إنا لله و إنا إليه راجعون
މަރުވީމަ ކޮންމެ ބަޔަކުވެސް މި ވާހަކަތައް ދައްކާނެ، އެތައް ބަޔަކަށް ފެނި އެންމެން ދަންނަ އަނިޔާވެރިކަމެއްގެ ތެރެއިން މަރުވެގެން އެ ދިޔައީ މަޢުޞޫމު ފުރާނައެކެވެ. ދިރި ހުއްޓާ ނުދެވުނު ހިމާޔަތެއް ރައްކާތެރިކަމެއް، މަރުވުމުން ނުދެވޭނެއެވެ. ފަރުދީ ޒިންމާ!
- ޝައިޚް ޙުސައިން އަންސާރު
" ދުނިޔެ އާއި ވަކިވެގެން އެދިޔައީ ވަރަށް ހިތްދަތި އަނިޔާވެރި ކަމެއްގެ ތެރޭގައި. ޕޯސްޓްމޯޓަމް ހަދަން ހަށިގަނޑު ކުދިކުދި ކޮށްލުމުން އެދެވެނީ އިތުރު އަނިޔާ. ކޮންމެހެން މުހިއްމު ކަމެއް ނެތްނަމަ މައްޔިތާގެ ޖަނާޒާގެ ކަންތައް އަވަހަށް ނިންމަންވީ."
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
މަރާލާފައިވަނިކޮށް ފެނުނުކަމަށް ބެލެވޭ ހދ ނޮޅިވަރަން ހިތަށްފިނިވާގޭ ނިޝާމާ މުޙައްމަދުގެ މަރާއި ގުޅިގެން ގިނަ ބައަކު ދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ. ޢާއިލާގެ ބައެއް މީހުންނާއި ޙަވާލާދީ އޭނާއަށް ފެށުނީންސުރެ އައީ ފިރިމީހާގެ އަނިޔާލިބެމުން ކަމަށް އަންނަނީ ބުނަމުންނެވެ.
ސުވާލަކީ އެޙާލަތުން އޭނާ ސަލާމަތްކުރަން މަސައްކަތްނުކުރީ ކީއްވެގެންހެއްޔެވެ؟ އަނިޔާ ލިބެން ދޫކޮށްލައިގެން ތިބީ ކީއްވެގެން ހެއްޔެވެ؟
ޢާއިލާގެ މީހަކު ބުނެފައިވެއެވެ. "ދޮށީ ދަރިފުޅު އަދި ކިރިޔާ ގްރޭޑް 1 ގައެވެ. ހަގަށް 2 ދަރިން އެބަތިއްބެވެ. ފިރިމީހާ އިޞްލާޙްވެދާނެ ކަމުގެ އުންމީދުގައި ބަލަން ތިބެވުނީއެވެ."
ލިބެމުންދިއަ އަނިޔާގައި ނިޝާމާ ނިޔާވީއެވެ. އޮތީ ޢިބްރަތް ޙާޞިލުކޮށް ކުރިއަށް އޮތްތަނުގައި މިފަދަ ކަންކަން ތަކުރާރުވިއަ ނުދިނުމަށް މަސައްކަތްކުރުމެވެ. އަނިޔާވެރިޔާއަށް ޙައްޤު އަދަބުދިނުމެވެ. ޢިބްރަތް ޙާޞިލުކުރެވުމަކީ އެއީއެވެ.