މިހާރު އަރައިގެން މިއުޅޭ ސުނާމީގެ ނުރައްކާ މާބޮޑު! ގިނަބައަކު ނަރަކައިގެ ދަރަށް ނުހަދަނީސް ޤައުމު ސަލާމަޔްކުރަންޖެހޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 27ސ
މިހާރު އަރައިގެން މިއުޅޭ ސުނާމީގެ ނުރައްކާ މާބޮޑު! ގިނަބައަކު ނަރަކައިގެ ދަރަށް ނުހަދަނީސް ޤައުމު ސަލާމަޔްކުރަންޖެހޭ!

2004 ވަނަ އަހަރު އެރި ސުނާމީ އަކީ ވަރަށް ކުޑަކުޑަ ސުނާމީއެކެވެ. ނިޔާވީވެސް ނިޞްބަތުން ވަރަށް މަދުމީހެކެވެ. އެއެންމެންގެ ފުރާނައަށް ސުވަރުގޭގެ އެންމެ މަތިވެރި ރަޙްމަތް ލެއްވެވުން އެދި ދުޢާކުރަމެވެ! އާމީން 

ދަންނަވަންތޯއެވެ! އެސުނާމީން ﷲ ތަޢާލާ ދިވެހިންނަށް ރައްކައުތެރިކަން މިންވަރުކުރެއްވެވިއެވެ. ރައްޔިތުން އެކުގައި އެއްބައެއްގެ ގޮތުގައި ނުކުމެ ކުރި މަސައްކަތުގައި ބަރަކާތް ލެއްވެވިއެވެ. ތަނަވަސްކަންހުރި މީހުން ދީލަތިކަމުގެއަތް ހުޅުވައިލިއެވެ. އެއެންމެންނަށް ހެޔޮ ރަޙްމަތް މިންވަރުކުރައްވަވާށިއެވެ. އާމީން 

މިހާރު ރާއްޖެއަށް އަރައިގެން މިއުޅޭ ސުނާމީގެ ނުރައްކައު މާބޮޑެވެ. ރައްޔިތުން ގުޅިގެން ނުކުމެ ސަލާމަތްވާން މަސައްކަތްނުކޮށްފިނަމަ ﷲ ތަޢާލާގެ ރަޙްމަތުން މަޙްރޫމްކުރައްވަވައިފާނެ ކަމުގެ ބިރު މާބޮޑެވެ. ރާއްޖޭގެ ގިނަބައަކު ނަރަކައިގެ ދަރަށް ވެގެންހިނގައިދާނެކަމުގެ ބިރުވެރިކަން އެއީ މާބޮޑު ބިރެކެވެ. 

މީގެ ދެ އަހަރުކުރިންވެސް އަޅުގަނޑު ހަމަ މިމޭރުމުން ރިޕޯޓެއް ލިޔުނީމެވެ. އެއިރު ލިޔުނީ އުދައެރުމާއި ގުޅުވައިގެންނެވެ. އެއިރު ބަޔާންކުރި އުދައެރުން އެހައި ޢާންމެއް ނޫނެވެ. އެކަމަކު މިހާރު އެއުދައެރުން މިވަނީ އެންމެ ނުރައްކައުކެރިކަން ބޮޑު ސުނާމީއަކަށް ބަދަލުވެފައެވެ. ޢާންމުކަމަކަށްވެފައެވެ. އެއުދައަރާތަން މިހައި ނުރައްކައުތެރި ސުނާމީއަކަށް ބަދަލުވެގެންދިއައިރުވެސް ދައުލަތަށް ފެންނަ ކަމަކަށްވެސް ނުވެއެވެ. ޤާނޫނުތައް ހުރިނަމަވެސް ދެވޭ އަދަބެއް އޮންނަ ކަމަކަށް ނުވެއެވެ.  

އެންމެ ބޮޑު ހިތާމައަކީ އެއުދައެރުން ސުނާމީއަކަށް ބަދަލުކުރަން މިއަދުގެ ސަރުކާރުން މަސައްކަތްފަށާފައިވާކަމެވެ. ޝިރުކުރުން ހުއްދަކުރަން ދައުލަތުގެ ވަޒީރުން ނުކުމެ މުފްތީ މެންކް ފަދަ ޢިލމްވެރިންގެ ފަހަތުން ދުވުމާއި އޭޖީ އޮފީހުން ރަސްމީގޮތުގައި މަސައްކަތްފެށުން އެއީ މިދައްކާވާހައިގެ ތެދުކަން ބަޔާންވާ ސަބަބުތަކުގެ ތެރެއިން އެންމެންނަށް ފެންނަން ހުރި ކަންކަމެވެ. 

ރާއްޖޭގައި އެހެންދީންތައް ޚާއްޞަކޮށް ހިންދޫދީން ފައުޅުގައި ފަތުރަނީއެވެ. މީސްތަކުންގެ ޢަޤީދާއަސް ލޮޅުން އަރުވަން މަސައްކަތްކުރަނީއެވެ. އިސްލާމް ދީން ނިކަމެތިކޮށް ރާއްޖެއަކީ ހުރިހާ ދީންތަކެއް ހުއްދަކުރާ ޤައުމަކަށް ހަދަން ފައުޅުގައި މަސައްކަތްކުރަނީއެވެ. 

