އަދަބު ނުދީ ކުށްކުރުން ހުއްޓުވޭނެނަމަ އާބާދީގެ ނިޞްބަތުން މަސްތުވާތަކެތި ބޭނުންކުރުމުގެ ދުނިޔޭގެ ރެކޯޑް ރާއްޖެއަށް ލިބުނީސްތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 2ސ
އަދަބު ނުދީ ކުށްކުރުން ހުއްޓުވޭނެނަމަ އާބާދީގެ ނިޞްބަތުން މަސްތުވާތަކެތި ބޭނުންކުރުމުގެ ދުނިޔޭގެ ރެކޯޑް ރާއްޖެއަށް ލިބުނީސްތޯ؟

ކުށެއް ކުރުމުން އެމީހަކާއިމެދު އަޅަންޖެހޭ ފިޔަވަޅުތައް ޤުރްއާނުން އެނގެން އެބައޮތެވެ. ޤާނޫނުތައް ހަދަން ޖެހޭނީ ޤުރްއާނަށް ފުށޫ ނުއަރާނެ ގޮތަށެވެ. މިއީ އެއްވެސް މުސްލިމަކު ދެބަސްވާނެ ކަމެއް ނޫނެވެ. 

ޢިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި، ކުށެއް ކުރުމުން އެމީހާ އާއިމެދު އަޅަންޖެހޭ ފިޔަވަޅަށް "އަދަބު" ކިޔުނު ނަމަވެސް އެއީ އެއްވެސް ޙާލެއްގައި އޭނާއަށް ކުރެވޭ އަނިޔާއެއް ނޫނެވެ. އެއިގެ ބަދަލުގައި އެއީ ޢޭނާއަށްޓަކައި ކޮށްދެވޭ ހެޔޮ ކަމެކެވެ. އޭނާ އިޞްލާޙްވުމަށް މަގުދައްކައިދިނުން ކަމުގައިވާތީއެވެ. 

މިޙަޤީޤަތްތައް މިހެން އޮއްވައި ރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރުމަކީ ކުށެއް ނޫންކަމަށް ޤާނޫނުގައި ކަނޑައެޅި ހިސާބުން ދެން ކަންތައްތައްވީ ގޮތާއިމެދު ވިސްނަވައިލައްވާށެވެ. އެކަންކުރުން ވީމަދުތޯ ނުވަތަ ގިނަތޯ ވިސްނަވައިލައްވާށެވެ. 

ގިނަ ބައަކު ޤަބޫލުކުރާ ގޮތުގައި ޞައްޙަ ދިރާސާއެއް ކުރެވިއްޖެނަމަ އާބާދީގެ ނިޞްބަތުން އެންމެ ގިނަ ބައަކު މަސްތުވާތަކެތި ބޭނުންކުރާކަމުގެ ރެކޯޑް ރާއްޖެއަށް މިހާރު ލިބިގެންދާނެއެވެ. 

ޒިނޭކުރުމުން ހައްދު ނުޖަހައި ދޫކޮށްލަން ފެށިހިސާބުން ޒިނޭކުރުން ޢާންމުވި ވަރަށް މިއަދު ވިސްނަވައިލައްވާށެވެ! ޒިނޭކުރާނެ ފިރިހެނަކުވޭތޯ ރޭގަނޑު ނުކުމެ މަގުމަތީގައި އެހިނގަނީ، ހުއްޓި ތިބެނީ ކިތައް އަންހެނުންތޯއެވެ؟ އެގޮތަށް ހިނގާ ހުރިހާ އަންހެނުންނަކީ މަސްތުވާތަކެތި ބޭނުންކުރާ އަންހެނުންނެއްވެސް ނޫނެވެ. އެއިގެ ތެރޭގައި ކައިވެނިކޮށްގެން ތިބި މަސްތުވާތަކެތި ބޭނުން ނުކުރާ އަންހެނުންވެސް ހިމެނެއެވެ. ފައިސާކޮޅެއް ހޯދައިލުމުގެ ބޭނުމުގައި ފަސޭހަ މަގު އިޚްތިޔާރުކުރަނީއެވެ. 

"ބެންކޮކް ބާޒާރު"ގެ ނަމުން މަޝްހޫރުވެފައިވާ ސަރަހައްދާއި އެސަރަހައްދާއި ގުޅިފައިވާ މަގުތަކުން މިކަންކަން ކޮންމެރެއަކުވެސް އެދަނީ ފެންނަމުންނެވެ. 

ވައްކަންކުރުމުން ޖުރުމަނާކުރަން ފެށިހިސާބުން ވައްކަންކޮށްގެން ފުލުހުންނަށް ހުށަހެޅޭ މައްސަލަތަކުގެ އަދަދާއިމެދު ކޮންމެ ގޮތަކަށް ބުނި ނަމަވެސް ވައްކަންކުރުންވެސް ވަނީ އިންތިހާއަށް އިތުރުވެފައެވެ. މައްސަލަ ހުށަހަޅައިފިނަމަ ހުށަހެޅި މީހާއަށް ތަކްލީފްތަކެއް އުފުލަންޖެހުން ނޫން ނަތީޖާއެއް ނުކުނުކުންނާތީއާއި އަނެއް ދުވަހު އެނބުރި އައިސް މައްސަލަ ހުށަހެލިމީހާއަށް ބޮޑެތި ގެއްލުންތައް ދެމުންގެންދާތީ މައްސަލަ ރިޕޯޓްކުރުން މަދުވެފައިވުމަކީ އެއްވެސް ޙާލެއްގައި ވައްކަންކުރުން މަދުވުމެއް ނޫނެވެ. 

މުޖުތަމައުގައި ފެތުރެމުންދާ ކުށްކުރުމުގެ ނުބައި އާދަ ހުއްޓުވަން ބޭނުން ފަރާތްތަކުން މިޙަޤީޤަތްތައް ޤަބޫލުކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން އަވަސްކުރުމުގެ މުހިންމުކަން ފާހަގަކުރެވެއެވެ.

މިއަދު އޮންލައިން