ބ. ދޮންފަނު - ކަނޑުތަކާއި ތިމާވެއްޓަށް އަހުލުވެރިކުރުމުގެ މަޤްޞަދާއެކު ސޮނެވާ ނަމޫނާއިން ބާއްވާ "އިންސްޕަޔަރ ޝޯ ޓު އޯޕަން ވޯޓަރ ފެސްޓިވަލް" ދޮންފަނުގައި އިއްޔެ ބާއްވައިފިއެވެ. މިއީ މި ފެސްޓިވަލް ބޭއްވޭ ދެވަނަ ފަހަރެވެ.
މި 3 ދުވަހުގެ ފެސްޓިވަލުގައި، ސޮނެވާ ނަމޫނާގެ އިންސްޕަޔަރ ޕްރޮގްރާމްގެ ޝޯ ޓު އޯޕަން ވޯޓަރ ސީރީޒްގެ ދަށުން ދަސްވެނިވި 11 ސްވިމިން އެންޑް ވޯޓަރ ރެސްކިއު އިންސްޓްރަކްޓަރުންގެ ކާމިޔާބީ ވަނީ ފާހަގަކޮށްފައެވެ. މި ފެސްޓިވަލް ބޭއްވުނީ ބ. މާޅޮސް، ދަރަވަންދޫ، ދޮންފަނު، ކަމަދޫ، ކުޑަރިކިލު، ކެންދޫ އަދި ނ. މަގޫދޫ، ޅޮހި އަދި ކުޑަފަރީގެ ބައިވެރިވުމާއެކުގައެވެ. ޝޯ ޓު އޯޕަން ވޯޓަރ ސީރީޒްއަކީ މޯލްޑިވްސް ސްވިމިން އެންޑް ލައިފް ސޭވިން ސްކިލްސް ޓްރެއިނިން ސްކޫލް އާއިއެކު ކަނޑުފަޅުތަކަށް ލޯބި ޖައްސާ އެ ތަންތަން ހިމާޔަތް ކުރުމުގެ އާދަ އަންނަން އޮތް ޖީލުތަކުގައި އަށަގެންނެވުމުގެ މަޤްޞަދުގައި ހިންގާ ޕްރޮގްރާމްއެކެވެ. ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒުނާ އަޙްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.
ސްވިމިން އެންޑް ވޯޓަރ ރެސްކިއު ޕްރޮގްރާމްގެ ދަށުން ސްވިމިން އިންސްޓްރަކްޓާރސް ތަމްރީނުކޮށް، އިންސްޓްރަކްޓާރސް މެދުވެރިކޮށް މި ރަށްރަށުގައި ރައްކާތެރިކަމާއެކު މޫދުގައި އުޅޭނެ އުކުޅުތައް ދަސްކޮށްދީ ކަނޑަށް ފަރިތަވާން ދަސްކޮށްދެވޭނެއެވެ.
މި ޕްރޮގްރާމް ފުރިހަމަކުރުމުގެ ގޮތުން ކޯހުގެ ބައިވެރިންވަނީ ފެތުމާއި ވޯޓަރ ރެސްކިއު ހުނަރު އަންހެނުންނާއި ކުޑަކުދިން ހިމެނޭ ގޮތަށް، 253 ފަރާތަކަށް ދަސްކޮށްދީފައެވެ. މީގެ އިތުރުން، މޯލްޑިވްސް ސްވިމިން އެންޑް ލައިފްސޭވިންގ ސްކިލް ޓްރެއިނިންގް ސްކޫލް އިން ތައްޔާރުކޮށްފައިވާ 150 ގަޑިއިރުގެ ކޯހެއް ޕްރޮގްރާމްގެ ބައިވެރިންވަނީ ފުރިހަމަ ކޮށްފައެވެ.
ދަސްވެނިވުމުގެ ހަފްލާގައި ކޯހުގެ ބައިވެރިންވަނީ ދަސްވެފައިވާ ހުނަރުތައް ސިމިއުލޭޝަން ޑްރިލްއެއްގެ ތެރެއިން ދައްކާލާފައެވެ. މި ފެސްޓިވަލުގައި ދޮންފަނުގެ ގޮނޑުދޮށާއި ރަށް ސާފުކުރުމުގެ އިތުރުން ވޯޓަރ ޕޯލޯ މުބާރާތަކާއި ބޮޑުބެރާއެކު ބާބަކިއުއެއް ބޭއްވުނެވެ.
މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒުނާ އަޙްމަދު ވަނީ ކޯހުގެ ބައިވެރިންނަށް މަރުހަބާ ދަންނަވާ، ސޮނެވާ ނަމޫނާގެ މަސައްކަތުގެ މުހިންމު ކަމާއި ރަށްތަކުގެ ކައުންސިލްތަކާއި ރައްޔިތުން މި މަސައްކަތަށް ދެއްވާ އަހަންމިއްޔަތުކަމަށް ތައުރީފުދަންނަވާފައެވެ.
"އަޅުގަނޑު އަބަދުވެސް ދެކެމުންއައި ހުވަފެނެއް މިއީ ސްވިމިން އިންސްޓްރަކްޓަރަކަށް ވުން. މިއަދު މިއޮތީ މި ހުވަފެން ސީދާވެފަ. ދެން އޮތީ އަޅުގަނޑުގެ މަސައްކަތް. އަޅުގަނޑު އިރާދަކުރެއްޖެއްޔާ މި މެޑަލް ހިފައިގެން ގޮސް އަޅުގަނޑުގެ ރަށުގެ މީހުން އަދި ސްކޫލް ކުދިންނަށް ބަލާނަން މޫދަކީ ކިހާ މުހިންމު ތަނެއްކަމާއި، މޫދުގެ ސަލާމަތީ ކަންކަމާއި ފަތަން ދަސްކޮށްދޭނަން. މިއީ އަޅުގަނޑު އެންމެ ބޮޑު އުންމީދު،" މި ޕްރޮގްރާމް ފުރިހަމަކުރި ބ. ދަރަވަންދޫ، އާގިސާ އަހްމަދު ވިދާޅުވިއެވެ.
މި ފެސްޓިވަލްގެ ދެވަނަ ބުރު އަޅުގަނޑުމެންގެ ރަށުގައި ބޭއްވިގެން ދިޔުމަކީ އަޅުގަނޑުމެންނަށް ލިބިގެންދާ ވަރަށް ބޮޑު ފަހުރެއް. އަދި މީގެ އިތުރުން ސޮނެވާ ނަމޫނާގެ ޕާޓްނާއަކަށް ވުމާއި އެ ޖަމިއްޔާއިން ކުނި މެނޭޖްކުރުން އަދި ކަނޑުތައް ހިމާޔަތްކުރުމުގެ ގޮތުން ކުރަމުންދާ މުހިންމު މަސައްކަތުގައި ބައިވެރިވުމުގެ ފަހުރު އަޅުގަނޑުމެން ލިބިގަންނަން،" ދޮންފަނު ކައުންސިންގެ ރައީސް އަހްމަދު އިރުޝާދު ވިދާޅުވިއެވެ.
“ނަމޫނާ ރަށްތަކާއި އެކު މަސައްކަތް ކުރުމާއި ޝޯ ޓު އޯޕަން ވޯޓަރ ޕްރޮގްރާމް ގުޅިގެން ޑިވެލޮޕް ކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އަޅުގަނޑުމެން ދެކޭގޮތުގައި، ރަށްތަކުގެ މުޖުތަމައުތަކަށް މި ކަނޑުތަކައި ރައްކާތެރިކަމާއެކު އުޅެން ދަސްކޮށްދިނުމުގެ ސަބަބުން، ވަށައިގެންވާ ތިމާވެއްޓާ މެދު އޮންނަ ގުޅުން އިތުރަށް ވަރުގަދަ ވެގެންދާނެ. މިއަދު މި ޕްރޮގްރާމް ފުރިހަމަ ކުރި ހުރިހާ ކުދިންނަށް ވަރަށް ބޮޑަށް މަރުހަބާ ކިޔަން،" ސޮނެވާ ނަމޫނާގެ އިންސްޕަޔަރ ޕްރޮގްރާމްގެ މެނޭޖަރ އަޒްހޫރާ އަހްމަދު ވިދާޅުވިއެވެ.