ދިރާގުޓީވީ އަދި ދިރާގުޕްލޭއާ ގުޅޭ އެންމެފަހުގެ ނިންމުން އިއުލާންކޮށްފި​

ކިޔުމަށް ހޭދަވާނީ 3މ 17ސ
ދިރާގުޓީވީ އަދި ދިރާގުޕްލޭއާ ގުޅޭ އެންމެފަހުގެ ނިންމުން އިއުލާންކޮށްފި​

ދިރާގުޓީވީ ޚިދުމަތާއި ގުޅޭގޮތުން މިއަހަރުގެ އޮކްޓޫބަރުމަހު ކޮށްފައިވާ އިޢުލާނާއި ޙަވާލާދީ ދިރާގުން މިއަދު އިއުލާންކުރިގޮތުގައި 29 ޖަނަވަރީ 2023 ގައި ދިރާގުގެ ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސްގެ މުއްދަތު ހަމަވާތީ، ލައިސަންސް އައު ކުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށްވަނީ (އެމްބީސީ) ހުށައަޅާފައެވެ.

އަދި ޖަނަވަރީ 2022ގައި އެމްބީސީއިން ރީބްރޯޑްކާސްޓްކުރުމުގެ ޤަވާއިދު (2022/R-01) އަށް ގެނައި އިސްލާހަށް ހަވާލާދީ، ދިރާގަކީ ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ދޫކުރުމަށް ޝަރުތު ފުރިހަމަނުވާކުންފުންޏެއްކަމަށް އެމްބީސީއިން ވަނީ ނިންމާފައިކަމަށް އެކުންފުނިންވަނީ ހާމަކޮށްފައެވެ.

އެމްބީސީއިން ތަޢާރަފުކުރި މި އިސްލާހުގައި ބޭރުގެ ޙިއްޞާދާރުން ހިމެނޭ ކުންފުނިތަކަށް ރާއްޖޭގައި ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ދިނުން ވަނީ މަނާކޮށްފައިވެއެވެ. ޤަވާއިދަށް ގެނައި މި ކުއްލި ބަދަލާއި ގުޅިގެން، އިންސާފުވެރި ހަމަތަކުގެ މަތިން ހިންގާ ދެމެހެއްޓެނިވި ރެގިއުލޭޓަރީ ނިޒާމެއްނެތި، ދިރާގުޓީވީ އަދި ދިރާގުޕްލޭގެ ޚިދުމަތް ކުރިއަށް ނުގެންދެވޭނެތީ، އެކަން ޙައްލުކުރުމަށް ކަމާބެހޭ އިދާރާތަކާއިއެކު މި އަހަރު ތެރޭގައި ގިނަގުނަ މަސައްކަތްތަކެއް ދިރާގުންވަނީ ކޮށްފައެވެ. އަދި ލައިސަންސް އައުވާނެކަމުގެ ޔަޤީންކަމެއް ނެތުމުގެ ސަބަބުން ޕްލޭންތަކާއި އެއްގޮތަށް ދިރާގުގެ ރީބްރޯޑްކާސްޓްކުރުމުގެ ވިޔަފާރި ފުޅާކޮށް ކުރިއަށް ނުގެންދެވި ގެއްލުންތަކެއް ވެފައިވާކަމަށް އެކުންފުނިން މިއަދު ނެރުނު ނޫސްބަޔާކުގައި ހާމަކޮށްފައިވެއެވެ.  

ރެގިއުލޭޓަރީ ގޮތުން ކުރިމަތިވެފައި މިވާ ގޮންޖެހުންތަކަށް ރިއާޔަތްކޮށް، ކުންފުންޏާއި ޙިއްޞާދާރުންގެ ރައްކަލާއި މަންފާއަށާއި އަދި ކުންފުންޏަށް ލިބޭނެ ގެއްލުން އިތުރުވިޔަ ނުދިނުމަށްޓަކައި،ދިރާގުޓީވީ އަދި ދިރާގުޕްލޭގެ ޚިދުމަތް ހުއްޓާލުމަށް ދިރާގު ބޯޑުންވަނީ ނިންމާފައެވެ. މިގޮތުން، ޤަވާއިދުގައިވާ ގޮތުގެމަތިން ޚިދުމަތް ހުއްޓާލުމުގެ30 ދުވަސް ކުރިން ކަސްޓަމަރުންނަށް އެންގުމަށް ލާޒިމްކޮށްފައިވާތީ، 29ޖެނުއަރީ 2023އަކީ ދިރާގުޓީވީ އަދި ދިރާގުޕްލޭ ޚިދުމަތް ފޯރުކޮށްދިނުމުގެ އެންމެފަހު ދުވަސްކަމުގައި ވަނީ އިއުލާންކޮށްފައެވެ. ދިރާގުން  މިނިންމުން ނިންމަންޖެހުނީތީވެ ނުހަނު ހިތާމަކުރާކަމަށައި މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް ޓަކައި މަޢާފަށްވަނީ އެދިފައެވެ. 

