ދީނަށް ޢަމަލުކުރެއްވުމުގަ ނަމޫނާ ދެއްކެވި މަޝްހޫރު ދީނީ ޢިލްމުވެރިޔާ ބީއޭ ނަސީމް އަވަހާރަވެއްޖެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 45ސ
ދީނަށް ޢަމަލުކުރެއްވުމުގަ ނަމޫނާ ދެއްކެވި މަޝްހޫރު ދީނީ ޢިލްމުވެރިޔާ ބީއޭ ނަސީމް އަވަހާރަވެއްޖެ!

ރާއްޖޭގައި އިސްލާމް ދީނަށް ޢަމަލުކުރެއްވުމުގައި ވަރަށް ފުރިހަމަ ނަމޫނާއެއް ދައްކަވައިދެއްވި މަޝްހޫރު ދީނީ ޢިލްމުވެރިޔާ އައްޝައިޚް ބީއޭ ނަސީމް (ހ.ޕޫނަމް) އަވަހާރަވެއްޖެއެވެ. ޝައިޚް އަވަހާރަވީ ރޭ ފަތިސްވާން ވަރަށް ގާތްވެފައިވަނިކޮށެވެ. 

ޝައިޚް ނަސީމަކީ އިސްލާމް ދީނުގެ ކަންކަމުގައި ކަންކަން އޮންނަ ގޮތަށް ޙައްޤަށް ބަސްފުޅު ވިދާޅުވާތީ ރައީސް މައުމޫނުގެ ވެރިކަމުގައި އެންމެ ގިނައިން ބަންދުކޮށް އަނިޔާލިބިވަޑައިގެންނެވި ޢިލްމުވެރިއެކެވެ. 

އެކަންކަމުގެ ސަބަބުން އެމްޑީޕީ އުފެދިގެން އައި ދުވަސްވަރު އެޕާޓީ އާއި ގުޅިވަޑައިގެންނެވިވެ. ރައީސް ނަޝީދަށް ވެރިކަން ލިބިވަޑައިގަތުމުން އެމަނިކުފާނަށް ދީނީ ކަންކަމުގައި ލަފާއެރުވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިސްމަޤާމެއްވެސް ދެއްވިއެވެ. ނަމަވެސް ރައީސް ނަޝީދުގެ ވެރިކަމުގައި އިސްލާމް ދީނުގެ ކަންކަން ކުރިއަށް ގެންދެވި ގޮތާއިމެދު ހިތްޕުޅު ހަމަޖެހިވަޑައިނުގަތުމުން ވަނީ އިސްތިޢުފާ ދެއްވައިފައެވެ. 

މީސްމީހުންނަށް ވަރުވާއަށް ލިޔެދީފައި ހުރި ރަށްތަކުގައި ރިޒޯޓް ތަރައްޤީކުރުމަށް މިލިއަނުން ރަށްލިޔުއްވައިގެން އުޅޭ ފަރާތަށް ޑޮލަރު ލިބުނު ދުވަސްވަރު ކ. ތުލުސްދޫ ކައިރީގައި އޮންނަ ކުޑަވިލިގިނގިލީގައި ރިޒޯޓެއް ތަރައްޤީ ކުރަން މިލިއަނުން ހުށަހެޅި ޑޮލަރުތައް، ރަށުގައި ބަނގުރަލާއި އޫރުމަހުގެ ވިޔަފާރިކުރާނެތީ އެކަން ޤަބޫލުފުޅު ނުކުރައްވާކަމަށް ވިދާޅުވެ ދެއްވީ ކުކުޅު ގެންގުޅޭށެވެ. 

ޝައިޚް ބީއޭ ނަސީމަކީ އިސްލާމް ދީނަށް ވަރަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި ޢިލްމުވެރިއެކެވެ. ޝައިޚް ވަނީ ވަރަށް ގިނަ ފޮތްތަކާއި ލިޔުންތައް ލިޔުއްވައި ދީނީ ހޭލުންތެރިކަން އިތުރުކުރަން ވަރަށް އަގުހުރި ޚިދުމަތްތަކެއް ކުރައްވައިފައިވާ ޢިލްމުވެރިއެކެވެ. ހުރިހާ ގޮތަކުންވެސް ވަރަށް ފުރިހަމަ ނަމޫނާ ޢިލްމުވެރިއެކެވެ. 

ޝައިޚް ބީއޭ ނަސީމް ދުނިޔެދޫކުރެއްވީ ވަރަށް ގިނަ ދުވަހު އާލާސްކަންފުޅާއި އުޅުއްވުމަށްފަހުގައެވެ. ގާތް އެކުވެރިން ވިދާޅުވާ ގޮތުގައި މިހާރުގެ ޢުމުރުފުޅު 82،83 އަހަރުވަރުވާނެއެވެ. މައުލޫމާތުލިބިފައިވާގޮތުގައި ޝައިޚް ބީއޭ ނަސީމް ގެ މައްޗަށް ކަށުނަމާދު ކުރުން އޮންނާނީ މެންދުރު ނަމާދަށްފަހުއެވެ.

މާތް ﷲ މަރުޙޫމްގެ ފުރާނައަށް ސުވަރުގޭގެ މަތިވެރި ނިޢްމަތް މިންވަރުކުރައްވަވާށި! ޢާއިލާއަށް ކެތްތެރިކަން މިންވަރުކުރައްވަވާށި! އާމީން

މިއަދު އޮންލައިން