އެޖީއާ ޕީޖީ ގުޅިގެންނަމަވެސް އިތުރު އޮންބެޑްޕަރސަންގެ އޮފީހެއް އުފައްދައިގެންވިޔަސް ދީނީ ޢިލްމުވެރިން ރައްޔިތުންނަށް ކިޔައިދީގެން ނުވާނެ އާޔަތްތަކާއި ޙަދީޘްތައް ކަނޑއަޅައި އަންގަން އެބަޖެހޭ ނޫންތޯއެވެ؟ އެއާޔަތްކާއި ޙަދީޘްތައް ކިޔައިދިނުމުން އެއީ ޓެރަރިޒަމަށް ހިތްވަރުދިނުން ކަމަށް ފުލުހުން ކަނޑައަޅަންވާނީ އެކަންކަން ޢިލްމުވެރިންނަށް ބަޔާންކޮށްދިނުމަށްފަހުގައި ނޫންތޯއެވެ؟
މިސުވާލުތައް ފެންމަތިވަނީ ޝައިޚް އާދަމް ނިޝާން ޤުރްއާނުގެ އާޔަތްތަކާއި ޙަދީޘްފުޅުތައް ބަޔާންކުރެއްވެވުމުން ޓަރަރިޒަމަށް ހިތްވަރުދެއްވިކަމުގެ ތުހުމަތު ފުލުހުން ޝައިޚްގެ އިސްތަށިފުޅުގައި އަޅުވާކަމަށް ޝައިޚުގެ ޤާނޫނީ ވަކީލުގެ މައުލޫމާތު ލިބެމުންދާތީއެވެ.
ރައީސް މައުމޫނުގެ ވެރިކަމުގައި ޤުރްއާނާއި ޙަދީޘްފުޅުތަކުން ނަރަކައިގެ ބިރުވެރިކަމުގެ ވާހަކަތައް ކިޔައިދިނުމުން ކުށްވެރިވީ ދުވަސްތަކެއް ދިއައެވެ. އެކަމުގެ އަދަބުވެސް އެކި ސިފައިގައި އެކިވަރަށް ޢިލްމުވެރިންނަށް ވަނީ ލިބިފައެވެ. ނަތީޖާއެއްގެ ގޮތުން މީސްތަކުން ނަރަކައިގެ ޢަޛާބަށް ބިރުވެތިވުން ކުޑަވެގެންދިއައެވެ.
ވީމާ މިހާރުގެ ސަރުކާރުގެ ވެރިކަމުގައި މީސްތަކުންނަށް ކިޔައިދީގެން ނުވާނެ ޙަދީޘްފުޅުތަކާއި އާޔަތްތައް ކަނޑައަޅައި ބަޔާންކޮށްނުދީ ޤުރްއާނުގެ އާޔަތްތަކާއި ޙަދީޘްތައް ކިޔައިދިނުމުން ކުށްވެރިކުރުވާނަމަ ޢިލްމުވެރިންނަށް އަބަދުވެސްދާނީ މައްސަލަތައް ކުރިމަތިވެ އަނިޔާލިބެމުންނެވެ.
އިންޑިއާއިން ވަނީ ކީރިތި ޤުރްއާނުގައި ހުރި ބައެއް އާޔަތްތައް އުނިކުރަން ގޮވާލައިފައެވެ. ވީމާ އިންޑިއާގެ އެގޮވައިލުމަށް ރާއްޖެއިން އިޖާބަދޭނަމަ އެކަންވެސް ސާފުކޮށް ބަޔާންކޮށްދީ އެއީ ކޮން އާޔަތްތަކެއްކަން ރަސްމީކޮށް އިއުލާނުކޮށްފިނަމަ އެކަންވެސް ސާފުވެގެންދާނެނޫންތޯއެވެ؟
ބައަކު ކިތަންމެ ބޭނުންވިނަމަވެސް ޝިރުކުރުން ހުއްދަކުރެވޭނެ އަދި ބިރަކާއިނުލާ މަޖާކުރުން ހުއްދަވާނެ އާޔަތެއް ޙަދީޘެއް އެއްވެސް ޢިލްމުވެރިއަކަށް ނުދޭނެއެވެ.