 

ކަންމިހެން އޮތްނަމަވެސް، މިދަނޑިވަޅުގައި ދިރާގުން އެންމެ އިސްކަމެއްދީފައިވާނީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައިދިރިއުޅޭ ދިރާގުޓީވީ ކަސްޓަމަރުންނަށް، ތަފާތެއްނެތި ރަނގަޅު ފެންވަރެއްގައި އައިޕީޓީވީ ޚިދުމަތްތައް އިޚްތިޔާރުކުމުގެ ފުރުޞަތުން މަހްރޫމްވިޔަނުދީ، އެކަމަށް ހައްލެއް ހޯދައި ދިނުމަށެވެ. މިގޮތުން، ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ޝައުގުވެރިކަން ފާޅުކޮށް އެކުންފުންޔަށްހުށަހެޅި އެކި ފަރާތްތަކާއިއެކުވަނީ މަޝްވަރާކޮށްފައެވެ.

ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް އަލަށް ލިބިފައިވާ އެސްއެސް ނެޓްވަރކް ޕްރައިވެޓް ލިމިޓެޑާއިއެކު ކުރެވުނު މަޝްވަރާގެ ނަތީޖާއަކީ، ދިރާގުގެ އައިޕީޓީވީ އަދި އޯޓީޓީ ވިއުގަ ޚިދުމަތެއްގެ ގޮތުގައި ފޯރުކޮށްދިނުމަށް އެފަރާތާއިއެކުވަނީ އެއްބަސްވުމަކަށް އައިސްފައެވެ. އަދި އައު ރީބްރޯޑްކާސްޓަރުގެ ޚިދުމަތަށް ބަދަލުވާން ބޭނުންވާނަމަ، އެކަން ފަސޭހަކަމާއިއެކު ކުރެވޭނެ އިންތިޒާމުވެސްވަނީ ހަމަޖެހިފައެވެ.ކުރިއަށް އޮތް ދުވަސްތަކުގައި މިކަމާއިބެހޭ އިތުރު ތަފްސީލު ދިރާގުޓީވީ އަދި ދިރާގުޕްލޭގެ ކަސްޓަމަރުންނަށް ޙިއްޞާ ކުރެވިގެންދާނެއެވެ.​  

 

ވޭތުވެދިޔަ 7 އަހަރުގެ ތެރޭގައި ދިރާގުޓީވީގެ ޚިދުމަތް ކަސްޓަމަރުންނާއި ހަމައަށް ގެނެސްދިނުމަށް 100 އަށް ވުރެ ގިނަ ޕްރިމިއަމް ޗެނަލްތަކާއިއެކު، ރާއްޖޭގެ 95 ރަށް ހިމެނޭގޮތަށް، ރާއްޖޭގެ %85 ގޭބިސީއަށްދިރާގުޓީވީގެ ޚިދުމަތް ލިބުމަށްވަނީ މަގުފަހިކޮށްދީފައެވެ. ދިރާގުޓިވީއަށް ލިބުނު ކާމިޔާބީއަކީ ކަސްޓަމަރުންގެ ފަރާތުން ކެނޑިނޭޅި ލިބެމުންދިޔަ ތަރުހީބާއި، އިތުބާރާއި އެއްބާރުލުންކަން ފާހަގަކޮށްކުންފުނީގެފަރާތުން އިޚުލާސްތެރިކަމާއިއެކު ޝުކުރުއަދާކުރިއެވެ.​ 

 

 

މިއަދު އޮންލައިން