ދީނީ ޢިލްމްވެރިން ދެކެވަޑައިގަންނަވާ ގޮތުގައި ކީރިތި ރަސޫލާ ﷺ ގެ ޢީދުމީލާދު ފާހަގަކުރުމަކީ ކުރަން އިސްލާމްދީނުގައި އޮތް އަޅުކަމެއް ނޫނެވެ. ނަމަވެސް އިޖުތިމާޢީ ކަމެއްގެ ގޮތުގައި އެކަން އަންނަނީ ކުރަމުންނެވެ.
ޢީދުމީލާދު ފާހަގަކުރަން ރާއްޖޭގައި ކުރާ ކަމަކީ ޤައުމުގެ ވެރިން މޮޅު ވާހަކަދެއްކުމެވެ. އެގޮތުން ކައު އިތުރު ރަސުލާ ﷺ ގެ މަތިވެރިކަމާއި ސިޔަރަތުގެ މުހިންމު ކަމާއި ގިނަ ފިލާވަޅުތަކެއް ލިބޭ ވާހަކަތައް ޢާންމުކުރެއެވެ. ތިމާމެންނަކީ ދީނުގެ ކަންކަމަށް ވަރަށް ބޮޑަށް ޢަމަލުކުރާ އަދި ރައްޔިތުން ލައްވައި ދީނުގެ ކަންކަމަށް ޢަމަލުކުރުވާ ބައެއްކަން ދައްކަން ސިޔާސީ ކެންޕޭނުތައް ހިންގައެވެ.
އެވާހަކަތައް ސިޔާސީ ކެންޕޭނުތަކަށް ވަނީ ސަރުކާރުން ޤުރްއާނާއި ސުންނަތަށް ޢަމަލުނުކުރާތީއެވެ. ޤުރްއާނާއި ސުންނަތުން ފެންނަންހުރި ޙުކުމްފުޅުތައް ތަންފީޒު ނުކުރާތީއެވެ. ﷲ ތަޢާލާގެ ޙައްދުތައް ޤާއިމުނުކުރާތީއެވެ.
ރާއްޖޭގެ މިއަދުގެ ޙާލަތަށް ބަލައިފިނަމަ އިސްލާމް ދީނުގެ ޙުކުމްތަކަށް ގޮންޖެހުން މިއަށްވުރެ ބޮޑު ދުވަސްތަކެއް ދިވެހި ތާރީޚު ދެކެފައެއް ނުވެއެވެ. އިސްލާމް ދީނުގެ ޙުކުމްފުޅުތަކަށް ފައުޅުގައި ގޮންޖެހުމާއި އިސްލާމް ދީން ނިކަމެތިކުރަން މިހާރަށްވުރެ ގިނަ ކަންތައްތަކެއް ކުރެވުނު ދުވަސްވަރެއްވެސް ތާރީޚުން ފެންނާކަށް ނެތެވެ. ދީނުގައި ބޮޑެތި އަދަބުތައް ދޭންޖެހޭ ކުށްތަކުގެ އަދަބު ލުއިކޮށް މަދު ރުފިޔާކޮޅަކުން ޖުރުމަނާކޮށްލައިގެން ކުށްކުރަން މިއަށްވުރެ ހިތްވަރުދޭ ދުވަސްތަކެއްވެސް ފެންނާކަށް ނެތެވެ. އަދި ޚާއްޞަކޮށް މިސްކިތްތަކުގެ ޙުރުމަތް ކެނޑުމާއި އެހެން ދީންތަކަށް ވަކިން ޚާއްޞަކޮށް ހިންދޫދީންތައް ރާއްޖޭގައި ފަތުރަން މިއަށްވުރެ ފަހިކޮށް އޮތް ދުވަސްވަރެއްވެސް ތާރީޚް ދެކެފައެއް ނުވެއެވެ.
ޢީދުމީލާދާއި ގުޅިގެން މޮޅު ވާހަކަތައް ދައްކަން ބޭނުންނަމަ ފުރަތަމަ ކަމަކަށްވެސް ދިރުވައި ނަގަހައްޓަންވީ އިސްލާމް ދީން ނޫންތޯއެވެ؟ ރަސޫލް ﷺ ގެ މަތިވެރިކަމުގެ ވާހަކަތައް ދައްކަން ބޭނުންވާނަމަ ފުރަތަމަ ކަމަކަށްވެސް ކުރަން ޖެހޭ ކަމަކީ ސުންނަތަށް ޢަމަލުކުރުން ނޫންތޯއެވެ؟
އިސްލާމީ މަރުކަޒަށް ޤަޟާޙާޖަތްކުރުމުން ކުށެއްކަމަށް ނުވެފައި، ހިންދޫންގެ ކަލާނގެ ތަކުގެ ބޮޑެތި ބޯޑުތައް ޜާއްޖޭގައި ޖެހުމުން އެއީ ކަމަކަށް ނުވެފައި ޝިރުކު ނުކުރަން ނަޞޭޙަތްތެރިވުމުން ދެ ޝައިޚުންނަކީ ޓެރަރިސްޓުންނަށް ހަދާފައިވާކަން އެއީ ލަދުވެތިކަމަކަށް ނުވަނީތޯއެވެ!
މިހިރަ މިހިރަ ކަންކަމަކީ ވިސްނައި ފިކުރުކޮށްލުމުން ﷲ ތަޢާލާއަށް ބިރުވެތިވާ ކޮންމެ މުސްލިމެއްގެ ލޮލުންވެސް ކަރުނަ އަންނަންޖެހޭ ކަންކަމެވެ.