"އަޅުގަނޑު ސައިކަލުގައި ދަނިކޮށް ފުރަތަ އެދެމީހުން ޖެއްސުން ކުރީ. ފަހުން ފަހަތުނަ އައިސް ކައިރިވެ ޖައްސާ އަޅުގަނޑު ވައްޓައިލީ. އަޅުގަނޑަށް ވަރަށް ބޮޑަށް އަނިޔާ ލިބުނު. އެވަގުތު ސޮރީސޮރީ ކިޔަމުން ދުއްވާފައި ހިނގައްޖެ! އެއީ ބަންގްލަދޭޝްގެ 2 މީހުން. އެކަމަކު އަޅުގަނޑު ފުލުހުންނަކަށް ރިޕޯޓެއް ނުކުރަން. އެއީ ރިޕޯޓްކުރިޔަސް ކުރާނެ ފައިދާއެއް ނެތީމަ. މައްސަލަ ބަލާކަމަށް ބުނާނެ. ދެން ވާނުވާއެއް ނޭނގޭނެ!"
"ރިޕޯޓްކުރިނަމަ ރިޕޯޓްކޮށްގެން ފުލުހުން އަންނައިރެއްވަންދެން ހުންނައިރު މީހުންކުރާނެ ކަމަކީ ވީޑިއޯކޮށް އަޅުގަނޑު އިޝްތިހާރުކުރުން. އަޅުގަނޑަށް ހުރީ ވީތަދުން ރޮވިފަ. މައްސަލަ ބަލާފަ އަޅުގަނޑަށް ފައިދާ ކުރާނެ އެއްވެސް ބަދަލެއް ހޯދައިދޭނެކަމަށް ޤަބޫލެއް ނުކުރެވޭ. އެކަމަކަށް އެއްވެސް އުންމީދެއް ނެތް. އެހެންވެ ރިޕޯޓް ނުކުރީ."
މިއީ އަނިޔާ ލިބުނު އަންހެން މީހާ މިއަދުނޫހަށް ކިޔައިދިން ގޮތެވެ.
ޢާންމު ރައްޔިތުންގެ ވިސްނުން މިހިސާބަށް ދިއުމުން ކޮންމެވެސް މައްސަލަތަކެއް އެބައުޅޭކަން ފާހަގަކުރަންޖެހެއެވެ. އެއުޅޭ މައްސަލައަކާއި ޙައްލު ދެނެގަނެ ރައްޔިތުންގެ ސަލާމަތާއި ރައްކައުތެރިކަމާއި އަނިޔާ ލިބުމާއި ވައްކަމާއި ފޭރުމާއި ޖިންސީ ގޯނާކުރުމާއި މިބާވަތުގެ ހުރިހާ ކަމެއްގައިވެސް ސަރުކާރުގެ ކަމާއިބެހޭ މުއައްސަސާތަކަށް ރައްޔިތުންގެ އިތުބާރު ހޯދެން އެބަޖެހޭކަން ފާހަގަކުރެއެވެ.
އެމައްސަލައަށް ޙައްލު ނުހޯދޭނަމަ ކުރިމަތިވާ މައްސަލަތައް ދާނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންކަން ޤަބޫލުކުރަންޖެހެއެވެ.