މިހާރު ދައުލަތުން ރަސްމީކޮށް ހުއްދައެކުރީ ދެމީހަކު ރުހޭނަމަ އޮރިޔާންކާޑު ފޮނުވުމެވެ. މާދަމާ ދެމީހުން ރުހޭނަމަ ޒިނޭކުރުން ރަސްމީކޮށް ހުއްދަ ނުކުރާނެ ކަމަށް އޮތީ ކޮން ޔަޤީންކަމެއްތޯއެވެ؟ 

ނިކަން ވިދާޅުވެބައްލަވާށެވެ! މިކަންކަމަށްވުރެ ނުރައްކައުތެރިކަން ބޮޑު ސުނާމީއަކީ ކޮބައިތޯއެވެ؟ 

ތިރީގައި އެވަނީ މީގެ ދެ އަހަރުކުރިން އަޅުގަނޑު ލިޔުނު ރިޕޯޓެވެ. 

މިހާރަކަށް އައިސް އެންމެ ގިނައިން ފެންނަ ޚަބަރަކީ ސަރުކާރުން ބޮޑެތި ހޭދަތަކެއް ކޮށްގެން ރަށްތަކަށް އުދައެރުމުން ސަލާމަތްކުރަން ސަރުކާރުން ކުރަމުން ގެންދާ ކަންކަމުގެ ޚަބަރުތަކެވެ. ކިޔައިލާއިރު ހާމަކޮށްފައި ހުންނަނީ ކަނޑުގެ ލޮނުގަނޑު ބޮޑުވެގެން އަރާ އުދައިން ސަލާމަތްވާން ކޮންމެވެސް ތޮށްޓެއްލާ ވާހަކައެވެ. 

ކަނޑުގެ ލޮނުގަނޑު އުފުލުން ހުއްޓުވޭނެ ހަމަ އެކަކުވެސް ނެތެވެ. ދުނިޔޭގެ އެންމެން އެކުގައި ނުކުމެ މަސައްކަތްކުރި ނަމަވެސް އެކަމެއް ނުހުއްޓުވޭނެއެވެ. މުޅިދުނިޔެއިން ޕްލާސްޓިކާއި އެހެން ބާވަތްތައް ބޭނުންކުރުން ހުއްޓައިލިނަމަވެސް އެކަމެއް ނުހުއްޓުވޭނެއެވެ. 

ރާއްޖޭގެ ރަށްތަކަކީ ދުނިޔޭގެ ނިޞްބަތުން ބެލި ނަމަވެސް އެންމެ ފަސްގަނޑު ތިރި ރަށްތަކެވެ. ދިޔަވަރު ބޮޑުވުމުން ބައެއް ރަށްތައް ދިޔަގަނޑަށްވުރެ ތިރީގައި ހުންނަތާ އެތައް އަހަރެއް ވެއްޖެއެވެ. ބައެއް ރަށްތައް ދިޔަގަނޑާ އެއްވަރުގައިވެސް އެބަހުއްޓެވެ. ސަލާމަތްކަން ލިބި އެންމެ ރަށެއްވެސް އަޑިއަށް ނުގޮސް މިއޮންނަނީ މާތް ﷲ ގެ ރަޙްމަތްފުޅުންނެވެ. 

ކަނޑުތޮށިލުމާއި އެއްގަމު ތޮށިލުންފަދަ އެއްވެސް ކަމެއް ކުރުމާއި ދެކޮޅު ހަދަނީއެއް ނޫނެވެ. މާތް ﷲ އަންގަވާފައިވަނީ ސަބަބުތަކުގައި ހިފަހައްޓައިގެން މަސައްކަތްކުރުމަށެވެ. 

ބުނަން ބޭނުންވަނީ މިނާޒުކު ޙާލަތުގައި ރާއްޖޭގެ ރަށްތައް ހިމާޔަތްކޮށްދެއްވަވާފަރާތކީ މާތް ﷲ އެވެ. މާތް ﷲ އިރާދަކުރައްވަވައިފިނަމަ އުދައަށް ނޭރޭނެ ވަރުގެ އުސްތޮށްޓެއް ނުލެވޭނެއެވެ. ކިތަންމެ ވަރަކަށް އުސްކުރި ނަމަވެސް ހަމަ އަރާނެއެވެ. 

ބޮޑެތި އުސްފަރުބަދަތައް މަތީގައިވާ ސަރަހައްދުތަކުގައި ފެންބޮޑުވެއެވެ. ބިންގަނޑު ކަނޑައިގެންގޮސް މީހުންތައް ވަޅުލެވެއެވެ. ފަހުޒަމާނުގައި މީހުން ދިރިތިއްބައި "ބިންގަނޑު މީހުން ދިރުވާނެކަން" ޙަދީޘްފުޅުން އެނގެން އެބައޮތެވެ. އެހެންވީއިރު އެކަން ހުއްޓުވޭނީ ކާކަށް ހެއްޔެވެ؟ 

ވީމާ ފުރަތަމަ ކުރަންއޮތް ކަމަކީވެސް ކުރެވެން އޮތް ހަމައެކަނި ކަމަކީވެސް މާތް ﷲ ގެ ރުހިވޮޑިގަތުން ހޯދަން މަސައްކަތްކުރުމެވެ. މިކަމަށް އެއްވެސް މުސްލިމަކު ދެބަހެއް ނުވާނެއެވެ. އެކަމަކުވެސް ރާއްޖެއަށް އަރަމުންމިދާ އެންމެ ގެއްލުންބޮޑު އުދައިގެ ވާހަކަދައްކާ މުއައްސަސާއެއް ނުފެނެއެވެ. 

