚާއްޞަ ޚިދުމަތަކީ އިސްލާމް ދީން މަތިވެރިކުރަން ކުރެއްވި އަގުހުރި މަސައްކަތްތަކެވެ. އޭނާއަކީ ދީނީ ޢިލްމުވެރިއެއް ނޫނެވެ. ނަމަވެސް އޭނާގެ ރަންއަޑުން އިވިގެންދިއަ މަދަޙަތައް އެތައް ބައެއްގެ ހިތުގައިވަނީ ބިންވަޅުނެގިފައެވެ.
ޢަބްދުﷲ ޙަސަންގެ މަދަޙަތަކަށް ބަލައިފިނަމަ މަދަޙައެއް ނެތް ފަންނެއް ދާއިރާއެއް ނެތެވެ. ކޮންމެހެން އެނގެންޖެހޭ ދީނީ ފިލާވަލުތައްވެސް ހިމެނެއެވެ. އަދި އެ މަދަޙަތައް އަބަދުވެސް ދެމިހުންނާނެއެވެ. ިސްލާމް ދީނުގެ ޚިދުމަތުގައެވެ.
ޢަބްދުﷲ ޙަސަންގެ ލަވަތަޚާއި މަދަޙަތައް އެހައި ޚާއްޞަވެގެން ދިއަ ސަބަބަށްވެސް ވިސްނާލަން ޖެހެއެވެ. އެއީ ހަމައެކަނި އަޑު ރީތިކަމަކުން ނޫނެވެ. ޢަރަބި އަކުރުތައް ތަޖުވީދުމަގުން ކިޔުމަކީ އެންމެ ބޮޑު މަޤްބޫލްކަމެއް ލިބިގެންދިއަ އެއް ސަބަބެވެ. އެއީ މިއަދުގެ މަދަޙަކިޔުންތެރިންވެސް ދަސްކުރަންޖެހިފައިވާ ކަމެކެވެ. ހަމައެއާއިއެކު ތާނަ އަކުރުތައް ކިޔުމުގައި އަމިއްލަ ވަނާތަށް ނުލައްވައި އެއަކުރަކަކަށް އެއަކުރެއްގެ ދަރަޖަ އާއި މަޤާމް ދީން ކިޔުމާއި ފިލިސާފުވާގޮތަށް ކިޔުމަކީވެސް ޢަބްދުﷲ ޙަސަންގެ މަދަޙަތަކުން ފާހަގަކުރަންޖެހޭ ކަންކަމެވެ.
1981 ވަނަ އަހަރު ޢާންމު ޚިދުމަތުގެ އިނާމު ލިބިވަޑައިގެންފައިވެއެވެ. މިއަދުނޫހުން ބޮޑަށް ފާހަގަކުރަން ބޭނުންވަނީ ﷲ ތަޢާލާގެ ދީން މަތިވެރިކުރަން ކުރެއްވި ޚިދުމަތަށް ﷲ ތަޢާލާ ދެއްވަވާނެ މަތިވެރި ނިޢްމަތެވެ. އިން ޝާ ﷲ
ޢަބްދުﷲ ޙަސަން ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި އައިޖީއެމްއެޗްގައެވެ. ކަށުނަމާދުކުރުން އޮތީ މިރޭގެ މަޣްރިބް ނަމާދަށްފަހު މަސްޖިދުއްތަޢާވުންގައެވެ.
މަރްޙޫމްގެ ފުރާނައަށް މާތް ﷲ ސުވަރުގޭގެ މަތިވެރި ނިޢްމަތް މިންވަރުކުރައްވަވާށި! ޢާއިލާއަށް ކެތްތެރިކަން ދެއްވަވާށި! އާމީން