އައްޑޫ ސިޓީގެ ގަން އިންޓަރނޭޝަނަލް އެއަރޕޯރޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ބީލަން މަރުޙަލާ މިއަދު ފަށައިފިއެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނެފައިވަނީ އިންޑިއާގެ އެގްޒިމް ބެންކުގެ ލޯނު ފައިސާގެ ދަށުން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި މަޝްރޫޢުގެ ދަށުން އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭވަރުގެ ޒަމާނީ ވަޞީލަތްތަކާ އެކުގައި ޕެސެންޖަރ ޓަރމިނަލް ތަރައްޤީކުރެވިގެންދާނެކަމަށާއި ޑިއުޓީ ފްރީ ފިހާރަތަކާއި ރެސްޓޯރެންޓްތަކާއި ލައުންޖް ވަޞީލަތްތަކުގެ އިތުރުން އާ ކޮންޓްރޯލް ޓަވަރަކާއި ފަޔަރ ސްޓޭޝަނެއްވެސް ޤާއިމުކުރެވިގެންދާނެ ކަމަށެވެ. އަދި އެއަރޕޯޓަށް ބޭނުންވާ ކޯލްޑް ސްޓޯރޭޖާއެކު ކާރގޯ ވަޞީލަތްތައް ތަރައްޤީ ކުރެވިގެން ދިޔުމުގެ އިތުރުން އެއަރޕޯޓުގެ މަގުތައް ތަރައްޤީކުރެވި ޕާރކިންގ ސަރަޙައްދެއްވެސް ތަރައްޤީކުރެވިގެންދާނެއެވެ. މީގެ އިތުރުންވެސް އެއަރޕޯޓް ތަރައްޤީކުރުމާ ގުޅޭ އެހެނިހެން ގިނަ ކަންތައްތަކެއް މި މަޝްރޫޢުގެ ދަށުން ކުރެވިގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.
ގަން އިންޓަރނޭޝަނަލް އެއަރޕޯޓަކީ ރާއްޖޭގެ ދެކުނުގެ މައި ދޮރާށިކަމުގައި ވީހިނދު، އެ އެއަރޕޯޓް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް، ކެޕޭސިޓީ އިތުރުކޮށް، ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމީ ދެކުނުގެ ތަރައްޤީއަށް ނުހަނު މުހިއްމު ކަމެކެވެ. އެ ސަރަޙައްދުގައި ފަތުރުވެރިކަމާއި މަސްވެރިކަމާއި އެހެނިހެން ސިނާޢަތްތައް ތަރައްޤީކޮށް، ދެކުނުގައި އިޤްތިޞާދީ ހަބެއް ޤާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގެންގުޅުއްވާ ސިޔާސަތުތައް ތަންފީޒުވެގެން ދިޔުމުގައި ގަން އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢަކީ މުހިއްމު ދައުރެއް އަދާ ކުރާނެ މަޝްރޫޢެކެވެ. އަދި މި މަޝްރޫޢުގެ ސަބަބުން ސީދާގޮތުންނާއި ނުސީދާގޮތުން އެތައް ހާސް ވަޒީފާއެއް އުފެދި، ދެކުނުގެ ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރުމަށް މަގުފަހިވެގެންދާނެއެވެ.