ރާއްޖެއަށް މިހާރު އަރަމުން މިދަނީ އެންމެ ނުރައްކައުތެރި އުދައެވެ. އެއީ އިސްލާމުންގެ ގޮތުގައި ތިބި ބައަކު ކާފިރުވަމުން ދިއުމާއި ކާފިރުކުރަން މަސައްކަތްކުރުމެވެ. މިއަށްވުރެ ބިރުވެރި އުދައެއް ކުރިމައްޗެއް ނުވާނެއެވެ. މިއުދަ ކޮންމެ ދުވަހަކު އަރަމުންދާއިރުވެސް އެ ބިރުވެރި ނުރައްކައުތެރި އުދައިން ރާއްޖެ ސަލާމަތްކުރަން އެއްވެސް ބާވަތެއްގެ "ތޮށްޓެއް" ލަމުން ގެންދާތަނެއް ނުފެނެއެވެ. ފެންނަނީ އެ ބިރުވެރި ނުރައްކައުތެރި އުދައަރަން ފަސޭހަކުރަން މަގުފަހިކުރަމުން ގެންދާތަނެވެ. 

ކެރިހުރެގެން މިއަދުވެސް ބުނާނަމެވެ! އަޅުގަނޑުގެ ނަޒަރުގައި މިނުރައްކައުތެރި ބިރުވެރި އުދަ އެރުން ހުއްޓުވޭނީ ހައުސިންގ މިނިސްޓްރީއަކަށް ނޫނެވެ. އެމްޓީސީސީއަކަށްވެސް ނޫނެވެ. އިސްލާމިކް މިނިސްޓްރީ އަށާއި ފުލުހުންނަށާއި ސިފައިންނަށެވެ. ޝރުޢީ ކޯޓުތަކަށެވެ.

ބައަކަށް ޤަބޫލުނުކުރެވުނު ނަމަވެސް އިސްލާމިކް މިނިސްޓްރީ އެވަނީ މިކަމުގައި ވާގިނެތި ޕެރަލައިޒްވެފައެވެ. ވާގިނެތިފައެވެ. ދީނީ ޢިލްމްވެރިން ވަނީ ދަތްނެތް، ވަކި ނެތް މިނިކާވަގުތަކަކަށް ބަދަލުކުރުވައިފައެވެ. އެބޭފުޅުންނާއިމެދު ނަފްރަތު އުފައްދުވައިގެންނެވެ. ފުލުހުންގެ މުއައްސަސާއިން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ގޮންޖެހުންތައް އެބަހުއްޓެވެ. ފުލުހުންގެ މަސައްކަތަށް މަޖިލީހުގެ ރައީސް އެގެންދަނީ ފައުޅުގައި ބިރުދައްކަމުންނެވެ. 

ސިފައިންނަކީ އަބަދުވެސް ފުލުހުންނަށް ކުރަން އުނދަގޫވާކަންކަން ކުރަން އެހީތެރިވެދެމުން ގެންދާ ބައެކެވެ. ރާއްޖެއަށް އަރަމުން މިދާ މި ބިރުވެރި ނުރައްކައުތެރި އުދައެރުމުން ރާއްޖެ ސަލާމަތްކޮށްދެވޭނެ ހަމައެކަނި މުއައްސަސާއަކަށް މިއަދު ފެންނަން އޮތީ ދިވެހި ސިފައިންގެ މުއައްސަސާއެވެ. ދިވެހި ސިފައިންނެވެ. ޤައުމު މިއަދު ރޮއި އާދޭސްކުރަނީ ދިވެހި ސިފައިންގެ އެހީތެރިކަމަށެވެ. 

މާތް ﷲ މިންވަރުކުރައްވަވާ ކަމެއް، އެކަލާނގެ ރުހިވޮޑިގަތުން ނުހޯދައި ޙާޞިލުކުރެވޭނީ ކޮން ތޮށްތަކަށްކަން ނިކަން ބުނެދީބަލާށެވެ! ވީމާ ކުޑަ އުދައެރުން ހުއްޓުވުމަށްވުރެ މުހިންމީ އެންމެ ބޮޑު އުދައެރުން ހުއްޓުވުން ކަމުގައި ބުނާބަސް އަލުން ތަކުރާރުކޮށްލީއެވެ. ހަމައެކަނި ﷲ ތަޢާލާގެ އަޅެއްގެ ޙައިޞިއްޔަތުންނެވެ. 

- އަލަފްގެ ވިސްނުން

މިއަދު އޮންލައިން