އިއްޔެގެ ޢަޞްރުނަމާދަށްފަހު އާސަހަރާ މިސްކިތުގައި ބޭއްވުނު އަލްމަރްޙޫމް ޢަލީ ސުލައިމާންގެ ޖަނާޒާގައި ވަރަށް ގިނަ ޢަދަދެއްގެ ދީނީ ޢިލްމުވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. އެހެންވެ ސުވާލުކޮށްލުމުން ޢިލްމުވެރިއަކު ވިދާޅުވިއެވެ.
"ވަރަށް ބުރަކޮށް އުޅުއްވަމުންވެސް ޢިލްމުވެރިން އެވަޑައިގެންނެވީ ޢަލީ ސުލައިމާނާއި އޭނާގެ ދަރިންނަކީ ރަށުގައި ދީނީ ޢިލްމާއި ހޭލުންތެރިކަން އިތުރުކުރަން ވަރަށް ބޮޑަށް މަސައްކަތްކުރައްވާ ބޭފުޅުން ކަމުގައިވާތީއެވެ. މާލެއިން ޝައިޚުން ގެންގޮސް ދަޢުވަތު ދިނުމުގެ މަސައްކަތްކުރާ ބައަކަށްވާތީ އޮންނަ ގުޅުމުގެ ސަބަބަބުންނެވެ."
ޖަނާޒާތަކުގައި ބައިވެރިވުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ނަމަވެސް ގިނަ ބައަކަށް ހުރިހާ ކަށުނަމާދުތަކަށް ނުދެވުނު ނަމަވެސް އެމީހަކާއި ގާތް ގުޅުން އޮންނަ ނުވަތަ ޢާއިލާގެ މީހަކު ނިޔާވުމުން ގިނަބައަކު ކަށުނަމާދުތަކުގައި ބައިވެރިވެއެވެ.
ވިސްނާލަންވީ ﷲ ތަޢާލާގެ ދީނަށް ނަޞްރުދޭ މީހެއްގެ ގޮތުގައި މަރުވުމުން އެމީހަކަށް ﷲ ތަޢާލާ ލައްވަވާނެ ބޮޑު ރަޙްމަތަށެވެ. އޭނާގެ ފުރާނަ އުޑުތަކުގައި އުފުލޭހިނދު މަލާއިކަތުން ވިދާޅުވާނެ މަރްޙަބާއަށެވެ. إنْ شاء الله ޙަޤީޤީ ކާމިޔާބަކީ އެއީ ނޫންތޯއެވެ!
މަރްޙޫމްގެ ފުރާނައަށް ﷲ ތަޢާލާ ސުވަރުގޭގެ ނިޢްމަތް މިންވަރުކުރައްވަވާށި! ޢާއިލާއަށް ކެތްތެރިކަން ދެއްވަވާށި! އޭނާގެ ދަރިން ﷲ ގެ މަގުގައި ކުރާ މަސައްކަތުގައި ބަރަކާތް ލައްވަވާށި! އާމީން