އިސްލާމީ މަރުކަޒަށް އެންމެންގެ ކުރިމަތީގަ ބިރެއް ނެތި ޤަޟާޙާޖަތް ކުރި އެ ޤައުމުގެ މީހާ ބަންދުން ވީއްލުނީ ބަޔާނުގައި ސޮއިކުރަންޖެހޭ ފުލުހުން ސޮއިނުކޮށް ބަޔާން ހުށަހެޅުމުންނެވެ. މިފަހަރު ފެންމަތިވެގެން މިއުޅެނީ ކުއްޖަކުއްޖަކާ ބެހުނު ކަމުގެ މައްސަލައެއްގައި ދަޢުވާ ކުރަމުން ދަނިކޮށް ހަމަ އެ ޤައުމުގެ މީހަކަށް އެނބުރި ޤައުމަށް ދެވުނުކަމުގެ މައްސަލައެކެވެ.
މިއިން އެއްވެސް ކަމަކަށް އެއްވެސް ޒިންމާއެއް ނަގާނެ އެއްވެސް ފަރާތެއް ދިވެހި ދައުލަތުގެ ތެރެއަކުން ނުފެނެއެވެ. ނުފެންނާތީ "މަޙަލްދިޕޫރު"ގެ ވާހަކަ ދެއްކީމާ ވަނީ ކުށްވެރިއެވެ. "މަހަލްދިޕޫރު" ގެ ވާހަކަ ދައްކަން ރައްޔިތުންނަށް ޖެހިފައިމިވަނީ މިފަދަ ކަންކަން ފެންނަމުންދާތީކަން ފާހަގަކުރެވެއެވެ.
ތިރިގައި އެވަނީ ވީނިޔުސްގައި ޝާއިޢުކޮށްފައިވާ ޚަބަރެއް އެއިގެ އަޞްލާއި އެއްގޮތަށެވެ.
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި އިންޑިޔާ މީހެއްގެ މައްސަލަ ސުޕްރީމް ކޯޓުން ހައިކޯޓުގައި އިސްތިއުނާފު ކުރިއިރު އެ މީހާ ޑީޕޯޓްކޮށްލާފައިވާ ކަމަށް މީޑިއާތަކުގައި ދެކެވޭ ވާހަކަ މޯލްޑިވްސް އިމިގްރޭޝަނުން ދޮގުކޮށްފިއެވެ.
މިކަމާގުޅިގެން އިމިގްރޭޝަނުން އާންމުކުރި ނޫސްބަޔާނުގައި ވަނީ، އިންޑިޔާގެ ރައްޔިތެއް ކަމުގައިވާ ރަމޭޝް ސެލްވަމޮނީއަކީ ރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނާ ޚިލާފުވުމުގެ ސަބަބުން ރާއްޖެއިން ފުރުވާލެވެންދެން އިމިގްރޭޝަންގެ ޑިޓެންޝަން ސެންޓަރުގައި 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހުން ފެށިގެން ބަހައްޓާފައިވާ ފަރާތެއް ކަމަށެވެ.
ނަމަވެސް 2022 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ އަށްވަނަ ދުވަހު ރަމޭޝް ސެލްވަމޮނީ ރާއްޖެއިން ޑީޕޯޓުކޮށްލުމާއި ހަމައަށްވެސް އޭނާއާ ގުޅޭ ޖިނާއީ އެއްވެސް މައްސަލައެއް ރާއްޖޭގެ ކޯޓެއްގައި އިސްތިއުނާފު ކޮށްފައިވާކަން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ރަސްމީ ސިފައެއްގައި އެ އިދާރާއަށް އަންގާފައިނުވާ ކަމަށާއި، ރަމޭޝް ސެލްވަމޮނީ ރާއްޖެއިން ފުރުން މަނާކޮށް އެއްވެސް ކޯޓު އަމުރެއް އެ އިދާރާއަށް ލިބިފައިނުވާ ކަމަށް ވެސް އިމިގްރޭޝަނުގެ ބަޔާނުގައިވެއެވެ.
އިމިގްރޭޝަނުން ޑީޕޯޓްކޮށްލާފައިވާ ރަމޭޝްގެ މައްޗަށް ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ގާނޫނުގެ ދަށުން ކްރިމިނަލް ކޯޓުގައި 2020 ވަނަ އަހަރު ޕީޖީ އޮފީހުން ވަނީ ދައުވާއެއް އުފުލާފައެވެ.
މި މައްސަލައިގައި ކްރިމިނަލް ކޯޓަށް ދައުލަތުން ހުށަހެޅި ހެކިތަކާ ގަރީނާތަކަށް ރިއާޔަތްކޮށް އެ މައްސަލަ ސާބިތު ނުވާ ކަމަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ފަހުކޮޅު ކްރިމިނަލް ކޯޓުން ހުކުމް ކުރުމުން، ދައުލަތުން ދެން އެ މައްސަލަ ހުށަހެޅީ ހައިކޯޓަށެވެ.
ޕީޖީ އޮފީހުން އެ މައްސަލަ ހައިކޯޓަށް ހުށަހެޅީ މިދިޔަ ނޮވެންބަރު މަހުއެވެ. ޕީޖީން އެ މައްސަލަ ބަލައިގަތީ، މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ އަށްވަނަ ދުވަހު ކަމަށްވާއިރު، އެއީ ރަމޭޝް ޑީޕޯޓުކޮލި ދުވަހެވެ.