ކޮންމެ މަހަކު މިނިސްޓްރީންނެރޭ ރިޕޯޓުގަ ދަރިންގެ ޚަރަދުނުދޭ ބައްޕައިންގެ ޢަދަދު ނުހިމަނަނީވެސް އެކުދިންދެކެ ސަރުކާރުންވާ ލޯބި ބޮޑުކަމުންތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 46ސ
ކޮންމެ މަހަކު މިނިސްޓްރީންނެރޭ ރިޕޯޓުގަ ދަރިންގެ ޚަރަދުނުދޭ ބައްޕައިންގެ ޢަދަދު ނުހިމަނަނީވެސް އެކުދިންދެކެ ސަރުކާރުންވާ ލޯބި ބޮޑުކަމުންތޯ؟

ސަރުކާރުން މިނިސްޓްރީ އަކާއި އެޖެންސީތަކަކާއި އެޖެންސީ އޮފީސްތައް ހަދައިގެން އަންހެނުންގެ ޙާލަތަށް ކަންބޮޑުވާ ކަމަށްބުނަމުން އަންހެނުންގެ ޙައްޤުތައް ހޯދައިދިނުމުގެ ނަމުގައު ކުރާ މަސައްކަތަކީ ހަމަ ސުމެއްކަން ހަމަ އެކަނި މިޙާދިސާއިންވެސް ޔަޤީންކުރެވޭނެއެވެ. 

ކޮންމެ އަހަރަކު ދައުލަތުގެ ބަޖެޓުން އެތައް މިލިއަން ރުފިޔާތަކެއް ޚަރަދުކުރަމުން އަންނަތާ އެތައް ގިނަ އަހަރުތަކެއްވެފައިވާއިރު ކޮންމެ މަހަކު އެމިނިސްޓްރީން ނެރޭ ރިޕޯޓުގަ ވަރިކުރުމަށްފަހު ދަރިންގެ ޚަރަދު ނުދޭ ފިރިހެނުންގެ ޢަދަދާއި އެކަމުން ނިކަމެތިކަން ލިބިމުންދާ ދަރިންގެ ޢަދަދު ހިނައި ނުލަނީ ކީއްވެގެންހެއްޔެބެ؟ 

ސަރުކާރުން ގުޅައިލަން ބޭނުންވާ ހުރިހާ އިދާރާތަކެއް ވަނީ އެއްވިޔުގައަކުން ގުޅާލެވިފައެވެ. ފެމިލީ ކޯޓުތަކާއި ޖެންޑަރ މިނިސްޓްރީ މިކަމުގައި ގުޅައިނުލެވިގެން މިއުޅެނީ ކީއްވެގެންތޯއެވެ؟ ފައިސާކޮޅު ޖަމާނުކޮށްގެން ސަލާންޖަހަން އަންހެނުންނަށް ޖައްސުވަންތޯއެވެ؟ މިހާރު ކޮންމެ ކަމަކަށް އަގެއް ދައްކަން ޖެހޭ އުޞޫލުން އެކަނބަލުންގެ ވަކީލްކަން ކޮށްދޭ މީހުންގެ އަޅުންނަށް އެކަނބަލުން ހަދައި ނުބައި ޢަމަލުތަކެއް ހިންގުވަން މަޖުބޫރުކުރުވަންތޯއެވެ؟   

އަންހެނުންނާއިމެދު މިހައި އަނިޔާވެރިކޮށް ކަންކަން ކުރަމުން ސަރުކާރުގެ ޢަމަލުތަކުން މިބުނަނީ ﷲ އަށްވުރެ އަންހެނުންނަށް އދ މާދީލަތިވީމަ ﷲ ގެ އެންގެވުންތައް އެއްކިބާކޮށްލާފަ ތިމަންމެން ސަރުކާރުން ޢަމަލުކުރާނީ އދ އިން ބުނާ ގޮތަށް ކަމަށެވެ. 

