ޖެކް މާ- ދުނިޔޭގެ އެންމެ މުއްސަނދި އެކަކު، ކާމިޔާބު މީހަކަށްވުމަށް ދީފައިވާ ނަޞޭޙަތުގެ ތެރެއިން ޢުމުރުގެ ދުވަސްތައް ބަހައިލަންވީ ގޮތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 49ސ
ޖެކް މާ- ދުނިޔޭގެ އެންމެ މުއްސަނދި އެކަކު، ކާމިޔާބު މީހަކަށްވުމަށް ދީފައިވާ ނަޞޭޙަތުގެ ތެރެއިން ޢުމުރުގެ ދުވަސްތައް ބަހައިލަންވީ ގޮތް-

ޢުމުރުން 25 އަހަރުވަންދެން ޢިލްމު އުނގެނެން މަސައްކަތްކުރާށެވެ. ކަންކަން ދަސްކުރަން މަސައްކަތްކުރާށެވެ! ޢަމަލީ ތަޖުރިބާތައްވެސް ކުރަމުން ގެންދާށެވެ! ވެއްޓޭނެއެވެ! ވެއްޓޭއިރަށް ފުންމައިގެން ތެދުވާށެވެ! 

25 އަހަރާއި 30 އަހަރާއި ދެމެދުގައި މަސައްކަތްކުރަންވީ ކުޑަ ކުންފުންޏެއްގައެވެ. ބޮޑުކުންފުންޏެއްގައި މަސައްކަތްކުރާނަމަ ކުރަންޖެހޭ މަސައްކަތް މަދުވާނެއެވެ. އެއީ އެކުންފުނީގެ މަސައްކަތްތައް ހުންނާނީ ސިސްޓަމެޓިކް ކޮށްފައި ކަމަށްވުމުން މުވައްޒިފުންގެ ދައުރު ހަނިވެގެންދާނެތީއެވެ. ނަމަވެސް ކުޑަ ކުންފުންޏެއްގައި މަސައްކަތްކުރާނަމަ ކުރަންޖެހޭ މަސައްކަތްތައް ގިނަވުމުން ލިބޭ ތަޖުރިބާތައްވެސް ގިނަވެގެންދާނެއެވެ. 

މަސައްކަތްކުރަން މުހިންމީ ކުންފުނީގެ ސައިޒެއް ނޫނެވެ. ކުންފުނީގެ ވެރިންގެ ތޫނުފިލިކަމެވެ. ހުޝިޔާރުކަމެވެ. ކަންކަން ދަސްވާނީ އެފަދަ ވެރިއެއްގެ ކިބައިންނެވެ. 

ކަލެއަކީ ކޮންމެވެސް ދުވަހަކުން އަމިއްލަ ވިޔަފާރިވެރިއަކަށްވާން ބޭނުންނަމަ ޢުމުރުން 30 އަހަރުން ފެށިގެން 40 އަހަރާއި ދެމެދު ކުރާ ކަންކަން ވަރަށް ރަނގަޅަށް ދަސްކުރަންވާނެއެވެ. އަމިއްލައަށް މަސައްކަތްކުރެވޭނީ އެކަމެއް އަމިއްލައަށް ކުރަން ދަސްކުރިވަރަކުންނެވެ. 

ޢުމުރުން 40 އަހަރާއި 50 އަހަރާއި ދެމެދުގައި މަސައްކަތްކުރަންވީ އެހައިތަނަށް ދަސްވެފައި ހުރި ކަންކަން އެންމެ ފައިދާހުރި ގޮތަށް ކުރަން މަސައްކަތްކުރުމަށެވެ. އިތުރު އައު ކަންކަން ދަސްކޮށް ތަޖުރިބާކުރަން މަސައްކަތްނުކުރާށެވެ. އެހެނީ ޢުމުރު ހުސްވުމުގެ ވަޤުތު އެއަންނަނީ ވަރަށް ބޮޑަށް ކައިރިވަމުންނެވެ. 

50 އަހަރުން 60 އަހަރާއި ދެމެދުގައި ޒުވާނުންނަށް ފުރުޞަތުދޭށެވެ. ޒުވާނުންނަށް ހިތްވަރުދޭށެވެ. ޒުވާނުން ލައްވައި ކަންކަން ކުރުވަން މަސައްކަތްކުރުވާށެވެ. ސަބަބަކީ ޒުވާނުންގެ ވިސްނުން ތޫނުވުމުން މަސައްކަތްކުރަން ކަލެއަށްވުރެ ހުޝިޔާރުވާނެތީއެވެ. 

ޢުމުރުން 60 އަހަރުވީމާ އަރާމުކުރަން ގިނަ ވަޤުތު ހޭދަކުރާށެވެ! ގޮނޑުދޮށުގައި އޮށޯވެ އޮންނަ ވަޤުތު ގިނަކުރާށެވެ. 

(ޖެކް މާ އަކީ ޗައިނާގެ ބިލިއަނރެކެވެ. ދުނިޔޭގެ އެންމެ ބޮޑު އެއް އިންވެސްޓަރެވެ. ދުނިޔެއަށް މަޝްހޫރު ޢަލިބާބާ ގްރޫޕުގެ ކޯފައުންޑަރެވެ. އެ ގްރޫޕުގެ އެގެޒެކަޓިވް ޗެއާމަންކަންވެސް ކުރައްވާފައިވާ ވިސްނުން ތޫނު ހުޝިޔާރު ވިޔަފާރިވެރިއެކެވެ.)

 

 

މިއަދު އޮންލައިން