ރާއްޖޭގަ ކެސިނޯ ހުއްދަކުރަން މަސައްކަތްކުރަނީ ބޮޑެތި އެއާޕޯޓްތައް އިންޑިއާގެ ކުންފުނިތަކަށް ހިންގަންދޭން އުޅޭކަމުގެ ހެއްކެއް ކަމަށް ޤަބޫލުކުރެވޭ ސަބަބުތައް ބައިވަރު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 3ސ
ރާއްޖޭގަ ކެސިނޯ ހުއްދަކުރަން މަސައްކަތްކުރަނީ ބޮޑެތި އެއާޕޯޓްތައް އިންޑިއާގެ ކުންފުނިތަކަށް ހިންގަންދޭން އުޅޭކަމުގެ ހެއްކެއް ކަމަށް ޤަބޫލުކުރެވޭ ސަބަބުތައް ބައިވަރު!

ރާއްޖޭގަ ކެސިނޯ ހުއްދަކުރަން މަސައްކަތްކުރަނީ ބޮޑެތި އެއާޕޯޓްތައް އިންޑިއާގެ ކުންފުނިތަކަށް ހިންގަންދޭން އުޅޭކަމުގެ ހެއްކެއް ކަމަށް ޤަބޫލުކުރެވޭ ވަރަށް ގިނަ ސަބަބުތައް އެބަހުއްޓެވެ. 

ފުރަތަމަ ސަބަބަކީ ޖީއެމްއާރަށް މާލޭ އިންޓަރނޭޝަނަލް އެއާޕޯޓް ދިނުމުން މިހާރު ޓާމިނލް އެހުރި ޢިމާރާތުގައި މަނީލޯންޑްރިންގ މަސައްކަތް ކުރަން އޯފްޝޯބޭންކިންގ ފެށުމާއި އެތަނުގައި ކެސިނޯއެއް ހިންގުމުގެ ވިސްނުން ގެންގުޅެފައިވާކަމުގެ މައުލޫމާތު މިއަދުނޫހަށް އެއިރު ލިބިފައި އޮތުމެވެ. ސީދާ ނުބުނެ އެކަމުން ލިބޭނެ ފައިދާއާއި އެއާޕޯޓް ހިންގައިގެން ލިބޭ ފައިދާއިން އެކަނި ފޫނުބެއްދޭނެކަމަށް އެއިރު ޖީއެމްއާރުގެ އިސް މީހުން ވަނީ ބުނެފައެވެ. މިކަމަށް ހެކި ލިބެނީ މާލެއިން ފުރަންދާ މީހުންނަށް ހުޅުމާލޭ މަގުން ދާންޖެހި ބޮޑެތި ތަކްލީފްތައް އުފުލަންޖެހޭ ގޮތަށް އައު ޓާމިނަލް އަޅަން ފެށިކަމެވެ. 

ދިވެހި ރައްޔިތުން ވަރަށް ބޮޑު ޤުރްބާނީތަކެއް ވެގެން މިނިވަންކުރި އެއާޕޯޓް މިނިވަންކުރުން ކުށްވެރިކޮށް، އެކަން ނުކުރިނަމަ މާބޮޑު ފައިދާ ލިބުނީސްކަމަށް ރައީސް އިބްރާހީމް ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާކަން އެއީ ދެވަނަ ސަބަބެވެ. 

މިއާއެކު ފާހަގަކޮށްލަން ޖެހެއެވެ. "ދިވެހިންގެ އެއާޕޯޓް ދިވެހިންނަށް" ހޯދަން ހިންގި ކެންޕޭނާ ކުރި މަސައްކަތްތަކުގަ އެންމެ އިސްކޮށް ހުރި ޝައިޚް އިމްރާނަށް، ރައީސް އިބްރާހީމް މިހާރު އެދައްކަވާ ވާހަކަތައް ކަމުނުދާކަމަށް އަދި މިހައިތަނަށް ވިދާޅުވެފައެއް ނުވެއެވެ. ޢަމަލުތަކުން ފެންނަނީ އެއިރު އެހިންގީ ބޮޑު ޖަރީމާއެއްކަމަށް އަމިއްލައަށް މިހާރު ޤަބޫލުކޮށްގެން ހުރިކަމެވެ.  

ތިންވަނަ ސަބަބަކީ އުތުރުގައި ފަތުރުވެރިކަން ކުރިއަރުވަން ރިޒޯޓްތައް ތަރައްޤިކުރުމަށްވުރެ އިސްކަންދީގެން އަގުބޮޑު މިއިން ޒަމާނަކަށް ވެސް ބޭނުން ނުވާނެވަރުގެ ބިޔަ އަގުބޮޑު އެއާޕޯޓެއް އިންޑިއާއަށް ދަރަނިވެރިވެގެން ތަރައްޤީކުރާކަމެވެ. 

ހަތަރުވަނަ ސަބަބަކީ އިއްތިފާޤަކުން ނަމަވެސް ހަމަ އިންޑިއާއަށް ދަރަނިވެރިވެގެން އައްޑޫސިޓީގެ އެއާޕޯޓް ތަރައްޤީކުރަން ހަމަ އިއްޔެ ހުޅުވައިލިކަމެވެ. 

މިފަދަ ކަންކަމުގައި ގުޅުވައިލެވޭނެ އިތުރު ކަންކަންވެސް އެބަހުއްޓެވެ. ޖީއެމްއާރުން މާލޭ އިންޓަރނޭޝަނަލް އެއާޕޯޓްގައި ކުރަން ވިސްނި ކަންކަން ރާއްޖޭގެ ސަރަހައްދުތަކުގައި ކުރަން ފެށުމަކީ ރައްޔިތުން އިތުރަށް ވިސްނަން ޖެހޭނެ ކަމެކެވެ. ދިވެހިންނަށް ދިން ގެއްލުން ބޮޑުކަމުން "ޖީއެމްއާރު" ދެކެ ރުޅި އަންނަ ބައަކު ތިބޭނެތީ ރާއްޖެއަށް ދެން އަންނާނެ ނަން ތަފާތުވެދާނެއެވެ. ކޮންމެ ނަމެއް ކިޔާފައި އަޔަސް އެއްކަމެއް ކޮށްފިނަމަ ވާނީ ހަމަ އެއްކަމެއް ކުރިކަމަށެވެ.

 

މިއަދު އޮންލައިން