އައިޑީސީ ގެ ފުރަތަމަ ބެޗް ނިންމި ބައިވެރިންނަށް ޕަޑީ ގެ ސެޓްފިކެޓް ހަވާލު ކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 13ސ
އައިޑީސީ ގެ ފުރަތަމަ ބެޗް ނިންމި ބައިވެރިންނަށް ޕަޑީ ގެ ސެޓްފިކެޓް ހަވާލު ކޮށްފި

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ތަންފީޒު ކުރަމުންދާމާ އަޕްސްކިލިން އެންޑް ޓްރެއިނިން ޕްރޮގްރާމްގެ ދަށުން އިންސްޓްރަކްޓަރ ޑިވެލޮޕްމަންޓް ކޯސް (އައިޑީސީ) ގެ ފުރަތަމަ ބެޗް ނިންމި 41 ބައިވެރިންނަށް ޕްރޮފެޝަނަލް އެސޯސިއޭޝަން އޮފް ޑައިވިން އިންސްޓްރަކްޓަރސް (ޕަޑީ) ގެ ސެޓްފިކެޓް މިއަދު ހަވާލު ކޮށްފިއެވެ.

މި ޕްރޮގްރާމްގެ ދަށުން މިއަދު ސެޓިފިކެޓް ހަވާލު ކުރެވިފައިވަނީ (ޑައިވާރސް ލޮޑްޖް، އޯޝަން ޖަންކީޒް، އޯޝަން ވޯރިއާރސް، ޑައިވް ޑެސްކް، ޑައިވް ކްލަބް) ގައި ބައިވެރިވެ ކޯސް ފުރިހަމަ ކުރި ދަރިވަރުންނަށެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ބައިވެރިންނަށް ސެޓިފިކެޓް ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްއުސްތާޛު ފައްޔާޟް އިސްމާއިލް އެވެ. މި ރަސްމިއްޔާތުގައި ޕަޑީގެ ރީޖަނަލް މެނޭޖަރ މެޓް ވެންގަރ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަދި ޑައިވް ސެންޓަރުތަކުގެ މަންދޫބުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

އަޕްސްކިލިންގ އެންޑް ޓްރެއިނިންގ ޕްރޮގްރާމަކީ ވަޒީފާ ނެތިފައިވާ ފަރާތްތަކާއި، އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް ހުނަރު އިތުރުކުރުމަށް  މަގުފަހިކޮށް އަދި ޕްރޮފެޝަނަލް ލެވެލްގެ ވަޒީފާގެ ފުރުޞަތުތައް ހޯދައިދިނުމުގެ މަޤްސަދުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްއިން އިސްނަގައިގެން ހިންގާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގެ ދަށުން މިހާރުވެސް 150  އަށް ވުރެ ގިނަ ދަރިވަރުން ޑައިވް މާސްޓަރ އަދި އިންސްޓްރަކްޓަރ ޑިވެލޮޕްމަންޓް ކޯސްތަކުގައި  ކިޔަވަމުންދެއެވެ. އަދި މި ޕްރޮޖެކްޓްގެ ދަށުން ކުރިއަށް ގެންދާ އެހެނިހެން ތަމްރީން ޕްރޮގްރާމްތަކަށް ބަލާއިރު އެކައުންޓިންގ، އައިސީޓީ އަދި އެޕްރެންޓިސްޝިޕް ޕްރޮގްރާމްތައް ހިމެނޭގޮތަށް، ޖުމްލަ 700 އަށް ވުރެ ގިނަ ދަރިވަރުން ބައިވެރިވެ ކިޔަވަމުންދެއެވެ. މި ޕްރޮގްރާމްތަކަކީ ސަރުކާރުން 100 އިންސައްތަ ސްޕޮންސަރ ކޮށް، އަދި ތަމްރީންގައި ބައިވެރިވާ ކޮންމެ ފަރާތަކަށް މަހަކު 5000 ރުފިޔާގެ ސްޓައިޕެންޑް އެލަވަންސް އެއް ލިބޭގޮތަށް ކުރިއަށް ގެންދާ ޕްރޮގްރާމްތަކެކެވެ.

ޑައިވިންގް ދާއިރާގެ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު އަދިވެސް ވަނީ ހުޅުވާލެވިފައެވެ. މި ޕްރޮގްރާމްތަކުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން ޖޮބް ސެންޓަރ މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ .(https://jobcenter.mv)

މިއަދު އޮންލައިން