ދިވެހިރާއްޖޭގެ ބާ ކައުންސިލުން ކުރިއަށް ގެންދާ 'ރެއިސް ދަ ބާ' ކޮންފަރަންސް

މިއަދު
ކިޔުމަށް ހޭދަވާނީ 4މ 51ސ
ދިވެހިރާއްޖޭގެ ބާ ކައުންސިލުން ކުރިއަށް ގެންދާ 'ރެއިސް ދަ ބާ' ކޮންފަރަންސް

'ރެއިޒް ދަ ބާ' ގެ ނަމުގައި ދިވެހިރާއްޖޭގެ ބާ ކައުންސިލުން ކުރިއަށް ގެންދާ ދިވެހިރާއްޖޭގެ ޤާނޫނީ ވަކީލުންގެ އެންމެ ފުރަތަމަ ކޮންފަރެންސް، 10 އޮކްޓޫބަރުން ފެށިގެން ކުރިއަށް އެބަދެއެވެ.

ދެ ދުވަހުގެ މި ކޮންފަރެންސް ހުޅުވުމުގެ ގޮތުން ހ. މީރުމާގެ ކީރަންމާ މާލަމުގައި ބޭއްވުނު މި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ޤާނޫނީ ފަންނު ތަމްޘީލުކުރުމަށް ދިވެހިރާއްޖެއަށް ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ޕަބްލިކް އަދި ޕްރައިވެޓް ސެކްޓަރުގެ ޤާނޫނީ ވަކީލުންނާއި، ދައުލަތުގެ މުއައްސަސާތަކުގެ އިސްވެރިންނާއި، ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ މެންބަރުންނާއި، ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓާއި ހައި ކޯޓުގެ ފަނޑިޔާރުންނާއި، ސުޕީރިއަރ ކޯޓުތަކުގެ އިސް ޤާޟީންނާއި، ދިވެހި ރާއްޖޭގެ ބާ ކައުންސިލުގެ ފުރަތަމަ އަދި މިހާރުގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުންނާއި، ބާ ކައުންސިލުގެ އާންމު މެންބަރުންނާއި ޤާނޫނީ ދާއިރާއިން ތަޢުލީމު ޙާޞިލުކުރާ ފަރާތްތަކުންނާއި، ބާ ކައުންސިލުގެ ދިވެހިރާއްޖެއާ ބޭރުގެ ޑިވެލޮޕްމަންޓަލް ޕާޓްނަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. މި ރަސްމިއްޔާތުގައި ބައިވެރިންނާ މުޚާޠިބުކުރައްވައި ޤާނޫނީ ދާއިރާއަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ދިވެހިރާއްޖޭގެ ކުރީގެ ބަންޑާރަ ނައިބު ޑރ. މުނައްވަރު، ދިވެހި ރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު މުއުތަޞިމް އަދުނާން، ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ ފުރަތަމަ އިންތިޚާބީ ރައީސް އަލްއުސްތާޛު މައުމޫން ޙަމީދުވަނީ ވާހަކަފުޅުދައްކަވާފައެވެ. 

މި ކޮންފަރެންސްގެ ކީނޯޓް ތަޤުރީރު ދެއްވަވަމުން، ކުރީގެ ބަންޑާރަ ނައިބު ޑރ. މުނައްވަރުގެ ވާހަކަފުޅުގައި މީގެ އަހަރުތަކެއް ކުރިން ޤާނޫނީ ދާއިރާއިން ކިޔެވުމަށް ބޭނުންވާ ފަރާތްތަކަށް ދިމާވެފައިވާ ދަތިތަކާއި ދިވެހިރާއްޖޭގެ ޤާނޫނީ ފަންނު ކުރިއަރައިގެން އައިގޮތުގެ މައްޗަށްވަނީ އަލިއަޅުވާލައްވާފައިވެއެވެ. އަދި ޤާނޫނީ ވަކީލުންގެ ކޮންފަރަންސެއް ފުރަތަމަ ފަހަރަށް ރާއްޖޭގައި ބޭއްވޭކަމީ ތާރީޚީ ކަމެއް ކަމުގައި އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ. 

