އެފްޕީއައިޑީ ދުވަސްވަރު ރާއްޖެއިން ބޯޓު މަސްބަރުކޮށްގެން ގޮސް ބެންކޮކަށް ވަންނައިރު އެބޯޓުގަ ހުރި ހުރިހާ މަސް ހުރީ ކުނިވެފައި ކަމުގެ ލިޔުމެއް ހިފައިގެން މީހަކު ހުންނަ ވާހަކަ ރިޕޯޓްތަކުން ފެނުނެވެ. އެހިސާބުން މަސްތައް ކުނިވެ އެފްޕީއައިޑީއަށް އުކާލެވުނީއެވެ. ދެން މަސްތައް ބާލައިގެން ޓްރަކްތަކުގައި ގެންގޮސް ބޮޑު އަގުގައި ވިއްކަނީކަމަށްވެސް ރިޕޯޓްތަކުގައި ހުއްޓެވެ.
މިއީ ވަރަށް މަޝްހޫރުވި ރިޕޯޓްތަކަކާއި ލިޔުމެއްވީމާ ފާހަގަކޮށްލަން މިޖެހުނީ މިއަދުވެސް ހަމަ އެބާވަތުގެ ލިޔުމަކުން ޤައުމަށާއި މުޖުތަމައުއަށް ޚާއްޞަކޮށް އިސްލާމް ދީނަށް މާބޮޑަށް ގެއްލުންވަމުން އަންނާތީއެވެ.
އެއީ އިސްލާމް ދީނާ ދެކޮޅަށް މުޖުތަމައު ފަނާކުރާ އަމަލެއް ކޮށްގެން މީހަކު ފުލުހަށް ގެންދެވޭއިރަށް ހުށަހެޅޭ ލިޔުމެކެވެ. އެކަންކުރި މީހާއަކީ ނަފްސާނީ ބަލީގެ މީހަކު ކަމަށް ހުށަހަޅާ ލިޔުމެވެ. އެހިސާބުން މައްސަލައަށް ވަނީ އެބޯޓުން ގެންދިއަ މަސްތަކަށްވީގޮތެވެ. މައްސަލަ ނަފްސާނީވެ ނިމުނީއެވެ. ބަލިމީހާ ވީއްލުނީއެވެ.
ހަމަ ދޫކޮށްލާއިރަށް މިސްކިތްތަކަށް އަރައި ނަޖިސްކުރަންވީއެވެ. ކީރިތި ޤުރްއާނުގެ މުޞްޙަފްތަކަށް ކުޑަކަމުދާންވީއެވެ. މީހުންގެ ކަރުގައި ކަޓަރުވެސް އަޅަންވީއެވެ. ﷲ ތަޢާލާ އަށާއި ރަސޫލް ﷺ އަށް އަދި އިސްލާމްދީނަށް ގޮވުނުހާ އެއްޗެއް ގޮވަމުން ދުވަންވީއެވެ.
ރާއްޖޭގައި ސަރުކާރެއް ހިންގާ ކަމަށް ބުނާ މީހުން ނިކަން ބުނެބަލާށެވެ! ކަލޭމެންގެ ޒިންމާ ކޮބައިހެއްޔެވެ؟ އެމީހާގެ ޢާއިލާއަށް ނުބެލެހެއްޓޭނަމަ ކޮވިޑްގެ ދުވަސްވަރުގައި ފަދައިން ރިޒޯޓެއް ފަދަ ތަނެއް ނަގައިގެންވެސް އެމީހުންގެ ކިބައިން މުޖުތަމައު ސަލާމަތްކުރުމަކީ ސަރުކާރުގެ ޒިންމާއަކަށް ނުހަދާނަމަ ވާނެގޮތް ދެކެން ތިބޭށެވެ! ކުރިންސުރެ ވަމުން މިއަންނަ ގޮތް ނޫން ގޮތެއް ނުވާނެއެވެ!
މިކަމަށް ސަމާލުކަން ނުދޭން ތިއަތިބެނީ އެންމެފަހުން ކަޓަރު އެޅީ ޢަލީ ޞޯލިޙް ކިޔާ މީހެއްގެ ކަރުގައިކަމަށްވެފައި އޭނާއަކީ ރަތްކުލައިގަ ފެންނަ މީހަކަށްވާތީތޯއެވެ؟ ރީނދޫ ކުލައިގެ މީހެއްގެ ގައިގައި ނުއަޅާނަމަ އެކަންކަން ކަމަކަށް ނުވަނީހެއްޔެވެ؟
ނަފްސާނީ ލޭބަލްގަ ތިބި މިފަދަ އެތައް ބައަކު މުޖުތަމައަށް ވީއްލިފައި އެބަތިބިކަން އެނގޭއިރު ކުރިއާލައި ފިޔަވަޅު ނާޅަން ތިއަ ތިބެނީ ސަރުކާރުން އެމީހުންލައްވާ ވަކި ކަންތައްތަކެއް ކުރުވަން (އިސްލާމްދީނަށް މަލާމާތާ ފުރައްސާރަކުރުން އަދި ޖެއްސުންކުރުން ފަދަ) ބޭނުންވާތީހެއްޔެވެ؟