ޓްރާންސްޕޯޓް މިނިސްޓަރުކަން ކުރައްވާފައިވާ ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު އަމީން އިބްރާހީމް އެނބުރި ރާއްޖެވަޑައިގެންފިއެވެ. އެމަނިކުފާނަކީ މިއަދުނޫހަށްވެސް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅަކަށްވުމުން އެނބުރި ރާއްޖެވަޑައިގަތުމުން މިއަދުނޫހުގެ ފަރާތުން ވަރަށް ހޫނު މަރުޙަބާއެއް އަރިސްކުރަމެވެ.
ޖުމްހޫރީ ޕާޓީން މިރޭ ބާއްވާ ކައުންސިލް ބައްދަލުވުމުގައިވެސް އަމީން އިބްރާހީމް ބައިވެރިވެވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަމީން އިބްރާހީމް ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގަތުމަށްފަހު ކޮޅުކޮޅަށް ދުވެވަޑައިނުގެން ޕާޓީގައި ސާބިތުކަމާއެކު ޚިދުމަތްކުރައްވަމުން ގެންދަވާ ލީޑަރެއްކަން ފާހަގަކުރެވެއެވެ.
ޚަބަރު ވީނިޔުސްއިން:
7 އަހަރަށް ފަހު ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހީމް އެނބުރި ރާއްޖެ ވަޑައިގަންނަވައިފިއެވެ.
އަމީން ރާއްޖެ ވަޑައިގެންފައިވަނީ ބެންކޮކް އެއާވޭސްގެ ފްލައިޓަކުން މިއަދު ހެނދުނު 11:45 ގައެވެ. އަމީންއަށް އެއާޕޯޓުން މަރުހަބާ ދެންނެވީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމްއެވެ. ގާސިމްގެ އިތުރުން ޖޭޕީގެ ކައުންސިލް މެމްބަރުންނާއި، ބައެއް އިސްފަރާތްތަކުން އަމީންއަށް މަރުހަބާ ދެންނެވުމަށް އެއާޕޯޓަށް ވަޑައިގެންނެވިއެވެ.
ރާއްޖެ ވަޑައިގަތުމަށްފަހު މީޑިއާއަށް ދިން ހާއްސަ އިންޓަވިއުއެއްގައި އަމީން ވިދާޅުވީ، އެހާ ގިނަ ދުވަސްތަކެއް ވަންދެން ރާއްޖޭން ބޭރުގައި ހުންނެވުމަކީ އުންމީދުކުރެއްވިކަމެއް ނޫންކަމަށެވެ. އެހެންނަމަވެސް ގިނަ ދުވަސްތަކަކަށްފަހު ރާއްޖެ ވަޑައިގެންނެވުމަކީ، އާއިލާއަށްވެސް އަދި އަމިއްލަ ނަފްސަށްވެސް ލިބުނު ހިތްހަމަޖެހުމަކާއި، ކުރިއެރުމެއްކަމަށެވެ.
"ﷲއަށް ހަމްދުކުރަން ހެޔޮ ހާލުގައި ރާއްޖެ އާދެވުނީތީ. އަޅުގަނޑު އުންމީދުކުރަނީ، މިތަނުން ފެނުނު މަންޒަރުތަކަށްވުރެވެސް، އުފާވެރި، ހިތްހަމަޖެހޭ ތަރައްގީގެ ކުލަވަރުތަކާއި މަންޒަރުތައް ގައުމުގެ އެކި ހިސާބުތަކުން ފެނިގެންދާނެކަމަށް."
ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހީމް
މީގެކުރިން ރާއްޖޭގައި، ތައުމީލީ ދާއިރާއާއި، ޒުވާނުންނާއި، މަސްތުވާތަކެއްޗާއި، އަދި އިޖްތިމާއީ މައްސަލަތަކާއި ގުޅުން ހުރި ދާއިރާތަކުގެ އިތުރުން ސިޔާސީ ދާއިރާގައިވެސް މަސައްކަތް ކުރެއްވިކަން ފާހަގަކުރައްވާ އަމީން ވިދާޅުވީ، ކުރިޔަށް އޮތްތަނުގައިވެސް ހިދުމަތް ބޭނުންވާ ހުރިހާ ދާއިރާއެއްގައިވެސް މަސައްކަތް ކުރައްވާނެކަމަށެެވެ.
