ޔޯގާ މައްސަލައިގަ ޝައިޚް ފަޟްލޫން އާއި ޝައިޚް ނިޝާން ހިމެނޭހެން އަށާރަ މީހަކަށް ދަޢުވާކޮށްފި

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 1މ 2ސ
ޔޯގާ މައްސަލައިގަ ޝައިޚް ފަޟްލޫން އާއި ޝައިޚް ނިޝާން ހިމެނޭހެން އަށާރަ މީހަކަށް ދަޢުވާކޮށްފި

ޔޯގާ ހަރަކާތް ހުއްޓުވުމަށް ދަނޑުތެރެއަށް ބަޔަކު ވަދެ ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ޝައިޚް ފަޟްލޫން އާއި ޝައިޚް ނިޝާން ހިމެނޭހެން 18 ހައްޔަރުކުރި މީހުންނަށް ދަޢުވާކުރަން ކްރިމިނަލް ކޯޓަށް ފޮނުވައިފިއެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފައިވަނީ މިދިޔަ ޖޫންމަހުގެ 21 ވަނަ ދުވަހު ބައިނަލްއަގުވާމީ ޔޯގާ ދުވަހުގެ ހަރަކާތާ ދެކޮޅަށް ގަލޮޅު ބޯޅަދަނޑު ހިމެނޭ ސަރަހައްދުގައި ބޭއްވި އެއްވުމުގެ ބައިވެރިން ގަލޮޅު ބޯޅަ ދަނޑު ތެރެއަށް ވަދެގަނެ، ޓެރަރިޒަމްގެ ޢަމަލު ތަކެއް ހިންގިކަމަށް ތުހުމަތުކުރެވުނު މައްސަލައިގައި 18 މީހެއްގެ މައްޗަށް ދަޢުވާ ކުރުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

ފަޟްލޫނާއި ނިޝާންގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ 8 ވަނަ މާއްދާގެ (ނ) ދަށުން، ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް ހިތްވަރުދިނުމުގެ ދަޢުވާއެވެ.

މިދަޢުވާ ސާބިތުވެއްޖެނަމަ 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލެވޭނެވެ.

މި އަހަރުގެ ޖޫން މަހުގެ 21 ވަނަ ދުވަހު ގަލޮޅު ރަސްމީ ދަނޑުގައި ބޭއްވި ހަރަކާތަކަށް ހުރަސްއަޅައި، އެހަރަކާތުގައި ބައިވެރިވި ފަރާތްތަކާ ދެކޮޅަށް އެތަނަށްވަދެގަނެ ހިންގި ހަމަނުޖެހުންތަކާ ގުޅިގެން، އެމައްސަލައިގައި އިހުމާލުވި ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ވަޒީރުންގެ މަޖީލުންވެސް ވަނީ ނިންމާފައެވެ.

 

 

މިއަދު އޮންލައިން