އިސްލާމިކް މިނިސްޓްރީން މިރޭގެ މަޣްރިބް ނަމާދަށްފަހު މާލޭގެ ބައެއް މިސްކިތްތަކުގައި ކުރިއަށް ގެންދިއަ ދަރުސް އެމިސްކިތުގައި އޮތްކަން އިމާމަށް އަންގާލަދޭނެ ފަރާތެއް ނެތުމުން އެންމެ 4 މީހުންނާއިއެކު ދަރުސް ފަށަން ޖެހިއްޖެއެވެ.
އެކަން މެދުވެރިވީ ދަރުސް އޮތްކަން އިމާމަށް އެނގިފައި ނެތުމުން މަޣްރިބް ނަމާދުގެ ކުރިން އަދި ފަހުންވެސް އިޢުލާނުކޮށްނުލެވުމުން އެންމެން ނަމާދު ނިމިގެން ފައިބައިގައިގެންދިއުމުގެ ސަބަބުންނެވެ. ދަރުސް އޮތްކަން އިމާމަށް އެނގިލެއްވީ ދަރުސް ދެއްވާ ޝައިޚް ނަމާދުނިމި ސުންނަތް ކުރައްވައިގެން ވަޑައިގެން މިސްކިތުގެ އިމާމްގާތުގައި ވިދާޅުވުމުންނެވެ.
ޝައިޚްގެ ދަރުސް ވަރަށް ފުރިހަމައެވެ. ދެއްވީ ވަރަށް މުހިންމު ފިލާވަޅުތަކެކެވެ. އެހެންވެ ދަރުސް ފެށިފަހުން އަޑުއިވިގެންނާއި ޢިޝާނަމާދަށް ކުރިން ޙާޒިރުވިމީހުންނާއިއެކު މަދުމަދުން މީހުން އައިސް ދަރުސް ނިމެންވީއިރު 50 ވަރަކަށް މީހުން ޖަމާވެ ތިއްބެއެވެ.
އިސްލާމިކް މިނިސްޓްރީގެ ހިންގުން ފިނިހަކު ސްޕީޑްގައި ހުރުމުން އަބަދުހެން ދަނީ މިފަދަ މައްސަލަތައް ކުރިމަތިވަމުންކަން ފާހަގަކުރެވެއެވެ. އިސްލާމިކް މިނިސްޓްރީން ދަރުސް ތާވަލް ސޯޝަލްމީޑިއާގައި ޢާންމުކުރި ނަމަވެސް ގިނަ އިމާމުންނާއި މިސްކިތްތަކުގެ ޖަމާޢަތަށް ގޮސްއުޅޭ ގިނަ މީހުންނަކީ ސޯޝަލް މީޑިއާ އަބަދު ބަލާބައަކަށް ނުވާތީ މީގެ ކުރިންވެސް މިފަދަ މައްސަލަތައް ވަނީ ކުރިމަތިވެފައެވެ.
ރާއްޖޭގައި އިސްލާމްދީނަށް ނަޞްރުދޭން ކުރަންޖެހޭ މަސައްކަތްތައް އެންމެ ބާރުސްޕީޑްގައި ކުރިއަށް ގެންގޮސް ކަންކަން ބޮޑުތަނުން އިތުރަށް ހަރުދަނާކުރަންޖެހިފައިވާއިރު އިސްލާމިކް މިނިސްޓްރީގެ ހިންގުމަށް ހެޔޮ ބަދަލެއް ގެނެވިގެން ނޫނީ އެއްވެސް ނަތީޖާއެއް ނުފެންނާނެ ކަމަށް ގިނަބައަކު ދަނީ ބުނަމުންނެވެ.