އަމީން ވިދާޅުވީ، ސިޔާސީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ވަކި ތަނެއްގައި ހުރެގެން މަސައްކަތްކުރުން މުހިންމެއް ނޫންކަމަށެވެ. ކޮންމެތާކު ތިއްބަސް އެވަގިތެއްގައި ކުރަންޖެހޭކަމެއް ކުރާނެކަމަށެވެ. އެހެންނަމަވެސް ރާއްޖެ ވަޑައިގެން އެކުގައި މަސައްކަތްކުރާ މީހުންނާއެކު ކައިރިން މަސައްކުރަން ފުރުސަތު ލިބުމަކީ ކުރިން ކުރަމުންއައި މަސައްކަތްތަކަށް އިތުރަށް ކުރިއެރުން ލިބޭނެކަމެއްކަމަށް އަމީން ވިދާޅުވިއެވެ. އެގޮތުން ކުރިއެރުންތަކެއް އަންނާނެކަމަށްކަމަށާއި ނަމަވެސް، ވަކި ތަނެއްގައި ހުރުމަކުން އަދި ނެތުމަކުން، ޕާޓީއަށް އަދި ގައުމަށް ކޮށްދޭންޖެހޭ ކަމަކަށް އުނިކަމެއް ނާންނާނެކަމަށް އަމީން ވިދާޅުވިއެެވެ.
"އަޅުގަނޑަށް އެހާ ފާގަކުރެވޭކަމެއް ނޫންއެއީކީ ވަކިތަނެއްގައި ހުރެގެން ހިދުމަތެއްކުރުން ނުވަތަ މަސައްކަތެއް ކުރުން. އެެހެންނަމަވެސް މިކޮޅަށް އައިސް ހަމަ އަޅުގަނޑާއި އެކީގައި މަސައްކަތްކުރާ ކޮލީގުންނާއި އެކީގައި މަސައްކުރަން ފުރުސަތު ލިބުންއެއީ ކުރިން ކުރަމުންއައި މަސައްކަތްތަކަށް އިތުރަށް ކުރިއެރުން ލިބޭނެކަމެއް. އިތުރަށް ބާރަށް ކުރިޔަށް ދެވޭނެކަމެއް. އައި އެބޫފުޅުންނަށްވެސް އިތުރަށް އަޅުގަނޑަށް ކޮންޓްރިބިއުޓް ކުރެވޭނެ. އެހެންވީމަ އެގޮތުން ކުރިއެރުންތަކެއް އަންނާނެކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ. ވަކި ތަކެއްގައި ހުރުމަކުން އަދި ނެތުމަކުން އަޅުގަނޑުގެ ޕާޓީއަށް އަދި ގައުމަށް ކޮށްދޭންޖެހޭ ކަމަކަށް އުނިކަމެއް ނާންނާނެ"
ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހީމް
މޭޑޭގެ ހަމަނުޖެހުންތަކާއި ގުޅިގެން އަމިއްލަފުޅަށް ރާއްޖެ ދޫކުރައްވަން ނިންމަވައި އަމީން ހުންނެވީ އިނގިރޭސިވިލާތުގައެވެ. އޭރުވެސް އެމަނިކުފާނު ހުންނެވީ ޖޭޕީގެ ޑެޕިއުޓީ ލީޑަރުގެ މަގާމުގައެވެ.
އަމީން އިބްރާހީމްއަކީ ޖުމްހޫރީ ޕާޓީ އުފެދުނީއްސުރެ ޕާޓީއަށް ޚިދުމަތް ކުރައްވަމުން ގެންދަވާ، ގާސިމް އިބްރާހީމްއަށް އިޚްލާސްތެރި ބޭފުޅެކެވެ. އަމީން އެނބުރި ވަޑައިގެންނެވުމާއެކު ޕާޓީގެ ހަރަކާތްތައް އިތުރުވެ ޕާޓީ އިތުރަށް އެކްޓިވް ވެގެންދާނެކަމަށް ޖޭޕީން ބުނެއެވެ.