އާ ކަންޓްރީ ޕާޓްނާޝިޕް ފްރޭމްވޯކް މެދުވެރިކޮށް ވޯލްޑް ބޭންކް ގްރޫޕާއި ރާއްޖެއާ ދެމެދު ގުޅުން ބަދަހިކުރަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 4މ 49ސ
އާ ކަންޓްރީ ޕާޓްނާޝިޕް ފްރޭމްވޯކް މެދުވެރިކޮށް ވޯލްޑް ބޭންކް ގްރޫޕާއި ރާއްޖެއާ ދެމެދު ގުޅުން ބަދަހިކުރަނީ

ދެމެހެއްޓެނިވި، ކާރިސާތަކަށް ތައްޔާރުވެފައިވާ އަދި އެންމެންގެ ބައިވެރިވުން އޮންނަ މުސްތަގުބަލެއް ގާއިމްކުރުމުގައި ރާއްޖެއަށް އެހީތެރިވެދިނުމަށް ރާއްޖެއަށް އަލަށް އެކުލަވާލި ކަންޓްރީ ޕާޓްނާޝިޕް ފްރޭމްވޯކް (ސީޕީއެފް) 2023-2027އާ ބެހޭ ގޮތުން ވޯލްޑް ބޭންކް ގްރޫޕްގެ އެގްޒެކެޓިވް ޑިރެކްޓަރުންގެ ބޯޑުން މިއަދު މަޝްވަރާކުރައްވައިފި އެވެ. 

ފަސް އަހަރުގެ މުއްދަތަކަށް އެކުލަވާލި އާ ސިޔާސަތުގައި ވޯލްޑް ބޭންކް ގްރޫޕްގެ މެމްބަރު ޖަމިއްޔާތަކުގެ ތެރެއިން ވޯލްޑް ބޭންކް، ތަރައްގީވަމުން އަންނަ ގައުމުތަކުގެ އަމިއްލަ ވިޔަފާރިތަކަށް ހާއްސަކޮށް މަސައްކަތްކުރާ އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން (އައިއެފްސީ) އަދި ސިޔާސީ ކަންކަމާ ގުޅޭ އިންޝުއަރެންސާއި ފައިސާ ހޯދަން ފަހިވާނެ ފަދަ ގެރެންޓީ ދޭ މަލްޓިލޭޓަރަލް އިންވެސްޓްމަންޓް ގެރެންޓީ އެޖެންސީ (މީގާ) އިން ރާއްޖެއާ އެކު މަސައްކަތް ކުރާނެ މައިގަނޑު ދާއިރާތައް ކަނޑައަޅާފައިވެ އެވެ. 

އާ ސީޕީއެފްގެ އަމާޒަކީ މައިގަނޑު ތިން މަގްސަދެއް ހާސިލްކުރުމެވެ. އެއީ، އިގްތިސާދީ ފުރުސަތުތައް އިތުރުކުރުމާއި އިންސާނީ ވަސީލަތްތަކުގެ ނަތީޖާ ރަނގަޅުކުރުން އަދި ކުރިމަތިވާ ކުއްލި ހާލަތްތަކާއި ކާރިސާތަކަށް ތައްޔާރުވެފައިވާ މިންވަރު އިތުރުކުރުމެވެ. މި މަގްސަތުތައް ހާސިލުކުރުމަށްޓަކައި އަހައްމިއްޔަތުކަން ދޭނެ ދާއިރާތަކަކީ: ތައުލީމާއި ސިއްހީ ނިޒާމުގެ ފެންވަރު ހަރުދަނާކުރުން؛ މުޖުތަމައުގައި ތިބި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ދެވޭ އެހީތެރިކަން އިތުރުކުރުން؛ މާލީ ދާއިރާގެ ކަންކަން ހަރުދަނާކޮށް، ދެފުށް ފެންނަކަން ކަށަވަރުކުރުން؛ މުރަކައިގެ ފަރުތައް ފަދަ ގުދުރަތީ މުއްސަނދިކަން ހިމާޔަތްކޮށް، މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކާތައް ކުޑަކުރުން؛ ގުދުރަތީ ވަސީލަތްތައް ބޭނުންކޮށްގެން އިގްތިސާދީ ކުރިއެރުން އިތުރުކުރުން؛ ހިދުމަތްތައް ފޯރުކޮށްދިނުން ހަރުދަނާކުރުން؛ އަދި ދިވެހި ރައްޔިތުންނަށް، ހާއްސަކޮށް އަންހެނުންނާއި ޒުވާނުންނަށް އާ ފުރުސަތުތައް ފަހިކޮށްދިނުމެވެ. 

ސީޕީއެފް ތައްޔާރުކޮށްފައިވަނީ ސިސްޓަމެޓިކް ކަންޓްރީ ޑައިގްނޯސްޓިކް އަޕްޑޭޓެއްގެ ޒަރިއްޔާއިން ރާއްޖޭގެ ތަރައްގީއަށް ހުރި ގޮންޖެހުންތަކާއި ފުރުސަތުތައް ފުޅާ ދާއިރާއެއްގައި ދިރާސާކޮށް، ކުރީގެ ސީޕީއެފް ތަންފީޒުކުރުމުގެ ތެރޭގައި ލިބުނު ފިލާވަޅުތަކުގެ މައްޗަށް ބިނާކޮށް، ކަމާބެހޭ ފަރާތްތަކާއި މަދަނީ ޖަމިއްޔާތަކާއި އަމިއްލަ ފަރާތްތަކާއި އިލްމީ ބޭފުޅުން އަދި ބައިނަލްއަގުވާމީ ބައިވެރިންނާ އެކު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރުމަށް ފަހު އެވެ. 

