ފާޙީޝް ޢަމަލުތަކަށް ހިތްވަރުދީ ފަތުރަން މަސައްކަތްކުރުމަކީ ސަރުކާރުގެ މުއައްސަސާއަކުން ކޮށްގެންވާނެ ކަމެއް ނޫންކަން ޝައިޚް ޢަލީ ޒައިދު ބަޔާންކުރައްވައިފިއެވެ.
"އެއްވެސް ނުބައިކަމެއް ކުރަން ޝައިޠޯނާ ސީދާ ނުބުނާނެއެވެ. އެކަމެއް ކުރަން މީހުން ޝައުޤުވެރިވާފަދަ އުކުޅުތައް ބޭނުންކުރަމުން އެކަމެއް ކުރަން މީހާ ދަހިވެތިވަމުން ގޮސް ނުބައި ޢަމަލުކުރުވާފައި ޝައިޠޯނާ ދުވެ ފިލާނެއެވެ."
- ޝައިޚް ޢަލީ ޒައިދު މިރޭ ދެއްވި ދަރުސަކުން
"ރުހުމުގައި އާންމުން އެކަކުއަނެކަކަށް ބަރަހަނާ ފޮޓޯ ފޮނުވުމަކީ މައްސަލައެއް ނޫންކަމަށް ބުނުމަކީ ދައުލަތުގެ މުއައްސަސާއަކުން އެއްގޮތަކަށްވެސް ދައްކައިގެންވާނެ ވާހަކައެއްނޫން! ދެމަފިރިންވެސް ވަރަށް ބަލަންޖެހޭ! މި ޒަމާނު ނަހަލާލު ޖަރީމާތައް ހިނގަނީ ތިފަދަ ގޮތްގޮތަށް ހިތްވަރުދޭތީވެ!"
- ޝައިޚް ޢަލީ ޒައިދު
ޝައިޚް ޢަލީ ޒައިދު ވިދާޅުވީ ދެމަފިރިން އެކަކު އަނެކަކަށް ބެލުން ހުއްދަ ކަމަށާއި ނަމަވެސް ފޮޓޯ އާއި ވީޑިއޯ ފަދަ ތަކެތި ފޮނުވުމަކީ އެއްގޮތަކަށްވެސް ރައްކައުތެރިކަމެއް ނޫންކަމަށެވެ.
ޝައިޚް އިޝާރާތް ކުރައްވާފައިވަނީ ފޮނުވާތަކެތި އެހެން މީހުންނަށް ފެނުމުގެ ފުރުޞަތު އޮތްކަމާއި ލީކްވެ ފަޟީޙަތްވެސްވެދާނެކަމުގެ ބިރު އޮތުމުންނެވެ.
ދައުލަތުން ރައްޔިތުންގެ ޤާނޫނީ ހޭލުންތެރިކަން އިތުރުކުރުމުގެ ނަމުގައި ﷲ ތަޢާލާ ޙަރާމްކުރައްވާފައިވާ ކަންކަން ކުރަން ހިތްވަރުދެމުން ގެންދާއިރު އެކަމުގެ ޒިންމާ ނަގަން ދައުލަތަށް ނުޖެހެންވީ އެއްވެސް ސަބަބެއް ނެތްކަން ދީނީ ޢިލްމުވެރިން ގެންދަވަނީ ހާމަކުރައްވަމުންނެވެ. އެހެންކަމާއިއެކުވެސް އެވީޑިއޯ އިޞްލާޙްނުކުރާކަން އެއީ މިކަންކަމަކީ ސަރުކާރުގެ ސިޔާސަތުކަން އެނގެންދާ ކަމެއްކަންވެސް ގިނަ ބައަކު ފާހަގަކުރެއެވެ.
ޝައިޚް ޢަލީ ޒައިދު މިރޭ ދެއްވި ދަރުސްގައި ވިދާޅުވެފައިވާ ބަސްފުޅަށް ބެލުމުން އެނގެނީ މިސަރުކާރުން ގެންދަނީ މީހުން ލައްވަވައި ފާފަކުރުވަން ޝައިޠޯނާ ފަދައިން ހިތްވަރުދެމުން ކަމެވެ. " ރުހުމުގައި އާންމުން އެކަކުއަނެކަކަށް ބަރަހަނާ ފޮޓޯ ފޮނުވުމަކީ މައްސަލައެއް ނޫން" ކަމަށް ދައުލަތުން އިޢުލާނުކޮށްފައިވަނީ ޤުރްއާނާއި ޙަދީޘުން އެއީ ކަނޑައެޅިގެން ޙަރާމްކަމެއްކަން ވަރަށް ސާފުކޮށް އެނގެން އޮއްވައި އެކަންކަމަށް ގޮންޖަހައިކަން ދީނީ ޢިލްމުވެރިން ފާހަގަކުރައްވައެވެ.
ފާޙީޝް އަމަލުތައް ހިންގަން މިސަރުކާރުން މިހައި ވަރަށް ހިތްވަރުދީ އެތައްކުރަމުން ކުރަމުން ގެންދާއިރުވެސް އިސްލާމިކް މިނިސްޓްރީން ބަހެއް ނުބުނާކަން އެއީ އޮތް އެންމެ ބޮޑު ކަންބޮޑުވުންކަން ގިނަބައަކު ފާހަގަކުރެއެވެ.
ރުހުމުގައި އާންމުން އެކަކުއަނެކަކަށް ބަރަހަނާ ފޮޓޯ ފޮނުވުމަކީ މައްސަލައެއް ނޫންކަމަށް ބުނުމަކީ ދައުލަތުގެ މުއައްސަސާއަކުން އެއްގޮތަކަށްވެސް ދައްކައިގެންވާނެ ވާހަކައެއްނޫން! ދެމަފިރިންވެސް ވ ބަލަންޖެހޭ މި ޒަމާނު ނަހަލާލު ޖަރީމާތައް ހިނގަނީ ތިފަދަ ގޮތްގޮތަށް ހިތްވަރުދޭތީވެ!
— Ali Zaid (@alizaid1000) December 12, 2022