ތުރުކީ އާއި ސޫރިޔާއަށް ދިމާވެފައިވާ ބިންހެލުމުގެ ކާރިސާގައި ހާލުގައިޖެހުނު ފަރާތްތަކަށް އެހީވުމަށް ރާއްޖޭގެ އިލްމުވެރިންނާއި މަދަނީ ޖަމްއިއްޔާތައް ގުޅިގެން ހާއްސަ ފަންޑް ރެއިޒިންގ ޕްރޮގްރާމެއްފަށައިފިއެވެ.
"އެއް އުންމަތެކޭމީ..!" މި ނަމުގައި ކުރިއަށްގެންދާ ހަރަކާތް ލޯންޗްކުރުމަށް ބުދަ ދުވަހު ޕޯސްޓް ބިލްޑިންގުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފަންޑު އިންތިޒާމުކުރާ ފަރާތްތަކުން މައުލޫމާތު ދޭގޮތުގައި، ޚިދުމަތް ޖަމްއިއްޔާ، ނަސީހާ، އަލް ގަލަމް، ޔުނައިޓެޑް އިސްލާމިކް ސޮސައިޓީ، ދަރުމަ ފައުންޑޭޝަން، ޒާތުލްޚައިރު ފަދަ އެތައް ޖަމްއިއްޔާއެއް މިހާރު މި ފަންޑާ ގުޅިފައިވާކަމަށެވެ.
އެހީ ފޯރުކޮށްދޭން ބޭނުންވާ މީހުންނަށް އެ ފުރުސަތު ހުޅުވާލާފައިވާއިރު ހުކުރު ދުވަހު ފަންޑު ފޮށިތައް މިސްކިތްތަކުގައި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.
ތުރުކީ އާއި ސޫރިޔާ ހިއްސާކުރާ ބޯޑަރު ސަރަހައްދަށް، ރެކްޓަރ މިންގަނޑުން 7.8ގެ ބާރު މިނުގައި އައި ވަރުގަދަ ބިންހެލުމުގައި 35000ށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.