"ރާއްޖެއަށް އެކަށައެޅި އާ ކަންޓްރީ ޕާޓްނާޝިޕް ފްރޭމްވޯކް ރަމްޒުކޮށްދެނީ ސަރުކާރާއި މަދަނީ ޖަމިއްޔާތަކާއި ތަރައްގީގެ ބައިވެރިންނާއި ރާއްޖޭގެ އެހެނިހެން ފަރާތްތަކާ އެކު އޮންނަ ގާތް ގުޅުން. މި ޕާޓްނަޝިޕްގެ ސަބަބުން، ރާއްޖޭގެ ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކޮށް، ދެމެހެއްޓެނިވި، ކާރިސާތަކަށް ތައްޔާރުވެފައިވާ އަދި އެންމެންގެ ބައިވެރިވުން އޮންނަ މުސްތަގުބަލެއް އެންމެހާ ދިވެހިންނަށް ހޯދައިދިނުމަށް އެހީތެރިއަކަށް ވާނެ ކަމަށް އަޅުގަނޑުމެން ގަބޫލުކުރަން،" ވޯލްޑް ބޭންކުން ރާއްޖެ އާއި ނޭޕާލް އަދި ސްރީ ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފާރިސް ހަދާދު-ޒަރްވޯސް ވިދާޅުވި އެވެ. 

ވޯލްޑް ބޭންކުން ރާއްޖޭގައި މިހާރު ކުރިއަށްގެންދާ ޕްރޮގްރާމުގައި އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައިޑީއޭ)ގެ އެހީގެ ދަށުން ހިންގާ 9 ޕްރޮޖެކްޓަކާއި އައިޑީއޭގެ 1 ގެރެންޓީ ހިމެނޭއިރު، މި މަޝްރޫއުތަކަށް ކަނޑައަޅާފައިވާ ފައިސާގެ ޖުމްލަ 178 މިލިއަން ޑޮލަރަށް އަރަ އެވެ. މި މަޝްރޫއުތައް ހިންގާ ދާއިރާތަކަކީ އިއާދަކުރަނިވި ހަކަތަ، ޒުވާނުންނަށް ވަޒީފާ ހޯދަން ބޭނުންވާ ހުނަރުތައް، ޑިޖިޓަލް ޓެކްނޮލޮޖީ، އުމްރާނީ ތަރައްގީ، ކުނި މެނޭޖުކުރުން، ކޮވިޑް-19އާ ދެކޮޅަށް މަސައްކަތްކުރުން، ސިއްހީ އަދި ތައުލީމީ ދާއިރާ، އަދި އިޖުތިމާއީ ރައްކާތެރިކަމެވެ. މީގެ އިތުރުން، ވޯލްޑް ބޭންކުން ވަނީ އިގްތިސާދީ ހާލަތު ދެނެގަތުމާއި މާލީ ދާއިރާ އާއި އިޖުތިމާއީ ރައްކާތެރިކަން އަދި ފަގީރުކަން ނައްތާލުން ފަދަ ދާއިރާތަކުން ވެސް ފަންނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ. 

އަމިއްލަ ވިޔަފާރިތައް ތަރައްގީކުރުމަށް އިސްކަންދޭ ވޯލްޑް ބޭންކް ގްރޫޕުގެ ބައެއް ކަމަށްވާ އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން (އައިއެފްސީ)ގެ މެމްބަރަކަށް ރާއްޖެ ވީ 1983 ވަނަ އަހަރު އެވެ. އޭގެ ފަހުން ފާއިތުވެދިޔަ އަހަރުތަކުގައި އައިއެފްސީން ވަނީ، އެހެން ފަރާތްތަކުން ފައިސާ ހޯދައިދިނުން ހިމެނޭ ގޮތަށް 200 މިލިއަނަށް ވުރެ ގިނަ ޑޮލަރު އިންވެސްޓްކޮށްފަ އެވެ. 

"ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށް މަގުފަހިކުރުމަށްޓަކައި އަމިއްލަ ވިޔަފާރިތަކަށް ފުރުސަތު ހުޅުވާލުމަކީ ވަރަށް މުހިންމު ކަމެއް. ޑިޖިޓަލް އިގްތިސާދަށް އިތުރު ސަމާލުކަމެއް ދީގެން، އަމިއްލަ ވިޔަފާރިތަކުން ފަހި އިގްތިސާދީ ކުރިއެރުވުމަކީ އިގްތިސާދު ފުޅާކޮށް، ހުރިހާ ރައްޔިތުންނަށް ވެސް އޭގެ ފައިދާ ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ ކަމެއް. ފާއިތުވި ދެ އަހަރުގެ ތެރޭގައި އައިއެފްސީން ވަނީ މާލީ އަދި ޑިޖިޓަލް ވަސީލަތްތަކަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކޮށް، އިގްތިސާދީ ބަދަލުތަކަށް އެހީތެރިވެދީ، ކާރިސާތަކަށް ތައްޔާރުވެފައިވާ މިންވަރު އިތުރުކުރުން ހިމެނޭ ގޮތަށް ރާއްޖޭގައި ކުރާ މަސައްކަތްތައް ފުޅާކޮށްފައޮ. ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ސީޕީއެފް ތަންފީޒުކުރުމަށް ސަރުކާރާއި އެހެނިހެން ބައިވެރިންނާ އެކު މަސައްކަތް ކުރާނެ ކަމަށް އުއްމީދު ކުރަން،" އައިއެފްސީން ދެކުނު އޭޝިއާ ސަރަހައްދަށް ކަނޑައަޅުއްވާފައި ހުންނަވާ ރީޖަނަލް ޑިރެކްޓަރު ހެކްޓާ ގޯމޭޒް އަންގް ވިދާޅުވި އެވެ.

މިއަދު އޮންލައިން