މިމަހުގެ 5 ވަނަ ދުވަހުން ފެށިގެން އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ ގޮތުގައި ޑިޖިޓަލް ލައިސަންސް ބޭނުންކުރަން ނިންމައިފިއެވެ.
ފުލުހުންގެ ޚިދުމަތުގެ ފަރާތުން ބޭނުންކުރަމުންދާ (Police Mv) އެޕްލިކޭޝަން އިން ފެންނަ ޓްރާންސްޕޯޓް މިނިސްޓްރީގެ ޑިޖިޓަލް ލައިސަންސްއަކީ އުޅަނދުތައް ދުއްވާ ފަރާތްތަކުގެ ލައިސަންސްގޮތުގައި ބަލައިގަނެ އެޕްލިކޭޝަންއިން ފެންނަ ލައިސަންސްއަކީ މުއްދަތު އޮތް ލައިސަންސްއެއްނަމަ އެއީ ޞައްޙަ ލައިސެންސް ކަމުގައި މޯލްޑިވްސް ޕޮލިސް ސާރވިސް ބަލައިގަތުމަށް މިނިސްޓްރީން އަންގަފާއި ވާކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.
އަލަށް ތަޢާރަފްކުރާ މި ސޮފްޓްވެއަރގައި ލައިސަންސަށް އެދި ހުށަހެޅުމާއި، އެންމެހާ މަސައްކަތްތައް ކުރެވިގެންދާނީ ޑިޖިޓަލްކޮށެވެ. އަދި، ލައިސަންސް ދޫކުރެވާނީވެސް ޑިޖިޓަލް ކޮށެވެ. މި ބަދަލާއި ގުޅިގެން މިހާރު ޕްރިންޓިންގއަށް ކުރަމުން ގެންދާ ހޭދަ ކުޑަވެގެން ދާނެއެވެ. ޑިޖިޓަލްކޮށް ލައިސަންސް ދޫކުރާ ގޮތަށް ބަދަލުކުރިނަމަވެސް ކޮންމެހެން ލައިސަންސް ކާޑު ޕްރިންޓް ކޮށްގެން ގެންގުޅެން ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ފަހިކޮށް ދޭނެކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެއެވެ.
މިހާރު ތައްޔާރުކުރަމުންގެންދާ ސޮފްޓްވެއަރގައި މިނިސްޓްރީން ފޯރުކޮށްދޭ ހުރިހާ ޚިދުމަތެއް ހިމެނިފައި ވާއިރު، މިހާރު ޚިދުމަތް ދިނުމުގައި ބޭނުންކުރާ 7 ސޮފްޓްވެއަރ، އެއް ސޮފްޓްވެއަރ އަކަށް ބަދަލު ކުރެވި ޚިދުމަތްތައް ޒަމާނީ ކުރެވިގެންދާނެކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެއެވެ.
މިދިޔަ ޖެނުއަރީ މަހުގެ 29ވަނަ ދުވަހުން ފެށިގެން 04 ފެބުރުއަރީގެ ނިޔަލަށް ލައިސަންސްގެ އެންމެހާ ޚިދުމަތްތައް ވަގުތީގޮތުން ވަނީ ހުއްޓާލާފައެވެ. މިހިދުމަތް ހުއްޓާލީ މިނިސްޓްރީގެ ޚިދުމަތްތައް ލުއިފަސޭހަކަމާއެކު ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ތައްޔާރުކޮށްފައިވާ ސޮފްޓްވެއަރގައި ހިމެނޭ ޚިދުމަތްތަކުގެ ތެރެއިން، އެއްގަމުގައި ދުއްވާ އުޅަނދު ދުއްވުމުގެ ލައިސަންސާއި ބެހޭ ޚިދުމަތް ރޯލްއަޓްކުރުމަށާއި ޑޭޓާ މައިގްރޭޝަންގެ މަސައްކަތްކުރުމަށެވެ.
ޑިޖިޓަލްކުރުމުގެ މަސައްކަތަކީ ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ވަރަށް ޚާއްސަ އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދާ މަސައްކަތެކެވެ.