ޑިސެމްބަރު މަހު ބާއްވާ ޖޭޕީގެ ޤައުމީ ޖަލްސާއަށް ގތައްޔާރުވުމުގެ މަސައްކަތްތަކުގަ ބައިވެރިވުމުގެ ފުރުޞަތު މެންބަރުންނަށް ހުޅުވާލައިފިއެވެ.
ޖޭޕީގެ ބަޔާން:
ޖުމްހޫރީ ޕާޓީގެ ޤައުމީ ޖަލްސާ ނުވަތަ ޤައުމީ ކޮންފަރެންސް 2022 ޑިސެމްބަރުގައި ބޭއްވުމަށް ވާންޖޭހޭ މުޙިއްމު ތައްޔާރީތައް ޖޭޕީގެ ސެކްރެޓޭރިއޭޓުން ދަނީކުރަމުންނެވެ. ސިޔާސީގޮތުން ޖޭޕީއިން ނިންމާ މުޙިއްމު ނިންމުންތަކަށް ކޮށާލެވޭ މަގަކަށް މި ޤައުމީ ކޮންފަރެންސް ވާނެކަމަށް އެންމެފަހުން ޖޭޕީން ކުނޫޒުގައި ބޭއްވި "ތައްޔާރު" ޖަލްސާގައި ޕާޓީގެ ލީޑަރު ވަނީ ވާހަކަފުޅު ދައްކަވާފައެވެ.
ޖުމްހޫރީ ޕާޓީގެ 146 ވަނަ ކައުންސިލް ބައްދަލުވުމުގައި ޕާޓީގެ ޤައުމީ ކޮންފަރެންސް ތައްޔާރުވުމުގެ ގޮތުން ކުރަންޖެހޭ އެންމެ މުޙިއްމު އެއް މަސައްކަތެއް ކަމުގައިވާ ޕާޓީގެ ރަށު ގޮފިތައް އަސާސީ ޤަވާޢިދާ އެއްގޮތަށް އެކުލަވާލާ ފުރިހަމަ ކުރުމަށްޓަކައި 7 މެންބަރުންގެ ވަގުތީ ކޮމެޓީއެއް ވަނީ ނަގާފައެވެ. އަދި މިކޮމެޓީގެ މަސައްކަތް މިހާރު ވަނީ ފައްޓަވާފައެވެ.
ޕާޓީގެ ގޮފިތައް ހެދުމަށް ޕާޓީއަށް ހެޔޮއެދޭ އެންމެހާ ފަރާތްތަކަށް ފުރުޞަތު ވަނީ ހުޅުވާލާފައެވެ. މިކަމަށްޓަކައި އެއްވެސް ފަރާތަކުން މަޢުލޫމާތެއް ބޭނުންފުޅުވާނަމަ ޕާޓީ ރަޖިސްޓްރާގެ އޮފީހުންނާއި ޕާޓީގެ އިދާރާއިން އެމައުލޫމާތެއް ލިބެންހުންނާނެއެވެ.
ޕާޓީގެ މިދެންނެވި މަސައްކަތް ކުރުމަށް އެންމެހާ ބޭފުޅުންނަށް ފުރުސަތު އޮންނާނެއެވެ. އަދި މިކަމަށްޓަކައި ރަށްރަށަށް ދަތުރު ކުރުމާއި ޕާޓީ ޕްރޮމޯޓް ކުރުމާއި މީހުން ބާރުވެރި ކުރުމަށް މަސައްކަތް ކުރުމަށް ޕާޓީގެ އެންމެހާ ބޭފުޅުންނަށް ވެސް ފުރުޞަތު ފަހިވެފައި އޮންނާނެއެވެ.