ޖުމްހޫރީ ޕާޓީއާއި ނުރައްޓެހި، ބީރައްޓެހި ބައަކު ނޫޅޭނެކަމަށާއި ޖުމްހޫރީ ޕާޓީއަކީ ހުރިހާ އެންމެންނާވެސް ރައްޓެހި، ގާތް ރަހުމަތްތެރި އެއް ކަމަށް އެޕާޓިގެ ނައިބް ލީޑަރު އަމީން އިބްރާހީމް ވިދާޅުވެއްޖެއެވެ.
އަމީން އިބްރާހީމް މިފަދައިން ވިދާޅުވީ މިއަހަރުގެ ފަހުކޮޅު އެޕާޓީގެ ކޮންގްރެސް ބޭއްވުމަށް ވަމުންދާ ތައްޔާރީތަކާ ގުޅޭގޮތުން މައުލޫމާތު ދެއްވުމަށް ރޭ އެޕާޓީގެ މައި އޮފީސް މ. ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
އަމީން ވިދާޅުވީ ޖޭޕީގެ ލީޑަރ ގާސިމް އިބްރާހީމަކީ ހުރިހާ ބޭފުޅުންނާއި އެކީގަ މަސައްކަތް ކުރެއްވޭނެ ލީޑަރެއްކަމަށެވެ. އެމަނިކުފާނުވަނީ މީގެ ކުރިން (ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ރިޔާސަތުގައި އިންނެވިއިރުވެސް) އެކަންސާބނިތުކޮށްދެއްވާފައި ކަމަށެވެ.

"އެމަނިކުފާނުގެ ތަބިއްޔަތާ މިޒާޖު ހުންނަގޮތުންވެސް ހުރިހާ ބޭފުޅުން ގޮވައިގެން ކުރިއަށް ވަޑައިގެންނެވޭނެ އެ ކެޕޭސިޓީ ހުރި ބޭފުޅެއް. އެހެން ވީމަ އަޅުގަނޑުމެންގެ ޕާޓީގައި މަސައްކަތް ކުރައްވާ ދެން ތިއްބެވި ހުރިހާ ބޭފުޅުންވެސް، އެމަނިކުފާނު އަރިހުގައި މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުންވެސް ހަމަ އެމަނިކުފާނުގެ އެ ވިސްނުންފުޅު ކުރިއަށް ގެންދެވޭތޯ، އެގޮތަށް މަސައްކަތް ކުރެވޭތޯ އަޅުގަނޑުމެން ބަލަމު."
ރޭގެ ބައްދަލުވުމުގައި ޕާޓީގެ 4 ވަނަ ކޮންގްރެސްއަށް ތައްޔާރުވުމަށްޓަކައި އެޕާޓީން ވަމުންދާ ތައްޔާރީތަކުގެ އެންމެ ފަހުގެ މައުލޫމާތު ނޫސްވެރިންނާއި ޙިއްޞާކުރައްވަމުން ޕާޓީގެ ކައުންސިލް މެމްބަރު އަދި ސްޓެއަރިންގ ކޮމެޓީގެ ޗެއަރ މުހައްމަދު އަޒްލީން ވިދާޅުވި ކޮންގްރެސްއަށް ތައްޔާރުވުމަށްޓަކައި ކޮންމެ ރަށެއްގައި މަދުވެގެން ޕާޓީގެ 1 ގޮފި އެކުލަވާލާނެ ކަމަށެވެ.
އަދި އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ އިދާރީ ދާއިރާ ހިމެނޭ ގޮތުން ކޮންމެ ދާއިރާއަކަށް އެދާއިރާއެއްގެ ރައީސަކާއި ނައިބު ރައީސެއް އިންތިޚާބު ކުރާނެ ކަމަށެވެ.
އަޒްލީން ވިދާޅުވީ އަމާޒަކީ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުގެ ކުރިން ކޮންމެ ރަށެއްގައި 1 ގޮފި ގާއިމް ކުރުން ކަމަށާއި ދެން މި ގޮފި ގާއިމް ކުރާއިރު އިދާރީ ގޮތުން ކަންކަން ފަސޭހަ ކުރުމަށާއި އަދި އިދާރީ ދާއިރާތައް 87 ދާއިރާއެއްގެ ރައީސް ކަމަށް ޝައުގުވެރިވެވަޑައިގަންނަވާ ބޭފުޅުންނަށް އެފުރުސަތު ހުޅުވިގެން ދާނެ ކަމަށެވެ.
"އެބޭފުޅުންގެ އަތްޕުޅުގައި އޮތް ކަމެއް އެއީ އެބޭފުޅުންގެ ތާއީދު ރަށްރަށުގައި އޮތް މިންވަރު ރަނގަޅު ކުރުމަށްޓަކައި އެ ދާއިރާތައް ރަނގަޅަށް ވިލަރެސްކޮށް އެތަންތަނުން އެކަށީގެންވާ އަދަދަކަށް ގޮފިތައް އުފައްދާ އެކަމަށް ކުރިމަތިލެއްވުމަކީ" އަޒްލީން ވިދާޅުވިއެވެ.