ބާ ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ވާހަކަފުޅުގައި ތާރީޚުން ފިލާވަޅު ލިބިގަތުމުގެ މުހިންމުކަން ފާހަގަކުރައްވާފައިވެއެވެ. އަދި ތާރީޚު އެނގުމަކީ ހެޔޮ މުސްތަޤުބަލެއް ބިނާކުރުމަށް ބޭނުންވާ އެންމެ މުހިންމު އެއް އަސާސްކަމުގައްޔާއި ދިވެހިރާއްޖޭގައި ޤާނޫނީ ޚިދުމަތާއި ޤާނޫނީ ތަޢުލީމެއް ބިނާކުރުމަށް ޤާނޫނީ ވަކީލުން ކޮށްދެއްވާފައިވާ މަސައްކަތްތަކަކީ އެމަނިކުފާނު ފަޚުރުވެރިވާ ޤައުމީ މަސައްކަތެއްގެ ގޮތުގައި ފާހަގަކުރަންޖެހޭ މަސައްކަތެއްކަމަށް ވިދާޅުވެފައިވެއެވެ. 

ބާ ކައުންސިލުގެ ފުރަތަމަ އިންތިޚާބީ ރައީސް، މައުމޫން ޙަމީދުގެ ވާހަކަފުޅުގައި ޤާނޫނީ ވަކީލުންނަށް މިކަހަލަ ފުރުސަތުތައް ފަހިވެގެން ދިއުމަކީ އުފާފުޅުވާ ކަމެއް ކަމަށް ވިދާޅުވަމުން، ޤާނޫނީ ވަކީލުން މިފަދަ ފުރުސަތުތަކުގެ ބޭނުން އެކަށީގެންވާ ގޮތުގައި ހިއްޕަވައި، ޤާނޫނީ ވަކީލުންގެ އަޑު އިއްވަވައި ދެއްވުމަށް އެދިވަޑައިގެންނެވިއެވެ. 

ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ ރައީސް، އަލްއުސްތާޛް އިސްމާއިލް ވިޝާމް ވާހަކަފުޅުގައި މިފަދަ ކޮންފަރެންސްތަކަކީ ޤާނޫނީ ވަކީލުންނަށް މުހިންމު، އަދި ވަކީލުންގެ ބައިވެރިވުން ހިމެނޭ، މި ދާއިރާ ހަރުދަނާ ކުރުމަށް ކޮންމެހެން ބޭނުން ބައްދަލުވުންތަކެއްކަމަށް   ފާހަގަކުރައްވާފައިވެއެވެ. އަދި ވަކީލުކަމަކީ ޒިންމާއެއްކަމާއި މި މަސްއޫލިއްޔަތު އަދާކުރުމަށް ލިބޭ ލައިސަންސަކީ އަގުހުރި އެއްޗަކަށް ވާނެކަމާއި ކުރިއަށް އޮތްތަނުގައި ވަކީލުކަމުގެ ހުއްދަ އައުކުރެވޭނީ އެހެން ޖުރިސްޑިކްޝަންތަކެކޭ އެއްގޮތަށް، އެކަމަށް ފުރިހަމަކުރަންޖެހޭ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ފުރިހަމަކޮށް އަދި ސަބްސްކްރިޕްޝަން ދައްކައިގެން ކަމަށް ރައީސް ފާހަގަކުރައްވާފައިވެއެވެ.

