ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ އިދާރާ، މ. ކުނޫޒުގައި ޖަލްސާއެއް ހިންގަމުން ދަނިކޮށް އައިއީޑީއެއް ގޮއްވާލަން ރޭވިކަމަށް ދައުލަތުން މިއަދު ކްރިމިނަލް ކޯޓުގައި ހާމަކޮށްފިއެވެ.
2017 ވަނަ އަހަރުގެ މި ފަދަ ހަމަލާއެއް ރޭވުމުގެ ތުހުމަތުގައި، ގދ. މަޑަވެލި, ގަމަރީ އިއުތިސާމް މުހައްމަދު ސައީދު އާއި ހއ. ހޯރަފުށި, އަލަނާސިގެ މުހައްމަދު ތަސްލީމް އާއި ހަމަ އެރަށު ވިދުވަރުގެ ނާސިއު މުހައްމަދުގެ އިތުރުން ހދ. ނައިވާދޫ, ރިވެލި، ޝިމާން ޝަރީފް ހައްޔަރުކުރިއެވެ.
އެ މީހުން ހައްޔަރުކޮށް ފުލުހުން ވަނީ, މއ. ކިނާރާހައުސް އާއި އެގޭގެ ކުރިމަތިން އޮންނަ އެނބޫގޯޅީގައި ހުރި އެޓިކް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ އޮފީހަކާއި މއ. ނަމޫނާގެ ބަލައި ފާސްކޮށް ބައެއް ތަކެތި ގެންގޮސްފައެވެ.
ދޭން އުޅުންކަމަށް ބުނާ ހަމަލާ ނާކާމިޔާބު ކޮށްލުމަށްފަހު ފުލުހުން ހައްޔަރު ކުރި މީހުންގެ ތެރެއިން އިއުތިސާމް އާއި ތަސްލީމް ވަނީ އޭރު ޝަރީއަތް ފެށުމުގެ ކުރިން ދޫކޮށްލާފައެވެ. މި ފަހުން އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ މޭ ހައެއްގެ ހަމަލާއާ ގުޅިގެން ހަރުކަށި ފިކުރާ ދެކޮޅަށް ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ.
ހަތަރު މީހުންގެ މައްޗަށްވެސް ދައުލަތުން އުފުލާފައިވަނީ ނިރުބަވެރިގެ އަމަލެއް ކުރަން އުޅުނުކަމުގެ ކުށުގެ ދައުވާއެވެ.
ހަތަރު މީހުންގެ މައްޗަށް އުފުލާފައިވާ ދައުވާތައް އިއްވަމުން ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުގެ ވަކީލް ވިދާޅުވީ އެ މީހުން ރާވަމުން ދިޔައީ, ޖުމްހޫރީ ޕާޓީގެ އޮފީސް ހުންނަ މ. ކުނޫޒުގައި ޖަލްސާއެއް ހިންގަމުން ދަނިކޮށް އައިއީޑީއެއް ގޮއްވާލަން ކަމަށެވެ.
އެކަމަށް ތައްޔާރުވުމުގެ ގޮތުން އައިއީޑީތަކެއް ހެދުމަށް ބޭނުންވާ ކެމިކަލް ހުރީ އެއްކޮށްފައި ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވިއެވެ. އަދި ކުނޫޒުގައި ގޮއްވާލަން ރާވާފައި އޮތް އައިއީޑީ ތައްޔާރު ކުރުމަށް މަސައްކަތް ކޮށްފައިވަނީ މޮހޮރާއި ރޭޒަރު ތިލަ ބޭނުންކޮށްގެން ކަމަށް ވެސް ދައުލަތުން ވަނީ ބުނެފައެވެ.
ޚަބަރު: ވީނިޔުސް