ރާއްޖެ އިސްލާމްވީންސުރެ މިއަދާއި ހަމައަށް ރާއްޖޭގެ ބިން ކާފިރުންނަށް ވިއްކާފައިނުވި ނަމަވެސް ދައުލަތް ހިންގޭނެ ފައިސާ ނެތުމުން މިހާރު އެއުޅެނީ ރާއްޖޭގެ ބިން ރީތި ނަންނަމުގައި ކާފިރުންނަށް ވިއްކާށެވެ.
އެބިންތަކަށް ރާއްޖޭގެ ޤާނޫނު ހިނގާނެ ކަމަށް ބުނެ ރައްޔިތުންގެ ލޮލުގައި އަޅުވަމުން ގެންދާ އަނދުން ޤަބޫލުކުރަން ހެޔޮނުވާނެކަން އެޗްޑީސީ އާއި ސަރުކާރުގެ ޢަމަލުތަކުން މިހާރުވެސް ވަނީ ސާބިތުވެފައެވެ
ފުރަތަމަ ސަބަބަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިކަން ފަށަމުން ދެއްކި ވާހަކަތައް އެކޮޅުކޮޅުން ޖެހިފައިވާ ކަމެވެ. ދިވެހިންގެ ޘަޤާފަތަށާއި އާދަކާދަތަކަށާއި އިސްލާމް ދީނުގެ ޙުރުމަތް ނުކަނޑާނެކަމުގެ ޔަޤިންކަމާއިއެކު ފެށި މަސައްކަތުގައި މިހާރު ރަށްތަށް އޮތް ޙާލު އެއީ ސިއްރެއް ނޫނެވެ.
ގިނަ ރަށްތަކެއްގައި މިސްކިތުގައި އިންނަ މީހާއަށް ބޭރު ބަލައިލެވޭކަށް ނެތެވެ. ﷲ އަށް ބިރުވެތިވާ، ލަދުޙަޔާތް ހުރި މީހަކަށް މަގުމައްޗަށް، ގޮނޑުދޮށަށް ނުކުމެވޭކަށް ނެތެވެ. ޤާނޫނުތަކަށް ބަދަލެއް ނުގެނެއެވެ. ދެއްކި ވާހަކައަކަށްވެސް ބަދަލެއް ނުގެނެއެވެ. އެޙާލަތުގައި އޮތްއިރު ސައިކަލާއި ކާރުގައި ދެވޭނެ ތިލަފުށީގައި ކާފިރުން އެމީހުންގެ އަމިއްލަ ބިމުގައި ބިމުގައި ކުރާނެ ކަންކަން ހިތަށް ގެނައުން ރަނގަޅުވާނެއެވެ.
އެޗްޑީސީއަކީ އެކުންފުނީގެ މައި އޮފީސް ހުރި، އެތައް ސަތޭކަ މުވައްޒިފުން ޙަރަކާތްތެރިވާ ހުޅުމާލޭގައި ހިންދޫ ކަލާނގެއެއްގެ ބޮޑު ބޯޑު ފައުޅުކޮށް ފެންނަ ގޮތަށް ޖަހައިގެން ހިންގި ކަންކަން ފެނުނުކަމަށްވީ ކުންފުންޏެއް ނޫނެވެ. އެހެންކަމަށްވާއިރު އެވަރުގެ ކުންފުންޏަކަށް ތިލަފުށީގައި ބައަކު ކުރާނެ ކަންކަން ބަލަހައްޓާނެ ނޫނީ ބެލެހެއްޓޭނެ ކަމަށް ޤަބޫލުކުރާނީ ބުއްދި ސަލާމަތުން ނެތް ބައަކު ނޫންތޯއެވެ؟
ކުރިއަށް އޮތީ ބިލިއަނުން ރުފިޔާ ބޭނުންވާ ދުވަސްތަކެވެ. ދިވެހިންގެ އާދަކާދަތަކަށާއި ދީނެއް މިއްލަތަކަށް ބަލާނެތޯއެވެ؟ އޭސީސީގެ މެންބަރުން އެންމެ ގިނައިން ބަދަލުކުރި ސަރުކާރަކީ ކޮބައިތޯ އާއި އެކަމުގެ ސަބަބުވެސް އޮތީ އެނގެން ނޫންތޯއެވެ؟
މިކަންކަމަށް ރައްޔިތުން މިއަދު ލޯމަރާލައިފިނަމަ އެމެރިކާ ސިފައިންނަށް އިރާޤަށް އެރުމުގެ ފުރުޞަތު ދިނުމުން ޖެހުނު ޙާލަށްވުރެ މާ ހިތާމަވެރި ޙާލަތަކަށް ޤައުމުގެ ކަންކަން ވެއްޓިގެން ނުދާނެކަމަށް ކޮން ޔަޤީންކަމެއްތޯއެވެ؟
2018 ގެ އިންތިޚާބުގައި ކުންފުނީގެ ފައިސާ ނަހަމަ ގޮތުގައި އެންމެ ގިނައިން ބޭނުންކުރި ކުންފުންޏަކީ އެޗްޑީސީކަމަށްބުނެ މިހާރުގެ ސަރުކާރުން އެއިރު އިދިކޮޅުގައި އޮވެ ދެއްކި ވާހަކަތަކުގެ ޚަބަރުތައް އެހެރީ މިހާރުވެސް ފެންނަން ނޫންތޯއެވެ؟