ސަރުކާރުން ދެއްކިނަމަވެސް އަމިއްލަ ޖަމާއަތަކުން ނުވަތަ ފަރުދަކު ދެއްކި ނަމަވެސް މިބާވަތުގެ ވާހަކަތައް އަޑުވެސް ނުއަހާށެވެ! އެހެނީ ރައީސުލްޖުމްހޫރިއްޔާ އާއި ޖެންޑާ މިނިސްޓަރު ތިއަ ކަނބަލުންގެ ކަންކަމަށް ޖަވާބު ނުދެއްވަނީ މިބިންމަތީގައި ތިއްބަވައިގެންނެވެ. މާމައްޗަށް އުފުލިގެން ތިބެ ދިރިއުޅުއްވާތީއެއް ނޫނެވެ!

އެކަމަނާގެ ޝަކުވާ އަޑުއައްސަވައި ވަޤުތުން ޖަވާބު ދެއްވަވާފައިއެވަނީ 7 އުޑުމަތިންނެވެ. އެހެންކަމަށްވާއިރު ތިއަ ލޮބިވެތި ކަނބަލުންނަށް ﷲ އަށްވުރެ ބޮޑަށް ތިމަންމެން ރަޙުމްކުރާނެކަން ދައްކުވާ ދަޅަތަކުގައި ނުޖެހޭށެވެ! ޔަޤީންކަމާއިއެކު ﷲ ތަޢާލާގެ ކޮޅަށް ބުރަވެލާށެވެ! ހުރިހާ ބޭނުމެއްވެސް ފުއްދަވައި ދެއްވަވާނެތެވެ! އިން ޝާ ﷲ 

އެބޭކަނބަލެއްގެ ފިރިމީހާ އާއިބެހޭ ގޮތުން އެބޭކަނބަލެއް ކުރެއްވެވި ޝަކުވާ ހަތްއުޑު މަތިން މާތް ﷲ އައްސަވައިވޮޑިގެން ޤުރްއާނުގެ އާޔަތްތަކެއް ބާވައިލެއްވި ކަމަނާއަކުވީކަން އެނގިވަޑައިގަންނަވާ ނޫންތޯއެވެ؟ މިދަންނަވަނީ ޚައުލާ ބިންތި ޘަޢުލަބާ ރަޟިޔަﷲ ޢަންހާގެ ވާހަކައެވެ. 

ޚައުލާ ބިންތި ޘަޢުލަބާ ރަޟިޔަﷲ ޢަންހާއަކީ އިސްލާމްދީނުގެ މަތިވެރި ނަބިއްޔާ صلّى اللّـه عليه وسلّم  ގެ ޞަޙާބިއްޔާތުންގެ ތެރެއިން ވަރަށް ދަރަޖަ މަތިވެރި ޞަޙާބިއްޔާއެކެވެ. އެކަމަނާ ކުރެއްވި ޝަކުވާއަކާ ގުޅިގެން އިސްލާމީ ފިޤުޙުގެ މުހިންމު ޙުކުމެއް އަރަހުށި މާތްﷲ ވަނީ ބާވައިލައްވައިފައެވެ. ޚައުލާ ބިންތި ޘަޢުލަބާ ރަޟިޔަﷲ ޢަންހާއަކީ ފަޞާޙާތްތެރިކަމާއި ބަލާޣާތްތެރިކަމުގައިވެސް ވަރަށް ފާހަގަކޮށްލެވޭ ބޭކަނބަލެކެވެ. 

ކަންއޮތީ މިމަގުން ކަމަށްވާއިރު ކޮންމެ މީހަކުވެސް މިފަދަ ކަންކަމާއިމެދު ވިސްނާލަން ޖެހެއެވެ. ތިމާއަށް ޙަޤީޤީ ކާމިޔާބު ލިބޭނީ އދ އިން އަންގާ ގޮތަށް ސަރުކާރުން ކުރާ އަމުރުތަކަށް ބޯލަނބައި ޝައިޠޯނާގެ ފަހަތުން ދުވުމުންތޯ ނުވަތަ ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ބޯލައި ކިޔަމަންވެގެންތޯ ވިސްނައިލުން މިއަދު މަޖުބޫރެވެ.

 

 

މިއަދު އޮންލައިން