ޖައްސާ ބައެއް ފްލައިޓްތަކުން ހުޅުމާލެއަށާއި މާލެއަށް އަންނަން ބޭނުންވާ 200 ވަރަކަށް ފަސިންޖަރުންވެސް އެބަ އައުދެއެވެ. އެމީހުންގެ ލަގެޖް ފްލައިޓުން ބާލައިގެން ގެނެސް ބެލްޓް ކައިރީ ފުނިޖެހޭއިރުވެސް ލަގެޖް އަރުވާނެ ޓްރޯލީއެއް ނުލިބެއެވެ.
އެކަން ބޮޑުވެގެން މިއަދުވެސް ޓްރޯލީއެއް ގަންނަން ނުވަތަ ކުއްޔަށް ލިބޭނެ ގޮތެއް އޮތްތޯ ފަސިންޖަރުން ސުވާލުކުރަމުން ގެންދާތަން ވަނީ ފެނިފައެވެ.
މިވާ ގޮތެއްކަމަށް ބެލެވެނީ ކުރީ ފްލައިޓުން އައި ފަސިންޖަރުންތައް ޓްރޮލީތައް ހިފައިގެން ނުކުތުމުން ޓެކްސީ ކިޔުގެ އިންތިޒާމު އޮންނަ ގޮތުން ފަހަރަކު ޓެކްސީއަކަށް އަރަން ގަޑި ދެގަޑިއިރު ނަގަނީއެވެ. ގިނަ އިރުތަކެއްވަންދެން ޓްރޯލީތައް ތާށިވަނީއެވެ. ހުސްވާވަރުން އެތެރެއަށް ގެންގޮސްދޭނެ ބައަކު ނުތިބެނީއެވެ. އެތައް އިރަކުން ގެންދެވޭއިރުވެސް ވައްދާ ދޮރުހުޅުވައިލަދޭނެ މީހަކުވެސް ނުހުންނަނީއެވެ.
މިއީ މިއަދުވެސް ލޮލުންދެކެ ތަޖުރިބާކުރަންޖެހުނު ކަންކަމެވެ.
މިކަންތައްތައް މިގޮތަށް ކުރަމުން ގެންދާ ސަބަބެއްކަމަށް ބައެއް ފަސިންޖަރުން ބުނަމުން ގެންދިއައީ އެމްއޭސީއެލްއަށް އެވްރުވެސް ކޮށްނުދެވޭކަން ދައްކަން ކަމަށެވެ. ފަހަތުގައިވާ ބޮޑު ސިއްރަކީ ޖީއެމްއާރަށް ނުވަތަ އެނޫންވެސް އިންޑިއާގެ ކުންފުންޏަކާއި އެއާޕޯޓް ހިންގުން އަލުން ޙަވާލުކޮށްގެން ނޫނީ އެވަރުގެ ޚިދުމަތެއްވެސް ދެވެން ނެތްކަން ދެއްކުން ކަމަށެވެ.
ޓެކްސީ ކިޔުގެ އިންތިޒާމުތައް އޮންނަ ގޮތުން ޓްރޯލީތައް ގިނައިރު ތާށިވާކަން އެނގޭތާ އެތައް ދުވަހެއްވަމުން އަންނައިރުވެސް އެކަން ޙައްލުކުރަން ކަމެއް ނުކުރަނީ، އަދި ޓްރޯލީ އިތުރު ނުކުރަނީ ވަރަށް ހީލަތްތެރި ރޭވުމެއްގެ ދަށުންކަމަށް ގިނަބައަކު ބުނެއެވެ.
އެތަނުގައި ޙަރަކާތްތެރިވި މުވައްޒިފުންނާއި ސުވާލުކުރަމުން ދަނިކޮށް އެންމެ މުވައްޒިފެއްގެ ކިބައިން ޖަވާބެއް ލިބުނެވެ. "މިއުޅެނީ ގެންނަން ބުނެގެން. މިހާރުވެސް ބުނެގެން މިއުޅެނީ."
އެއާޕޯޓް ހިންގުމުގެ ކަންކަން ހަރުދަނާކުރުމުގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ މުސާރައަށްވުރެ މާބޮޑު މުސާރައެއް ދީފައި ބޭރުން މީހަކު ގެނެސްފައި ހުންނަ ވާހަކައެއްވެސް ނޫސްތަކުން ވަނީ ފެނިފައެވެ.