ފަތިސްނަމާދުގަ ޤުނޫތު ނުކިޔައިގެން އެތައް ސަތޭކަބައަކު ޖަލަށްލާ އަނިޔާކުރުމަށްފަހު ޤުނޫތު ނުކިޔަން އިމާމުންނަށް އެންގެވީ ޢިލްމުވެރިކަން ބޮޑުކަމުންތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 18ސ
ފަތިސްނަމާދުގަ ޤުނޫތު ނުކިޔައިގެން އެތައް ސަތޭކަބައަކު ޖަލަށްލާ އަނިޔާކުރުމަށްފަހު ޤުނޫތު ނުކިޔަން އިމާމުންނަށް އެންގެވީ ޢިލްމުވެރިކަން ބޮޑުކަމުންތޯ؟

ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ ރައީސް މައުމޫނުގެ ވެރިކަމުގައި ކޮންމެ ރެއަކު ފަތިސްނަމާދުގައި ޤުނޫތު ނުކިޔައިގެން އެތައް ސަތޭކަ ބައަކު ޖަލަށްލައި ގޭގައި ބަންދުކޮށް އަރުވާލައި ބޮޑެތި އަނިޔާތައް ކުރިއެވެ. ވަޒިފާ ގެއްލުވާލައި ޢާއިލާ އާއި ވަކިކުރުވައި ބޮޑެތި ގެއްލުންތައް ދިނެވެ. 

ވެރިކަން ނިމިގެން އައީ ޤުނޫތު ނުކިޔަން އިމާމުންނަށް އަންގައި ފަތިސްނަމާދުގެ ޖަމާޢަތުގައި ޤުނޫތުކިޔުން ރަސްމީގޮތުން ހުއްޓާލައިގެންނެވެ. އިސްލާމްދީން މިއޮތީ މީގެ 1400 އަހަރުކުރިން ބާވައިލެއްވެވި ގޮތަށެވެ. ދީނުގެ އެއްވެސް ޙުކުމަކަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ. ދީނުގެ ޙުކުމްތަކަށް ބަދަލުގެނެސް އެމީހަކު ބޭނުންވާ ގޮތަކަށް ކަންކަން ބަދަލުކުރަމުން ގެންދަނީ ﷲ ތަޢާލާގެ ޙުކުމްފުޅުތައް ޤަބޫލުނުކުރާ، ބަލައިނުގަންނަ މީހުންނެވެ.  

އިމާމް ސަޢުދު ޤުނޫތު ކިޔަން ދެކޮޅުހެދުމުން އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގައި އަރުވާލެވުނެވެ. ފާގަމާގޭ ސަޢީދުގެ ދަރިފުޅު ބުރުގާ އަޅަން ބުރުގާ ގަނެދިނީ ހ. ލައިނޫފަރުމާގޭ ޢަބްދުއްލަޠީފް ކަމަށް ނުބުނެގެން 45 ދުވަހު ދޫނިދޫ ޖަލުގައި ބަންދުކޮށްފައި ބޭއްވިއެވެ. ޤުރްއާނުގަ އޮތް މިންވަރަށް އަންހެނުންގެ އައުރަ ނިވާކުރަން ބުނުއްވައިގެން ޢަބްދުއްލަޠީފް 2 ފަހަރަށް ޖަލުގައި ބަންދުކުރިއެވެ. އެތައް ސަތޭކަ ބައަކަށް މިފަދަ ބޮޑެތި އަނިޔާތައް ވަނީ ކޮށްފައެވެ. 

އިސްލާމް ދީނުގެ ޙުކުމްތަކަށް، ކީރިތި ޤުރްއާނަށް ގޮންޖަހައި އެތައް ސަތޭކަ ބައަކަށް ވަނީ އެއްވެސް ރަޙުމެއް ނެތި ބޮޑެތި އަނިޔާތައްކޮށްފައެވެ. ރަސޫލް ﷺ ގެ ސުންނަތަށް ތަބަޢަވުމުގެ ގޮތުން ތުނބުޅި ބެހެއްޓުމުން ގަދަކަމުން އެމީހުންގެ ނުރުހުމުގައި ސިފައިން ލައްވައި ތުނބުޅި ބޭލުވިއެވެ. ޢަރަބިން ހެދުންލާ ގޮތަށް ހެދުން ލުމުން ދޫނިދޫގައި ބަންދުކޮށް ޖުއްބާ ބޭލުވިއެވެ؟ 

ސުވާލަކީ ރަސޫލް ﷺ ގެ ސުންނަތަށް ޢަމަލުކުރުމަކީ ކުށެއްކަމަށް ހަދައި އެތައް ސަތޭކަ ބައަކަށް ބޮޑެތި އަނިޔާތައް ކުރަމުން ގެންދިއައީ ހަމަ ޢިލްމުވެރިކަން ބޮޑުކަމުންތޯއެވެ؟ ކީރިތި ޤުރްއާނަށާއި ރަސޫލް ގެ ސުންނަތަށް ލޯބިކުރައްވާ ވަރުންތޯއެވެ؟ 

މީހަކު ނުވަތަ ބައަކު ކިތަންމެ ވަރަކަށް ދެކޮޅު ހެދިނަމަވެސް ﷲ އެކަލާނގެ ދީން މަތިވެރިކުރައްވަވާނެތެވެ. އެއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ. ރާއްޖޭގައި ސަރުކާރުތަކުން ޢަމަލުނުކުރި ނަމަވެސް އިސްލާމް ދީނަށް ގޮނަޖެހިނަމަވެސް އިސްލާމްދީނަށް ފުރިހަމަ ގޮތުގައި ތަބަޢަވާ ބައަކު އުފެދި ޢަމަލުކުރަމުން އަންނަކަން އެއީ މިކަމުގެ ހެއްކެކެވެ.

މުސްލިމުންގެ މައްޗަށް އޮތް ފުރަތަމަ ވާޖިބަކީ ނަމާދުކުރުމެވެ. ފިރިހެނުން މިސްކިތުގެ ޖަމާޢަތުގައި ނަމާދުކުރުމެވެ. މިސްކިތުގެ ޖަމާޢަތުގައި ޤަޞްދުގައި ނަމާދުނުކުރަން ދެއްކޭނީ ކޮން ދީނީ ޤުޛުރެއްތޯއެވެ؟ ވީމާ ތިމާއަކީ ދީނީ ޢިލްމުވެރިއެއްކަމަށް ބުނެ އިސްލާމް ދީނުގެ ޙުކުމްތަކަށް ގޮންޖަހަމުން ގެންދާ މީސްމީހުން ދައްކާ ދީނީ ވާހަކަތަކަށް ހޭލުންތެރިވުމަށް މިއަދު މިވަނީ އިތުރު މަސައްކަތްތަކެއް ކުރަންޖެހިފައެވެ.

މިއަދު އޮންލައިން