ޢަބްދުﷲ މުފީދު ނިޔާވުމުން ކަރުނަ ނާޅާ އަވަށްޓެރިއަކުވެސް، އެކުގަ މަސައްކަތްކުރި މީހަކުވެސް ނެތް!- ޖަނާޒާއަށް މިސްކިތާ މުޅި ސަރަޙައްދު ފުރައިލީ ކީއްވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 37ސ
ޢަބްދުﷲ މުފީދު ނިޔާވުމުން ކަރުނަ ނާޅާ އަވަށްޓެރިއަކުވެސް، އެކުގަ މަސައްކަތްކުރި މީހަކުވެސް ނެތް!- ޖަނާޒާއަށް މިސްކިތާ މުޅި ސަރަޙައްދު ފުރައިލީ ކީއްވެ؟

މިއަދު މެންދުރުނަމާދަށްފަހު އާސަހަރާ މިސްކިތުގައި 2 މައްޔިތުންގެ މައްޗަށް ކަށުނަމާދުކޮށް ޖަނާޒާ ބޭއްވުނެވެ. ބަންގި ގޮވުމުގެ 20 މިނިޓް ކުރިއަށް މިސްކިތް ފުރިއްޖެއެވެ. 10 މިނިޓްކުރިން މިސްކިތުގެ ގޯތިވެސް ފުރިއްޖެއެވެ. 

ކަށުނަމާދަށް ދިއައިރު އެނގިފައި އޮތީ 2 މައްޔިތުންގެ މައްޗަށް ކަމަށްވުމުން ޙައިރާންކަމެއްވެސް ލިބުނެވެ. އެއީ ދާދިފަހުން ބޭއްވުނު 4 މީހުންގެ ޖަނާޒާއަށްވުރެވެސް ބައިވެރިވި މީހުންގެ ޢަދަދު ގިނަކަން ފާހަގަކުރެވުމުންނެވެ. 

ޖަނާޒާއަށްފަހު މީހުންނާއި ސުވާލުކޮށްލުމުން ކޮންމެ މީހަކުވެސް ވަރަށް ދެރަވެފައި ހުރެ ދެއްކީ ޢަބްދުﷲ މުފީދުފަދަ އަޚްލާޤް ރަނގަޅު، މަޑުމަތިރި އަޚަކު ދުނިޔެއާއި ވަކިވުމުން ހިތާމަކުރާ ވާހަކައެވެ. އަވަށްޓެރިންވެސް އޮފީހުގައި އެކުގައި މަސައްކަތްކުރި މީހުންވެސް ދެއްކީ ހަމަ އެއް ޒާތެއްގެ ވާހަކަތަކެކެވެ. 

ޢަބްދުﷲ މުފީދަކީ ވަރަށް އާދައިގެ ފެންވަރުގައި ދިއުޅުއްވި ބޭކަލެކެވެ. ހުރިހާ އަވަށްޓެރިންނާއިވެސް ވަރަށް ބޮޑަށް ގުޅިގެން އުޅުއްވި ބޭކަލެކެވެ. އަޅުގަނޑަކީވެސް ހައަކަ އަހަރުވަންދެން ޖެހިގެން ހުރި ގޭގައި އުޅެން ދިމާވި މީހެކެވެ. ދުވަހަކުވެސް ކުނި މޫނެއް ނުދެކެމެވެ. ހާސްވެ ކަންބޮޑުވެފައި ހުއްޓައެއް ނުދެކެމެވެ. އަބަދުވެސް ހުންނަނީ ހިނިތުންވެގެންނެވެ. ވާހަކަ ދައްކަވާ އަޑު މަޑުކަމުން ކިރިޔާ އަޑު އިވޭނީއެވެ. 

އެކަމުގެ ނަތީޖާ ފެނިގެންމިދިއައީ ހަމަ ޙައިރާންކުރުވަނިވި ގޮތަށެވެ. ފެނިގެން މިދިއައީ ބޮޑެތި ޢިއްޒަތްތެރިންނާއި ތަނަވަސް ގިނަ މީހުންގެ ޖަނާޒާއަށްވުރެ މާގިނަ ޢަދަދެއްގެ މީހުން ޖަނާޒާގައި ބައިވެރިވެ ހެޔޮ ދުޢާކުރިތަނެވެ. 

ރިވެތި އަޚްލާޤްގެ މުހިންމުކަން ބަޔާންކޮށް މިއަދުނޫހުގައި މިގެންދަނީ ވަރަށް ގިނައިން ލިޔަމުންނެވެ. ދަރުސްތަކުން ލިބޭ މަޢުލޫމާތުގެ މައްޗަށް ލިޔެވޭ ލިޔުންތަކަކީ ވަރަށް ތެދު ޙަޤީޤަތްކަން މިފަދަ ކަންކަމުން ފެނިޘާބިތުވާކަން މިދަނީ ލޮލަށް ފެނި ޘާބިތުވަމުންނެވެ. 

މާތް ﷲ މަރްޙޫމްގެ ފުރާނައަށް ސުވަރުގޭގެ މަތިވެރި ނިޢްމަތް މިންވަރުކުރައްވަވާށި! ޢާއިލާއަށް ކެތްތެރިކަން ދެއްވަވާށި! އާމީން

މިއަދު އޮންލައިން