މިވާހަކަ ގިނަ ބައަކު ދައްކައެވެ. ބައެއް ނޫސްތަކުންވެސް ފެނެއެވެ. އެކަމަކު އެއްވެސް ކަމެއް ބަދަލުވާތަނެއް ނުފެނެއެވެ.
މިއަދު މެންދުރު 2 ދަރިން ގޮވައިގެން ސްކޫލްދޮށަށްދާން މަޖީދީމަގަށް، ލޮޓަސްފިހާރަކައިރިން ފްލެޓްތަކުގެ ކަންމައްޗަށް ދެވުނުއިރު މުޅި ސަރަހައްދުގައި އޮތީ ފެންބޮޑުވެފައެވެ. އެއިރުވެސް ކެރިޖަހައެވެ. ކިރިޔާވެސް ސަލާމަތްކޮށް އޮތީ ޕޭމަންޓެވެ.
ޕޭމަންޓަށް އަރަން ބަލައިލިއިރު 20 ވަރަކަށް ބިދޭސީން ފުނި ޖެހިފައެވެ. ސައިކަލެއް ކަމަކު ދުރަށް މަޑުކޮށްލިޔަސް މެކުނު ފުމޭހެން ފުމެމުން އެމީހަކާއި ދިމާއަށް ދުވެއެވެ. ވެހެމުންދިއަ ވާރޭގައިވެސް އެމީހުން ތަންނުދެއްކުމުން ހިނގައި ގަނެވުނީ އެތައް އިރަކު މަޑުކޮށްގެންނެވެ. ކުރިއަށްދާން އުޅޭއިރަށް ހީވަނީ ގައިގައި ޖެހިގަންނަން އުޅޭހެންނެވެ.
މިހާރު އަޑުއިވެނީ ދުނިޔޭގެ އެންމެންގެ ޙައްޤުތައް ހޯދައިދޭން ރާއްޖެއިން ނުކުމެގެން އުޅޭ ވާހަކައެވެ. މާލޭގެ މަގުތަކުގައި ދަރިން ގޮވައިގެން ހިނގައި އުޅުމުގެ ޙައްޤު ހޯދައި ނުދެވުނު ސަރުކާރަކުން ދުނިޔޭގެ އެންމެންގެ ޙައްޤު ހޯދައިދޭން ކުރަން އުޅެނީ ކޮންކަމެއްކަމެއް ނުއެނގެއެވެ.
ކޮންމެ ކަމެއް ކުރިޔަސް އަޅުގަނޑުގެ މައްސަލައެއް ނެތެވެ. އަޅުގަނޑަކީ އެއްވެސް ޕާޓީއަކަށް ތާއީދުކުރާ މީހެއް ނޫނެވެ. އަދި ވަކިބައަކާ ދެކޮޅު މީހެއްވެސް ނޫނެވެ. އަޅުގަނޑުގެ އޮތް އެންމެ ބޮޑު މައްސަލައަކީ މިއަދު ކުރިމަތިމިވީފަދަ ޙާލަތުތައް ކުރިމަތިވެ މަގުހިނގަން އަންހެނުންނަށް ކުރިމަތިވެފައިވާ މައްސަލަތަކެވެ. ތަންތަންކޮޅުގައި ފުނިޖެހިގެން ތިބޭ ބިދޭސީންގެ ބިރެވެ. އެމީހުންގެ އުނދަގުލެވެ.
ދާޚިލީ މިނިސްޓަރާ ބިދޭސީން އެތެރެކުރާ މިނިސްޓަރާ ރައީސާ ނައިބް ރައީސްގެ އަނބިންނަކަށް މިކަންކަން ކުރިމައްޗެއް ނުވާނެއެވެ. އެމީހުން ދާނީ ބޮޑުކާރުގަ މޮޓޯކޭޑްގަވިއްޔާއެވެ!
- މިއަދުނޫހުގެ ކިޔުންތެރިއެއް