2022 އޮކްޓޫބަރު 10ން 11ށް ކުރިއަށްދާ މި ކޮންފަރެންސްގެ މައިގަނޑު މަޤުޞަދަކީ 2019 ވަނަ އަހަރު ވުޖޫދަށް އައިސްފައިވާ ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނުގެ ދަށުން ބާ ކައުންސިލުން ހާސިލުކޮށްފައިވާ ލަނޑުދަނޑިތަކަށް އަލިއަޅުވާލުމާއި، ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނުގެ ދަށުން އަލަށް ތައާރަފްކުރެވޭ ޚިދުމަތްތަކާ ގުޅިގެން ބާ ކައުންސިލުގެ މަސްއޫލުވެރިންކަމުގައިވާ ޤާނޫނީ ވަކީލުންގެ ޚިޔާލުތައް ހޯދުމެވެ.

27 ޖޫން 2019 ގައި ތަސްދީޤުކޮށްފައިވާ ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނު ވުޖޫދަށް އައުމަށްފަހު މި ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ޤާނޫނީ ފަންނަށް ވަނީ ގިނަ ބަދަލުތަކެއް އައިސްފައެވެ. މިގޮތުން، މުސްތަގިއްލު މުއައްސަސާއެއް އުފެދި ޤާނޫނީ ވަކީލުންގެ ތެރެއިން އިންތިޚާބުކުރެވޭ މެންބަރުން ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް ޢައްޔަނުކުރެވިގެންދިޔައެވެ. ދިވެހިރާއްޖޭގެ ބާ ކައުންސިލަކީ ޤާނޫނީ ވަކީލުންގެ ޙައްޤުތަކާއި އިމްތިޔާޒްތައް ހިމާޔަތްކުރުމާއި، ވަކީލުންގެ ހުއްދަ ދިނުމާއި، އަދި މުވައްކިލުންގެ ޙައްޤުތައް ހިމާޔަތްކޮށް މުޅި ޤާނޫނީ ފަންނުގެ ޤާނޫނޫ ރެގިއުލޭޓްކުރުމުގެ ބާރު ބާ ކައުންސިލަށް ލިބިގެންވާއިރު، ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނުން ބާ ކައުންސިލާ މަތިކޮށްފައިވާ ޒިންމާތަކުގެ ތެރެއިން ގިނަ ކަންކަން ފުރިހަމަކުރެވިފައިވެއެވެ. އޭގެތެރޭގައި ޤާނޫނީ ވަކީލުންގެ ސުލޫކީ މިންގަނޑު އެކުލަވާލުމާއި، ޝަކުވާ ހުށަހަޅާ ނިޒާމެއް ޤާއިމުކުރުމާއި ޕަބްލިކް ނޯޓަރީންގެ ޚިދުމަތުގެ މިންގަނޑުތައް ތަޢާރަފުކުރުމާއި، ޤާނޫނީ ދާއިރާއިން ފުރިހަމަކުރާ ޤާނޫނީ ޑިގްރީއެއްގައި ހުންނަންޖެހޭ އެންމެ ދަށްމިންގަނޑު ކަނޑައެޅިގެން ގޮސްފައިވެއެވެ.

ޤާނޫނީ ވަކީލުކަމުގެ ހުއްދައަށް އެދޭ ފަރާތްތަކުގައި ފުރިހަމަވާންޖެހޭ ޝަރުޠު ކަނޑައެޅިގެންދިޔުމާއި، ބޭނުންވާ ޝަރުޠުތައް ބަދަލުވުމާ ގުޅިގެން ތަޢާރަފްކުރަންޖެހޭ ބަދަލުތަކުގައި ހިމެނެއެވެ. އަދި، ޤާނޫނީ ވަކީލުންނަށް ދޫކޮށްފައިވާ ހުއްދަ އައުކުރާނެ ނިޒާމަކާއި، އެކަމާ ގުޅިގެން ފީ ނެގުން ކުރިއަށްއޮތްތާގައި ބާ ކައުންސިލުން ގެންނަން ލާޒިމުވާ ބަދަލުތަކުގެ ތެރޭގައި ހިމެނެއެވެ.

މިއަދު އޮންލައިން